މިއީ ރ.މީދޫ އައިޝަތު އަހުމަދާއި މާލެސިޓީއަށް އުފަން މުހައްމަދު ޝަރީފުގެ އެންމެ ދޮށީ ދަރިފުޅު ހަސަން ޝަރީފުގެ ވާހަކައެވެ. އޭނާގެ ހަޔާތުގެ ބައެއް ވާހަކަ "ހަލި" ނޫހާ ހިއްސާ ކުރަން ފަށަމުން ބުނީ "ޅަފުރާގައި ދިމާވީ މުޅިންވެސް ނާކާމިޔާބީއާ،" ކަމަށެވެ. މި ބަހުން އޭނާގެ ދިރިއުޅުމުގެ ދުވަސްތަކެއްގެ ހާލަތު ދިޔަގޮތް ސާފު ވެގެން ދިޔައެވެ.

ޝަރީފަކީ އުމުރުން 34 އަހަރުގެ ޒުވާނެވެ. މެރިން އިންޖިނިއަރެކެވެ. ހަޔާތުގެ ވާހަކަފެށި ޖުމްލައިން ޝަރީފުގެ ހިތްވަރާއި އަޒުމް ހާމަ ވެގެންދިޔައެވެ.

"ޅަފުރާގައި ދިމާވީ މުޅިންވެސް ނާކާމިޔާބީއާ. ވަރަށް ލޯބި ފަހާވެސް ދުވިން. ބޭނުން ވެގެން ކުރިމަތިލީ އެއްވެސް ކަމެއް ކާމިޔާބެއް ނުވި. މުޅިން ނާ އުންމީދުވެ މާޔޫސްވާ ގޮތަށް ކަންތައްދިޔައީ. އޭރު އެކުގައި އުޅެވުނީ ހަމަ ހައްތަހާވެސް މިހާރު ގޮތޮށް ބުނާނަމަ އެންމެ ބޭޑް ކުދިންނާއެކު. އުނދަގޫ މާޒީއަކުން ނުކުމެވިއްޖެ. ހިތުގައި އަޒުމު ކަނޑައެޅީ. އަހަރެންގެ ފުރާވަރުތާއޭ، ބޭނުންވި ގޮތަށް ނުލިބުނީ. ބޭނުންވީ ގޮތަށް ފުރާވަރުގައި އެއްކަމެއް ކާމިޔާބު ނުވިޔަސް ޔަގީނުންވެސް ޅަޒުވާން އުމުރުގައި ހުންނާނީ ކާމިޔާބު މީހެއްގެ ގޮތުގައި، ބޮންތީގައޭ،"

މިއީ ޝަރީފުގެ ހަޔާތުގެ ތަޖުރިބާ އާއި އޭނާގެ ތަކުލީފުތަކާއެކުވެސް، އަދު ޒިންމާދާރު ބައްޕައެއްގެ އިތުރުން އަމިއްލަ މަސައްކަތުން ދިރިއުޅުން ތަރައްގީ ކުރުމުގެ އަޒުމް ކަނޑައަޅައި އެކަމަށް ބިންގާއެޅި ދުވަހެވެ. މިހާރު އޭނާގެ 4 ކުދިން އެބަތިއްބެވެ. އަމިއްލަ މަސައްކަތުން ގެއާއި އާއިލާ ބަލަހައްޓައެވެ. އަނބިދަރިންނާއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަން ދެއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް، ދަރިފުޅު ބަލާ ސްކޫލު ދޮށަށް ދާން ވަގުތު ހޯދައެވެ. ކިތަންމެ ސްޓައިލްކޮށް ހުރިނަމަވެސް އޭނާއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާވެސް ދެކޮޅު މީހެކެވެ.

ޝަރީފަކީ ސްޓައިލުކޮށް ހުންނަ ކޮންމެ މީހަކީ 'ނުރަނގަޅު ހިޕީ' ޒުވާނެއް ނޫންކަން ސާބިތުވާ ނަމޫނާއެކެވެ. ފްރީލާންސް އިންޖިނިއަރެއްގެ ގޮތުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޝަރީފަކީ މިހާރު ޓިކްޓޮކް ގައިވެސް ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ލިބެމުން އަންނަ ބޭނުންތެރި މައުލޫމާތާއި ހޭލުންތެރި ކުރުވަނިވި ނަސޭހަތް ގެނެސް ދޭ ހުނަރުވެރި އެއްވެސް މެއެވެ.

އެންމެ ކުޑައިރުން ފެށިގެންވެސް ގޭތެރެއިން ފެންނަ "ތަކެތި ރޫޅާ ހެދުމުގެ" މަސައްކަތުގެ ތެރެއިން އިންޖީނު މަރާމާތު ކުރުމާ ހަމައަށް އޭނާ ނުކުތީ މަންމައާއި ބައްޕަގެ އެހީއާއެކުގައެވެ. ޚާއްސަކޮށް ބައްޕަގެ މަސައްކަތަކީ ބައިސްކަލު ހެދުމާއި ޓީވީ، ފަދަ ތަކެތި މަރާމާތު ކުރުން ކަމުން އެކަމުގެ ތެރެއިން ޝަރީފު ނުކުމެ އެހެރީ މެރިން އިންޖިނިއަރިން އިން ތައުލީމުވެސް ލިބިގެނެވެ. މެރިން އިންޖިނިއަރެއްގެ ނަން އޮތަސް ޝަރީފަކީ ހުރިހާ ވައްތަރެއްގެ އިންޖީނުތަކުގެ މަސައްކަތްވެސް ފަރިތަކަމާއެކު ކުރަން ދަންނަ ޒުވާނެކެވެ.

"ޅަޒުވާނުން މިކަމުގެ ތެރެއަށް ވަނުމަށް ސަރުކާރުންވެސް އެހީތެރިކަން ލިބުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް، ޕޮލިޓެކްނިކް(ކުރީގެ ވީޓީސީ)ގެ ކުލާސްތައް ކުރިއަށް ގެންދިޔަކަން ގަބޫލު ކުރަން. އެކަމަކު އަޅުގަނޑު މިދަންނަވަނީ އެންމެ ކުޑައިރުއްސުރެވެސް، މިފަދަ މަސައްކަތްތަކަށް ޝައުގު ހުންނަ ކުދިންނަށް މަގު ފަހިކޮށްދޭ ވާހަކަ، ހަމައެކަނި ފޮތުން ޑިގްރީ ނަގަން މަޖުބޫރުކުރިއަސް ކުއްޖާގެ ގައިގައި ހުރި ހުނަރު ކުރިނޭރުވޭނެ."

ޝަރީފު އޭނާގެ މައިންބަފައިންނަށް ފަށްފަށުން އަބަދުވެސް ޝުކުރު އަދާކުރެއެވެ. ޝަރީފު އެދެނީ އޭނާގެ މުސްތަގުބަލަށްޓަކައި، އޭނާގެ މައިންބަފައިން މިމަގު ކޮށައިދިން ގޮތަށް މިމަގުން ހިނގަން ބޭނުންވާ އެހެން ކުދީންގެ އެކުދީންނަށް މަގު ތަނަވަސްކޮށްދިނުމެވެ. ނުތަތަ މަގު ދެއްކުމަށް އެހީ ވުމަށެވެ.

ޝަރީފު އޭނާގެ އަނބިމީހާއާއި ހަތަރު ކުދިންނާއެކު

"އަޅުގަނޑާއެކު ބޮޑުވަމުން އައި ގިނަ އެކުވެރިން މިހާރު ދުނިޔެއަކު ނެތް. ތިބި އެކުވެރިން ކޮންމެވެސް ބަންދެއްގަ ތާށިވެފައި. ސަލާމަތުން ތިބި މީހުން މުޖުތަމައު ތެރޭގައި އުޅޭތަން ފެނޭ ވަޔާ ހެލޭ ފަތެއްހެން އެކި ތަންތަނުން. އަޅުގަނޑު އެންމެ ކުޑައިރުގެ ރައްޓެހިން ވީމަ ހިތަށް ވަރަށް އަސަރު ކުރޭ. ހަމަ އެގޮތަށް އަޅުގަނޑަށް މިހެން ހެޔޮވިސްނި ރަނގަޅު މީހެއްގެ ގޮތުގައި އުޅެވޭތީ ޝުކުރުވެރިވަން. އެހާ އުފާވޭ."

އެންމެ ފުރަތަމަ އަމިއްލަ ފައި މައްޗަށް ތެދުވަން ކުރި ހިތްވަރުގައި ޝަރީފު އަދާ ކުރީ ހަމަ އެންމެ މުސާރައަށް އެންމެ ދެހާހެއްހާ ރުފިޔާވެސް ނުލިބޭ ވަޒީފާ އެކެވެ. އެހެންނަމަވެސް އެ ވަޒީފާގައި ވެސް ހިތްވަރާއެކު އޭނާ ހިފަހައްޓާލިއެވެ. އެއަށްފަހު ހިތްވަރުކުރަމުން އައިސް އެންމެ "ފެންވަރުގެ" މުސާރައެއް ލިބޭ ކުންފުނިތަކާ ހަމައަށް ޝަރީފު ދަތުރު ކުރިއެވެ.

ނަމަވެސް އަބަދުމެ ޝަރީފަށް ބަލައި ނުގަނެވުނު ކަމަކީ ބިދޭސީންނަށް ދޭ އަހައްމިއްޔަތުކަމާއި އެކަށީގެން ނުވިޔަސް ދޭ ބޮޑު މުސާރައެވެ. އެހެންނަމަވެސް ޝަރީފު އަމިއްލަ ގައުމުދެކެ އިންތިހާއަށް ލޯބިވާތީ މަޑުމަޑުން ހުރީއެވެ. ހުނަރުވެރި، ގާބިލު އެތައް ފަރާތްތައް ގައުމު ދޫކޮށް، އެމީހުންގެ ތައުލީމާއި މަސައްކަތާ އެކަށީގެންވާ އާމްދަނީއެއް ލިބޭ ހިސާބަކަށް ދަތުރު ކޮށްފައިވާ ކަމަށްވެސް ޝަރީފް ބުންޏެވެ. ޝަރީފުގެ އަނބިމީހާވެސް އަދި ދަރިންވެސް ޝަރީފު ސިފަކުރަނީ ނުހަނު ލޯބިވާ ޒިންމާދާރު، ފިރިއެއް އަދި އޯގާތެރި، ކަމަށް ކަމޭހިތާ، ބައްޕައެއްގެ ގޮތުގައެވެ. ޝަރީފު ބުނި ގޮތުގައި އޭނާގެ މަސައްކަތަށް ބައެއް މީހުން ފާޑުކިޔައެވެ.

"އިންޖިނިއަރިން އަކީ ތާކުންތާކު ނުޖެހޭ މަސައްކަތެއް ކަމުގަ ދެކޭތީ ދެރަވަނީ. ގިނަމީހުން ދެކޭ ގޮތުގައި ކަޅުތެޔޮ ގައިގަ ހާކައިގެން ރެންޗުފޮށްޓެއް ހިފައިގެން ބޮއިލަރުސޫޓެއްގައި ހުރީމަ އެއީ ދެން ވަރަށް ހަޑި އާދައިގެ މަސައްކަތެއް. އެކަމަކު އަޅުގަނޑު ބުނެލާހިތްވަނީ، އިންޖިނިއަރިން އާ ނުލައި ގައުމުވެސް ނުހިންގޭނެއޭ. ކޮންމެ އެއްޗެއްގެވެސް މައިގަނޑު ހިފަހައްޓަދޭ ވެރިޔަކީ އިންޖީނު. އިންސާނާގެ ސިކުނޑިއަކީ ހަށިގަނޑެއްގަވާ މައި އިންޖީނު ގޮތަށް. ސިކުނޑިއާ ނުލައި އިންސާނާ މަސައްކަތް ނުކުރާހެން، އިންޖީނާ ނުލައި މެޝިނެއް މަސައްކަތެއް ނުކުރާނެ. އަޅުގަނޑު ދެކެން ބޭނުންވާ ދުވަހަކީ، ގައުމުގައި ބޭރު މީހާއަށް ވުރެން ގައުމުގެ ދަރިންނަށް އިސްކަން ދޭނެ ދުވަހެއް މިގައުމުން ފެނުން. އެދުވަހެއްގެ އިންތިޒާރުގައި އެބަ ހުރިން."

ޝަރީފުގެ މިހިތްވަރާއި ހިންމަތަށް ސާބަހެވެ. ދިވެހި ޒުވާނުންނަށް މިއީ ހަމަ އެންމެ ރަނގަޅު ނަމޫނާ އެކެވެ.