މިއަހަރު ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ނަސްރާއި ކާމިޔާބު ލިބޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އިރާދަކުރެއްވިއްޔާ 2023 ގައި ކާމިޔާބާއި ނަޞްރު ލިބޭނީ އަޅުގަނޑުމެންނަށް،" ކަމަށެވެ.

ފައްޔާޟު ކުރައްވާފައިވާ މާނަފުން ޓުވީޓުގައި ވިދާޅުވެފައިވަނީ ކަންކަން މާބޮޑަށް ވެސް ސާފުވެއްޖެ ކަމަށެވެ. ކުޅިބައިވެސް މިހާރު ރީއްޗަށް އެތުރިއްޖެ ކަމަށެވެ. މައިދާން ވެސް މިހާރުވަނީ ތައްޔާރު ވެފައި ކަމަށް ވިދާޅުވެފައިވެއެވެ.

"ކަންކަން މާބޮޑަށް ސާފުވެ ކުޅިބައި ރީއްޗަށް އެތުރި މައިދާން ތައްޔާރުވެއްޖެ. އެނގޭ އެހެންނަމަވެސް ނޭނގޭ ކަމަށް ހަދައިގެން ތިބިކަންކަން ސާފުވަމުން ނިއުޅެނީ،" ފައްޔާޒު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އިންތިޒާރު ކުރަންވީ ކުރިއަށްއޮތް ޝައުގުން ފުރިފައިވާ ދުވަސްތަކަށް ކަމަށެވެ.

އެމަނިކުފާނުގެ ޓުވީޓުގައި އެންމެ ބޮޑަށް ފާހަގަ ކުރައްވާފައިވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި އެކުގައި ކުރިއަށް ވަޑައިނުގެންނެވުނު ކަމަށްޓަކައި ހިތާމަކުރައްވާ ވާހަކައެވެ. ބެލެވޭ ގޮތުގައި ފައްޔާޟު އެ ވިދާޅުވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއެކު މި "ދަތުރު" ނުކުރެވުމުން ހިތާމަ ކުރައްވާ ވާހަކައެވެ. "އެކުގައި މިދަތުރު ކުރިއަށް ނުދެވުނު ކަމަށްޓަކައި ނިހާޔަތަށް ހިތާމަކުރަން،" ފައްޔާޟު ވިދާޅުވެފައިވެއެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިވެ ވަޑައިގެންނެވުމުން އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސް ޞާލިޙު، ރައީސް ނަޝީދަށް ދަޢުވަތު ދެއްވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ވަޑައިގެންނެވީ ފެއަށެވެ. މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ޕްރޮމޯޓު ކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ކުރިއަށް ވަޑައިގަންނަވާނޭ ގޮތަކާމެދު ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރައްވަމުންނެވެ.