އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހ ކޮބައިތޯ މަމްދުބެގެ އެކުވެރި ކުދިން. ހާލު ކިހިނެއްތޯ؟ ހުރިހާ ކުދިންނަށް ވެސް ވަރަށް ރަނގަޅު އުފާވެރި ހުކުރު ދުވަހަކަށް އެދެން. ކުދިންނަށް އެނގޭދޯ ރޯދަމަހުގެ ހަތް ދުވަސް ނިމިއްޖެކަން. މިއީ ދެވަނަ ހުކުރުކަން. ކޮބާ ކަހަފްސޫރަތް ކިޔެވި ކުދިން. އަދި ސޫރަތް ނުނިމޭ ކުދިން ތިބިއްޔާ އަވަަހަށް މިރެއަށް ނިންމާލަމާ. ކަހަފް ސޫރަތަކީ ހުކުރު ދުވަހަށް ހާއްސަ ސޫރަތެއް ކަން އެނގެއެއްނުދޯ،

ކޮއްކޮމެނަށް މިއަދު މަމްދުބެ ގެނެސްދޭނީ ބޮޑު ހަދިޔާއެއް. ދިވެހިރާއްޖޭގެ ގައުމީ މަލަކީ ކޮން ކުލައެއްގެ ކޮންމަލެއް ކަން އެނގޭ ކުދިން ބުނެދީބަލަ. އާނ. މޮޅު އިނގޭ، އެއީ ފިޔާތޮށި ފިނިފެންމާ. މަމްދުބެ މިކިޔައިދެނީ ދޮންތިގެ ހާއްސަ މާ. ހިނގާ އަވަހަށް ވާހަކައަށް ދަމާ.

ދޮންތިއަކީ މަންމައާއި ބައްޕަދެކެ ވަރަށް ލޯބިވާ ބަސްއަހާ ކުއްޖެކެވެ. ދޮންތިއަށް ފަސް އަހަރު ފުރުނު ދުވަހު މާމަ ދޮންތިއަށް ހަދިޔާއެއް ދިނެވެ. އެއީ ޕޮޓެއްގައި އިންދާފައި ހުރި ގަހެކެވެ. ގަހަކީ ކޮންކަހަލަ ގަހެއްތޯ ދޮންތި އަހާލިއެވެ.

"ތިއީ ދިވެހި ރާއްޖޭގެ ގައުމީ މާ ގަސް. ފިޔާތޮށި ފިނިފެންމާ ގަހެއް."

ދޮންތި އެގަސް ގެންގުޅެނީ ވަރަށް ލޯބިންނެވެ. ކޮންމެ ދުވަހަކު ފެންދީ ރީތިކޮށް ގަސް ބަލަހައްޓައެވެ. ދޮންތިއަށް އީދު ހަދިޔާއަކަށް ލިބުނީ ފިޔާތޮށި ފިނިފެންމަލެކެވެ. އީދު ދުވަހު ގަހުގައި އިން މާ ފޮޅުނެވެ. އެމަލާއެކު އަދި އެހެން މާ ތަކެއްވެސް ފޮޅުނެވެ. ދޮންތި އެ މާ ބިނދެގެން ގެންދިޔައީ މާމައަށް ދިނުމަށެެވެ. އެއީ ފުރަތަމަ ފޮޅުނު މާތަކެވެ.

ދޮންތިގެ މާގަހުން އިތުރު މާގަސްތައްވެސް އިންދިއެވެ. އެ އަހަރު ނިމުނު އިރު ދޮންތިގެ މާ ބަގީޗާއެއް އޮތެވެ. ދޮންތިގެ އެންމެ ގާތް އެކުވެރިއަކީވެސް ފިޔާތޮށި ފިނިފެންމާ ގަސްތަކެވެ.

ތިކުދިންނަށް އެނގޭތަ. ދިވެހި ގައުމީ މަލަށް ފިޔާތޮށި ފިނިފެންމާ ހަމަޖެހުނީ ކީއްވެގެން ކަން. އާ. ފިޔާތޮށި ކުލަ ޝުކުރިއްޔާ ރަމްޒުކޮށްދޭ. ފިޔާތޮށި ފިނިފެންމާ ރަމްޒުކޮށްދެނީ އެކުވެރިކަން، ޝުކުރިއްޔާ ބުނުން، އުފާވެރިކަން. މިހެން ގޮސް ބައިވަރު ރަނގަޅު ވާހަކަތައް ރަމްޒުކޮށްދޭތީ ފިޔާތޮށި ފިނިފެންމާ ދިވެހި ގައުމީ މާ ކަމަށް ހަމަޖެއްސީ. ދެން އެމާ ގައުމީ މަލަކަށް ހަމަޖެހުނު ތާރީހު އެނގޭތަ؟ އެއީ މީލާދީގޮތުން 25 ޖުލައި 1985 އަދި ހިޖުރީ ގޮތުން 7 ޒުލްގައިދާ 1405 ގައި ހަމަޖެއްސުނު ކަމެއް.

ފިނިފެންމާ ކުރަހަން އެނގޭތަ. މަމްދުބެވެސް ދަސްކުރީ. ތިކުދިންވެސް މަލެއް ކުރަހަން ދަސްކޮށްލަން ވާނެ. އިނގޭ. މި އާޓިކަލްއާއެކުގައިވެސް ހުންނާނެ ކުރަހާނެ ގޮތް ބުނެދީފަ. ބަލައިގެން ކުރަހާފަ ކުލަޖައްސާލަން ވާނެ. އިނގޭ.

މަމްދުބެ ވަކިވެލާނީ ރަނގަޅު އުފާވެރި ދުވަހަކަށް އެދެމުން، ވައްސަލާމްއަލައިކުމް.