ދުޢާ ކުރުމުގެ އަދަބުތަކެއް ވެއެވެ. މި އަދަބުތަކުގެތެރެއިން ތިމާގެ ދުޢާ އިޖާބަކުރެއްވުން އެދޭ ކޮންމެ ފަރާތަކުންވެސް، އެންމެ އިސްކަމެއްދޭންޖެހޭ ކަމަކީ، ތިމާގެ ކާބޯތަކެއްޗާއި، ލައިއުޅޭ ފޭރާމަކީ ޙަލާލުގޮތުގައި ހޯދާފައިވާ ޙަލާލު ތަކެތިކަމުގައިވުމެވެ.

  • ޙަލާލު ތަކެތި ބޭނުންކުރުން.

އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. {އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން اللَّهُ ތަޢާލާ (ހުރިހާ އުނިކަމަކާއި ޢައިބުތަކުން) ހުސްޠާހިރުވެވޮޑިގެންވެއެވެ. އެކަލާނގެ ޠާހިރު ރަނގަޅު އެއްޗެއް މެނުވީ ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން، اللَّهُ، އެކަލާނގެ ރަސޫލުންނަށް އަމުރުކުރެއްވި ކަންތަކަށް މުއުމިނުތަކުންނަށް ވެސް އަމުރުކުރައްވާފައި ވެއެވެ. ފަހެ، އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!

  • ކުޅަދާނަވެގެންވަނީނަމަ ޤިބުލައަށް ކުރިމަތިލުން.

  • މަތިވެރި ވަގުތުތަކާއި އެފަދަ ޙާލަތަށް އިސްކަންދިނުން.

ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި، މަތިވެރި ވަގުތުތަކާއި އެފަދަ ޙާލަތްތަކަށް އިސްކަންދިނުން ހިމެނެއެވެ. މިސާލަކަށް ޢަރަފާތު ދުވަހާއި، ރަމަޟާންމަހާއި، ހުކުރު ދުވަހާއި، ރޭގަނޑުގެ ތިންބައިކުޅަ ފަހުބަޔާއި، ފަތިސްވަގުތާއި، ސަޖިދާގައި އޮންނަ ވަގުތާއި، ވާރޭވެހޭ ވަގުތާއި، ބަންގިއާއި ޤަމަތާ ދެމެދުގެ ވަގުތާއި، ޖިހާދުގެ މައިދާނުގައި މުސްލިމުންނާއި ކާފިރުންނާ ދެ ބައިމީހުން ބައްދަލުވާ ވަގުތާއި، ކަންބޮޑުވުމާއި ހާސްކަމުގެތެރޭގައި، ހިތަށް ހަމަޖެހުމާއި މަޑުމޮޅިކަން އިޙްސާސްކުރެވޭ ވަގުތުފަދަ ވަގުތުތަކަކީ ދުޢާކުރުމަށް ޚާއްޞަ ވަގުތުތަކެވެ.

  • اللهُ އަށް ޙަމްދުސަނާ ދަންނަވައި، ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އަށް ޞަލަވާތް ކިޔެވުން.

ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި، ދުޢާކުރުމަށް ފެށުމުގެ ކުރިން، اللهُ އަށް ޙަމްދު ސަނާ ދަންނަވައި، މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ އަށް ޞަލަވާތްކިޔެވުންވެއެވެ.

  • ހިތް ޙާޟިރުކޮށް، މަޑުމޮޅިކަމާއެކު ދުޢާކުރުން.

اللهُ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، މަޑުމޮޅިކަމާއި، ބިރުވެތިކަމާއި، ވަންހަނާ ގޮތުގައި، ދުޢާކުރުމަށް އަމުރު ކުރައްވައި، اللهُ ވަޙީކުރައްވާފައިވެއެވެ. {އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅު ނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ގަސްތު ކުރައްވާށެވެ!}

މިފަދަ އެހެން އާޔަތެއްގައި اللهُ ވަޙީކުރައްވާފައިވެއެވެ. މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައި މީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.}

  • ފާފައަކަށް، ނުވަތަ ރަޙިމުގެގުޅުން ކަނޑައިގަތުމަށް ނޭދުން.

ފާފައަކަށް އަރައިގަތުމަށް އެދިގެން، ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިގަތުމަށް އެދިގެން ދުޢާކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ.

މާތްނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "މުސްލިމަކު ދުޢާއެއް ކުރާހިނދު އެއީ، ފާފައަކަށް އަރައިގަތުންއެދި، ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިގަތުންއެދި ކޮށްފި ދުޢާއެއް ކަމުގައި ނުވަނީނަމަ (ދަންނާށެވެ!) އެ މީހަކަށް ތިން ކަމަކުންކުރެ ކަމެއް اللهُ ތަޢާލާ ނުދެއްވައި ނުދާހުއްޓެވެ. އެހެންޏާ އެ މީހަކު އެދުނު ކަންތައް އަވަސްގޮތަކަށް އެ މީހަކަށް ހިންމަވައިދެއްވާނެތެވެ. އެހެންޏާ އާޚިރަތްދުވަހުން އޭނާއަށް އޭގެ ބަދަލު ދެއްވުމަށްޓަކައި އެ ކަންތައް ފަސްކުރައްވައިފާހުއްޓެވެ. އެހެންޏާ އޭނާ އެ އެދުނު ކަންތަކާ އެއްފަދަ ގެއްލުމެއް، ނުބައިކަމެއް އޭނާގެކިބައިން ދުރުކޮށްދެއްވާ ހުއްޓެވެ.) އަޞްޙާބުން ދެންނެވޫއެވެ. އެހެންވިއްޔާ އަޅުގަނޑުމެން ގިނަގިނައިން ދެންނެވުން ކިހިނެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. (އިޖާބަކޮށްދެއްވުމުގައި اللهُ ތަނަވަސް ވަންތަކަންބޮޑެވެ.)"

  • ދުޢާއިޖާބަވުން ލަސްވެ، ނާއުއްމީދު ނުވުން.

  • އިޖާބަކުރައްވާނެކަމުގެ ޔަޤީންކަމާއެކު ދުޢާކުރުން.

  • ދުޢާކުރުމުގައި، ހުރިހާކަމަކަށް ޝާމިލު ޢިބާރާތްތައް އިޚްތިޔާރުކުރުން.

اللهُ ވަޙީކުރައްވާފައިވެއެވެ. "އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ."

  • ތިމާގެ އަމިއްލަ ނަފުސާއި، މުދަލާއި، ދަރިންނަށް ބަދުދުޢާ ނުކުރުން.

އެ ދެ ބަފައިކަލުންނަށް اللهُ ރުއްސުންލެއްވި ޢަބްދު اللهِގެފާނުގެ ދަރިކަލުން ޖާބިރުގެފާނުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން އަމިއްލަ ނަފުސަށް ބަދުދުޢާ ނުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މައްޗަށް ވެސް ބަދުދުޢާ ނުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ވެސް ބަދުދުޢާ ނުކުރާހުށިކަމެވެ. ފަހަރުގައި اللَّهُގެ ޙަޟުރަތުން ތިޔަބައިމީހުން ކަމަކަށް އެދި ދެންނެވުމުން، އެކަލާނގެ، އެ ކަމެއް އިޖާބަ ކޮށްދެއްވާ ވަގުތަކާ ބައްދަލުވެދާނެކަމަށްޓަކައެވެ. ފަހެ، އެ ހިނދު، އެކަލާނގެ ތިޔަބައި މީހުންކުޅަ ދުޢާ އިޖާބަކުރައްވައިފާހުއްޓެވެ."

  • ދުޢާކުރުމުގައި ތިން ފަހަރު ތަކުރާރުކުރުން.

  • ދުޢާކުރުމުގައި ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު އިސްކުރުން.

އެހެން މީހަކަށް ނުވަތަ ބަޔަކަށް ދުޢާކޮށްދިނުމުގައިވިއަސް އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު އިސްކޮށް ދުޢާކުރުމަށް އަމުރުވެވިގެންވެއެވެ. ކީރިތިޤުރްއާނުގައި މާތް اللهُ ވަޙީކުރައްވާފައިވެއެވެ. "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަ ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމުވަންތަ ރަސްކަލާނގެއެވެ."

އެ ކަލޭގެފާނަށް اللهُ ރުއްސުންލެއްވި އުބައްޔު ބުނު ކަޢުބުގެ އަރިހުން ޞައްޙަ ސަނަދަކުން އަލްއިމާމުއް ތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ރަސޫލު اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ އެއްވެސް މީހަކަށް ދުޢާކޮށްދެއްވަނީ ނަމަ، އެންމެ ފުރަތަމަ އެކަލޭގެފާނުގެ އަމިއްލަފުޅު ނަފުސަށް ދުޢާކުރައްވައެވެ."