ހަލި ދަރުބާރުގެ އެކުވެރިންނަށް މިކިޔައިދެނީ އަހަރެންގެ ހަޔާތުގައި އަލަށް މީހެއްދެކެ ލޯބިވެވުނު ވާހަކައެވެ. ގަބޫލު ކުރަން ދަތިވިޔަސް އަހަރެންގެ ހަޔާތަށް އެބުނާކަހަލަ "ރިހުން" ހުރި ލޯތްބެއް އައީ ކައިވެންޏެއްކޮށް ދަރިއެއްވެސް ހުއްޓައެވެ. ދެވަނަ ދަރިފުޅަކަށް ބަލިވެ އިންދައެވެ. ތެދަށް ބުނަންޏާ އަލަތުދަރިފުޅަށް ބަލިވެ އިންއިރު ޖާންއާ ދިމާވެ އޭނާދެކެ ނޭނގި އޭރުވެސް ވެވުނު ލޯބި އޮތީ ފަހުމް ކުރަން ނޭނގިފައެވެ.
އަހަންނަށް ޖާން ހާއްސަވަރަކީ އެންމެން އޭނާ ދަންނާނީ އޭނާގެ ވަނަމުން ކަމަށްވާއިރު ވާހަކަދެއްކުމުގައިވެސް އަދި މީހެއްގެ ގާތު ނަން ކިޔުމުގައިވެސް އަހަންނަށް ބޭނުން ކުރެވޭނީ އަންޖޫގެ ބަދަލުގައި ހަސަން މުސްތަފާއެވެ. ޖާންގެ އާއިލާ އެންމެންވެސް ދަންނަ ކޮންމެ މީހަކުވެސް އޭނާގެ އައިޑީކާޑުނަން އެނގޭ މީހުން ވަރަށް މަދުވެފައި އެންމެނަށްވެސް އޭނަ އެނގޭނި ހަސަން އަންޖުމްގެ ނަމުންނެވެ.
ހަލި ދަރުބާރުގެ އެކުވެރިންނަށް އެނގޭހެއްޔެވެ! ޖާންއާ ބައްދަލުވީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންދާ ފިރިމީހާ އަހަރެން އޭނާ އުޅޭ ރިސޯޓަށް ގެންގޮސް އުޅުމުގެ ތެރޭގައެވެ. ޖާންއަކީ އަހަރެންގެ ފިރިމީހާގެ ގާތް ރައްޓެއްސެކެވެ. ފުރަތަމަ ބައްދަލުވުމުން ފެށިގެންވެސް ވަރަށް ރައްޓެހިވެއްޖެއެވެ. ފިރިމީހާ ޑިއުޓީ ނިންމާލާފައި އޭނާގެ އާދައިގެ މަތިން ބާރއަށް ދިއުމުން އަހަރެން އެކަނިވެފައި ސަރަންފީގައި އޮންނަ ރޭރޭގައި ރޫމްސައިޑަށް ސާވިސްދިނުމުގެ ބަހަނާގައި ޖާން އަންނާނެއެވެ. ދެމީހުންނަކީ ވެސް ވަޒީފާގެ ގޮތުން ރިސޯޓުގެ ދެމެނޭޖަރުންނެވެ. އެފްއެންބީ މެނޭޖަރާއި އެޗްއާރް މެނޭޖަރެވެ.
އަހަރެން ބަނޑުހައި ވެދާނެކަމަށް މީރު ކާއެއްޗެހިގެނެސް ފޫހިނުވާނެހެން އެކުގައި ވާހަކަދައްކަން އިނދެއެވެ. އެއްރެއަކުވެސް ބަނޑުގައި ކުއްލިއަކަށް ރިހުން އަރައިގެން އެނބުރުން އެރި ވަގުތުގައިވެސް ފިރިމީހާ ދިޔައީއެވެ. ޖާން އާ ހަވާލުކޮށްފައި ހަމަޖެހިގެންނެވެ. އެހެން ގޮސް އެދަތުރު ނިމުނުފަހުން ދެން ޖާންއާ ދިމާވި އިރު އަހަރެން އިނީ ވަރަށް ބިކަ ހާލެއްގައެވެ. ވަންނާނެ ތަނެއް ދާނެ ތަނެއްވެސް ނެތިފައެވެ. ފިރިމީހާ ރަލާއި މަސްތުވާތަކެތި ވިއްކައި ބޭނުން ކުރާތީ ވީ ބަންދުކޮށްފައެވެ. ޖާން ބުނީ އޭނާއަށް އެކަން އެނގިގެން އަހަރެން ހޯދަނީ ކަމަށެވެ.
ޖާން އަހަރެން ބެހެއްޓީ ރީތިބޮޑު ކޮޓަރިއެއް ކުއްޔަށް ހިފާފައި އެތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ލާފައެވެ. ހުރިހާ ވަގުތެއްގައި އަހަންނަށްޓަކައި ހުއްޓެވެ. ދަންވަރު ބަނޑުހައިވެގެން ކާހިތުން ހޭލެވޭއިރު ފައިލާކޮޅުގައި އަހަރެންގެ ފިޔަވަޅުގައި ބޯޖެހި ނިދިފައި އިނދެއެވެ. ހިލަމެއް ވާއިރަށް ފުންމައިގެން ތެދުވެ ކާންދީ ފެންދީ ހުރިހާކަމެއް އޭނާ ކޮށްދޭނެއެވެ. ޖާންއާ ދިމާވި ފަހުން އަތުން ކާއެއްޗެއް ކެއި ހަނދާނެއްނުވެއެވެ. ދެރަވިޔަކަ ނުދެއެވެ. އޭނާގެ ރީތިއަޑުން ލަވަކިޔައިދެއެވެ. މިގާތްކަމުގެ ތެރޭގައި އަހަންނަށް އެންމެ ފިރިއަކަށް ބޭނުން ޖެހުނު ދުވަހު ހުރީ ޖާންއެވެ. ނޭނގުމުގެ ތެރެއިން ނުވާންޖެހޭ ހުރިހާ ގޮތެއްވެސް ވިއެވެ. ޖާންއާ އަހަރެންގެ ގުޅުން އެކުވެރިކަމަށްވުރެ ބޮޑުވެ އެގުޅުމުގައި ލޯބީގެ އަސަރާއި ކުލަ ފޭދިގެން ދިޔައީ ގަސްތަކާނުލައެވެ. އެއީ ބުނެދޭން ފަސޭހަ ހާލަތެއް ނޫނެވެ. ދޮށީ ދަރިފުޅު ހުންނަނީ ފިރިމީހާގެ މަންމަ ގާތު ލަންކާގައި ކަމަށްވެފައި ފިރިމީހާ ޖަލުގައި ވުމުން އަހަރެންގެ އެއްވެސް މީހަކު ނެތެވެ. އާއިލާއެއް އޮތަސް އެމީހުން އަހަރެން ބޭނުމެއް ނޫނެވެ.
އަހަރެން ވިހޭ ދަރިފުޅު އެންމެ ފުރަތަމަ އުރާލީވެސް ޖާންއެވެ. އަހަރެން ގަދަވުމުން ނިކަން ލޯބިން ގަޔާ ކައިރިކޮށްލާފައި އަހަރެން މިނިވަންކުރަން ގަސްދު ކުރާ ވާހަކަ ބުނެފިއެވެ. އަހަރެންގެ ފިރިމީހާއާ ބައްދަލުކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީއެވެ.
ތެދެކެވެ. އަހަންނަކީ ވަރަށްބޮޑު ކުށްވެރިއަކީމެވެ. މީހެއްގެ ހަލާލު ހިބަ މުދާގަނޑެއްގެ ގޮތުގައި އިނދެ އަހަރެން ވަނީ ހިޔާނާތްތެރިވެ ބޭވަފާތެރިވެސް ވެފައެވެ. އެއްކޮޓަރިއެއްގައި އެކުގައި ކައިބޮއި ނިދާ އުޅުނުއިރު ހަގީގަތުގައި މީހުން އެކިޔާ ގުޅުން ނާޖާއިޒު، ހަޑި ގުޅުމެއް ނެތޭ ބުންޏަސް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. އެކަމަކު ހަގީގަތުގައި އަހަންނާއި ޖާންއާ ދެމެދު ލޯބީގެ ގުޅުން އުފެދި ގާތްކަމެއް ހިނގިނަމަވެސް ހައްދުން ބޭރުނުވީ ދެމީހުންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާތީ އިހްތިރާމް ކުރާތީއެވެ.
އެކަމަކު އަހަންނަށް މަޖުބޫރުވީ ޖާންއާ ވަކިވާށެވެ. އެކުވެރިންނޭވެ! ހުތުރު ނަން ލިބި ބަދުނާމުވާކަށް ހިނދުކޮޅެއްވެސް ނުނަގައެވެ. ހުރިހާ ކަމަކަށްވެސް އަހަންނަށް ކެތް ކުރެވިދާނެއެވެ. އެކަމަކު މަގޭ ނަމާއެކު ޖާން ބަދުނާމް ވާކަށް ކެތެއް ނުކުރެވޭނެއެވެ. އަހަރެން ޖާންއާ ވަކިވީ ހުރިހާ ގޮތަކުންވެސް ލޯތްބަށްޓަކައެވެ. ޖާންދެކެ އިންތިހާއަށް ލޯބިވާތީއެވެ. ހަމަ އަނެއްކޮޅުން އަހަރެން ދެކުދިންގެ ބައްޕައާވެސް ވަކިވީމެވެ. ނެތްލޯތްބެއްގައި އަމުދުން އެއްވެސް އަޅާލުމެއް ނުހުންނަ ފަރުވާކުޑަ އިންސާނަކާއެކު ނަމެއްގައި ކައިވެންޏެއްގެ މަތީ ހުރުމުގެ ބޭނުމެން ނެތީމައެވެ.
ހަލި ދަރުބާރުގެ އެކުވެރިން ހައިރާންވާނެ ކަން ނޭނގެއެވެ. އަހަރެން މިހާރު އިނދެގެން އުޅޭ މީހާއަކީ އޯގާތެރިކަމާއި ލޯތްބާއި ތެދުވެރިކަމުގެ ނަމޫނާއެކެވެ. އެކަމަކު އަދިވެސް އަހަރެން ޖާންދެކެ ލޯބިވުން ބަދަލެއް ނުވެއެވެ. ސަބަބަކީ އަހަންނަށް ޖާންގެ އެހީ ލިބުނީ އަހަރެން ވަރަށް ބިކަވެ ހާލުގައި ޖެހިފައި ހުއްޓާ ކަމަށްވާތީއެވެ. ބޮޑު ބަނޑަކާއެކު މަގުމަތިވެ ސަލާން ޖަހާ ހާލުގައި ޖެހިފައި ހުއްޓާ އަހަންނަށް ހުރިހާ ގޮތަކުންވެސް އޯގާތެރިވި އިންސާނަކީ އެއީއެވެ. ޖާންދެކެ ވީ ލޯބީގާ އެއްވެސް އެދުމެއް ހާސިލުކުރުމެއް ނެތެވެ. އަހަރެމެންގެ ލޯބީގާ އޮތީ ދިނުމެވެ. އެކަކު އަނެކަކަށް ދިނުމެވެ. އުފަލާއި ހިތްހަމަޖެހުމާއެކު އަނެކާ އުޅޭކަން އެނގުމުން އަހަރެމެން އުފާވެއެވެ.
ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ފަހަރެއްގައި މިއީ ގަބޫލު ކުރަން އުނދަގޫ ވާހަކައަކަށްވެސް ވެދާނެއެވެ. އެކަމަކު މިއީ ތެދު ހަގީގަތެވެ. ޖާންވެސް މީހަކާ އިނދެގެން އުފާވެރި ހަޔާތެއް ވޭތު ކުރާއިރު އަހަރެންވެސް އުޅެނީ އުފަލުގައެވެ. ޖާންދެކެ ވެވުނު ލޯތްބަކީ މިހާރުވެސް ފޮނި ފޮނި ރިހުމެއް އެކުލެވޭ ނުހަނު އުފާވެރި ރީތި އިހުސާސެކެވެ.
ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ލޯބީގާ ހުރިހާ ފަހަރަކު އިނދެގެން އެކުގައި ހަޔާތް ވޭތު ކުރާކަށް ނުޖެހެއެވެ. އެކަމަކު ތިމާގެ ލޯބިވެރިޔާގެ ހިނިތުންވުމަކީ އޭނާގެ އުފަލަކީ ހުދު ތިމާގެ އުފާ ކަމަށް ވުމަކީވެސް ލޯތްބެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެމެންގެ ލޯތްބަކީ ސާފުރީތި އަދި ނުހަނު ތެދުވެރި ލޯތްބެކެވެ.