ލިޔުނީ: މަމްދޫހު އިބްރާހީމް
ވާހަކަ ކިޔަން ތިބި ހުރިހާ ކުދިންނަށް މަރުޙަބާކިޔަމެވެ. ހުރިހާ ކުދިންގެ ހާލު މިއަދު ރަނގަޅުތަ؟ ހުރިހާ ކުދިންވެސް މިއަދު ރޯދައަށް ތިބިކަމަށް އުންމީދު ކުރަމެވެ.
މިއަދު ގެ ވާހަކަ އަކީ ދޮންބުޅަލުގެ ވާހަކައެވެ.
އެއްދުވަހެއްގައި ކުޑަ ދޮން ބުޅަލެއް މަގުމަތީގައި އެކަނި އޮތެވެ. އެ ކުޑަ ބުޅާ އޮތީ ވަރަށް ބަނޑު ހައިވެސް ވެފައެވެ. އެ ކުޑަބުޅަލުގެ މަންމަ ބުޅާ ވީ ގެއްލިފައެވެ. އެހެންވެ އެ ކުޑަބުޅާ އޮތީ ވަރަށް ދެރަވެފައެވެ.
ތި ހުރިހާ ކުދިނަށް ވެސް އެނގޭދޯ ކޮންމެ ދިރޭ ޖަނަވާރަކަށް ވެސް އޯގާތެރިކަމާއި އަޅާލުން ބޭނުންވާނެކަން؟ ވަރަށް ރަނގަޅު!
އެ ގޮތަށް އެ ކުޑަ ބުޅާ އޮއްވާ މަގުމަތީން ދިޔަ ހަތް އަހަރުގެ އަލީއަށް ބުޅާ ފެނުނު. ބުޅާ ފެނުމުން އަލީ ވަރަށް ދެރަވެއްޖެ އެވެ. އަލީއަކަށް ކުޑަ ދޮން ބުޅާ އެކަނި މަގުމަތީގައި ބާއްވަން ނުކެރުނު. އަދި އަލީ ދޮންބުޅާ ނަގައިފި. އަދި ބުޅާ ހިފައިގެން ގެއަށް ހިނގައްޖެ!
ބުޅާ ގޮވައިގެން ގެއަށް ދިޔުމުން އަލީގެ މަންމަ އުފާވިއެވެ. މަންމަގެ ދަރިފުޅުގެ ރަނގަޅު އާދަ ފެނުމުން ހިތްހަމަޖެހުނެވެ.
"ދަރިފުޅާ އަލީ! ދަރިފުޅު މިއަދު ގެއަށް މިގެނައީ ކޮން މެހެމާނެއްތަ؟ މިއީ ކޮން ކުޑަ ބުޅަލެއްތަ؟" އަލީ ގެ މަންމަ އަހާލިއެވެ.
"މަންމާ! މި މިއަދު މަގުމަތިން ފެނުނު ކުޑަ ދޮންބުޅަލެއް. މި ކުޑަ ބުޅާގެ އެއްވެސް ގެއެއްވެސް ނެތް. އެހެންވެގެން އަޅުގަނޑު މި ކުޑަބުޅާ ގެއަށް ގެނައީ." އަލީ މަޖާވެލާފައި ޖަވާބުގައި ބުންޏެވެ.
"މި ކުޑަ ބުޅާ މިގޭގައި ބޭއްވިދާނެތަ؟" އަލީ ވިސްނާލަން ހުރެފައި އަހާލިއެވެ.
\"މައްސަލައެއް ނެތް ދަރިފުޅާ! އެކަމަކު ދަރިފުޅުވާނެ ކުޑަ ބުޅާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާ ނަގައި ހަރުދަނާ ކުއްޖަކަށްވާން! ކޮންމެ ދުވަހަކުވެސް ކުޑަ ދޮންބުޅަލަށް ކާންދޭން ވާނެ އަދި ބުޅާ ރީތި ކޮށް ސާފުކޮށްގެން ލޯބިން ގެންގުޅެން ވާނެ!" އަލީ ގެ މަންމަ ޖަވާބު ދިނެވެ. މަންމަ ބޭނުންވީ އަލީއަށް ޒިންމާ ބުނެދޭށެވެ.
"މަންމަގެ ދަރިފުޅަށް އެގޮތް އެންމެ ރަނގަޅުތަ؟" މަންމަ ލޯބިން އަހާލިއެވެ.
އަލީ އުފާވެފައި ނަށާލިއެވެ. އަދި އުފަލުން މަންމަގެ ގައިގައި ހިފަހައްޓާފައި ހިނިތުންވިއެވެ.
"ލައްބަ މަންމާ! އަޅުގަނޑު މަންމަގެ ތި ނަސޭހަތް އަޑު އަހާ ގަބޫލު ކޮށްފިން. ބުޅާ ގެންގުޅުމުގެ ޒިންމާއާ އަޅުގަނޑު މި ހަވާލުވީ." އަލީ ހުރީ ވަރަށް އުފާވެފައެވެ.
އެދުވަހުން ފެށިގެން އަލީއާ ކުޑަ ދޮންބުޅަލަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.
ވާހަކަ ކިޔަން ތިބި ކުދިންނަށް އެނގޭތަ މި ދޮންބުޅަލަށް ކިޔަނީ ކޮން ނަމެއްކަން؟ އަލީ އެ ކުޑަ ދޮން ބުޅަލަށް ދިން ނަމަކީ "ޖާމޫ"އެވެ. އަލީ ކޮންމެ ދުވަހަކު ދޮން ބުޅާ "ޖާމޫ" އަށް ރިހާކުރާ ބަތް ކާންދެއެވެ. ކޮންމެ ދުވަހަކު އަލީ ސްކޫލު ނިމިގެން ގެއަށް އައިސް ނަމާދު ކުރާނެއެވެ. އަދި އެދުވަހަކު ސްކޫލުން ދިން ހޯމް ވޯކްތައް ހަދައެވެ. އަލީ އަކީ ބަސް އަހައިގެން ކިޔަވާ މޮޅު ކުއްޖެކެވެ. ލިބޭ ހުސްވަގުތު ތަކުގައި ވަގުތު ހޭދަ ކުރަނީ ލޯބި ދޮން ބުޅާ ޖާމޫއާ އެކުގައެވެ. އަލީގެ ލޯބި ދޮން ބުޅަލަކީ ވަރަށް މަޖާ ބުޅަލެކެވެ.
ދޮން ބުޅާ ގޭގައި އޮންނާތީ އެއްވެސް މީދަލަކަށް ވެސް ގެއަށް ވަންނާކަށް ނުކެރެވެ. ކޮންމެ ދުވަހަކުވެސް އަލީ އަށް މި ކުޑަ ދޮންބުޅާ "މިޔާއޫ މިޔާއޫ" ކިޔާ ގޮވާލައެވެ.
އަލީގެ މަންމަ ބުނިގޮތައް ކޮންމެ ދުވަހަކުވެސް އަލީ ދޮންބުޅަލުގެ ކަންތައް ފަރުވާތެރިކަމާއި އެކު ބަލަހައްޓައެވެ.
ހުރިހާ ދިރޭ ޖަނަވާރުންނަށް ވެސް މި ގޮތަށް އޯގާތެރިކަމާއި އެކު ކަމޭހިތުމަކީ ވަރަށް ހެޔޮ ސަވާބު ލިބޭ ހެޔޮ ޢަމަލެކެވެ.
މިއަދުގެ ވާހަކަ ކިޔަން ތިބި ކުދިންނަށް ދަސްވީ ކޮންކަމެއްތަ؟ ސާބަހޭ ކުދިންނޭ! ވަރަށް މޮޅު! އާނ! މިއީ ޒިންމާ އާ ބެހޭ ވާހަކައެއް އެހެންނު! ޒިންމާއަކީ ވަރަށް ބޮޑު ކަމެއް! ﷲ އަހަރެމެން ހުރިހާ މީހުންނަށް ވެސް ޒިންމާއެއް ދެއްވި. އެއީ މުސްލިމެއްގެ ގޮތުގައި ﷲއަށް އަޅުކަން ކުރުން. އެއީ އެންމެ ފުރަތަމަ ޒިންމާ އިނގޭ ކުދިންނޭ! ދެން ހުންނާނީ އެކި ކަހަލަ ޒިންމާތައް! ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ އަމިއްލަ ކަންތައްތަކަށް ޒިންމާ ނަގަން ދަސްކުރަން ވާނެ އިނގޭ!. އަދި ދިރޭ ޖަނަވާރުންނަށް ހެޔޮކޮށް ކަމޭހިތަން ދަސްކުރަން ވާނެއެވެ.
ދެން އަންނަ ދުވަހަކު މަމްދުބެ ގެ ހަދިޔާގައި ގެނެސްދޭ ގޮތަށް ހަމަޖެހިފައިވަނީ ވަރަށް ހާއްސަ މައުޟޫއެއް. ހުރިހާ ކުދިންނަށްވެސް ގަޑިއަށް އިންތިޒާރު ކުރަން ވާނެ އިނގޭ. އޭރުން މަމްދުބެ ކިހާ އުފާވާނެ! ދެން އަންނަ ދުވަހެއްގައި އަހަރެމެން ބަލާލާނީ ދިވެހި ގައުމާ ގުޅޭ ކޮންމެވެސް ކަމަކަށް، ވަރަށް ހާއްސަ އެއްޗަކަށް.
(ރޯދަވީއްލާ ހިނދު ދުއާ ކުރަން ހަނދާންކޮށްދެމެވެ. މިއީ ދުއާ އިޖާބަ ކުރައްވާ ވަގުތެކެވެ.)
ހުރިހާ ކުދިންނަށްވެސް އުފާވެރި ރޯދަ ވީއްލުމަކަށް އެދެމުން ވަކިވެލަން. ވައްސަލާމްއަލައިކުމް
ވަރަށް ފުރިހަމަ ވާހަކަ. ކުޑަކުދިންނަށް ހެޔޮ ނަސޭހަތެއް. ވާހަކަ ލިޔުއްވި ބޭފުޅާ މަމްދޫހު އިބްރާޙީމަށް، އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން.
ނަސޭހަތް ތެރި ވާހަކަ އެއް ކުދިންނަށް ރަނގަޅު ސިފަތައް އަށަގަނުވަން މިފަދަ ވާހަކަތައް ގެނެސްދޭންވީ މަމްދޫހު އިބްރާހީމަށް ޝުކުރު ދަންނަވަން ????????