ކޮވިޑް ޖެހިގެން މަރުވާ ސްރީލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުނުލާން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ލަންކާ ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވިދާޅުވީ، ކޮވިޑުގައި މަރުވާ ލަންކާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެއަށް ފޮނުވަން ގެންގުޅުނު ވިސްނުން ދޫކޮށްލައި އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، މުސްލިމުންގެ ހަށިގަނޑުތައް ކޮންކްރީޓު ވަޅުތަކެއްގައި ވަޅުލަން މިހާރު ނިންމާފައިވާ ކަމަށެވެ.

ލަންކާގެ މުސްލިމް އިލްމުވެރިންގެ ލަފަޔާ އިރުޝާދާއެކު، މި ހަފްތާގެ ތެރޭގައި ލަންކާ ސަރުކާރުން ސަންދޯކުގެ ޑިޒައިން ފައިނަލްކުރާނެ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮވިޑްޖެހިގެން މަރުވާ ލަންކާގެ މުސްލިމުން ވަޅުލުމަށް ރާއްޖެ ގެނައުމުގެ ލަފަޔަކަށް އެދި އެ ގައުމުގެ ރައީސް ގޮޑަބަޔާ ރާޖަޕަކްސަ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މީގެކުރިން ސިޓީއެއް ފޮނުވާފައެވެ.

އެކަމަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ މެދުގައި ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިގެން ދިޔަ ކަމެކެވެ.