އައްސަލާމް ޢަލައިކުމް، ކޮބާ ހުރިހާ ކުދިން ކިހިނެއް؟ ރޯދަ ވަރުބަލި ދުވަހެއްތަ؟ ނޫންދޯ! މަމްދުބެ އުންމީދު ކުރަނީ ހުރިހާ ކުދިންނަށް މިއަދަކީވެސް ވަރަށް ރަނގަޅު، އުފާވެރި ދުވަހެއް ކަމަށް.

ހިނގާ މައުލޫމާތު ކޮޅަކާއެކު ވާހަކަ ކިޔުާލަމާ! މިއަދު މަމްދުބެ ކިޔައިދޭން މިއުޅެނީ ވަރަށް އިބްރަތްތެެރި ވާހަކައެއް. ކުދިންނޭވެ! ތިޔަކުދިން ވާންވާނީ ވަރަށް ބަސްއަހާ މުއުމިނު ކުދިންކަމުގައި. އަހަރެމެން ހުރިހާ އެންމެންވެސް މިދުނިޔެއަށް ފޮނުއްވާފައި ތިބީ ވަކި ބޭނުމެއްގައި، މުހިންމު ދެކަމެއްގައި. ފުރަތަމަ ކަމާއި ދެވަނަ ކަން ވަނީ ގުޅިފައި. ތިކުދިންނަށްވެސް އެނގޭނެ. ﷲތަޢާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށް އަދި ދުނިޔެ އާރާސްތުވެސް ކުރުމަށް. ދުނިޔޭގައި އުޅޭއިރު މަސައްކަތް ކޮށް ކަންތައްކުރަން ޖެހޭނެ. ހައްތާވެސް ރަނގަޅު ގޮތުގައި ކުރަން ޖެހޭ ކަންތައް. އަހަރެމެން ހުރިހާ ކުދިންވެސް ޖެހޭނެ ސުކޫލަށް ދާން. ކިޔަވަން. މޮޅުވެގެން ބޮޑުވީމަ ވަޒީފާއަށް ވެސް ދާން ވާނެ. އެކަމަކު،

މިހުރިހާ ކަމެއް ކުރުމުގެ ކުރިން އިސްކަން ދޭން ޖެހޭ ކަމެއް އޮވޭ. މިއަދު މިބުނެދޭން އުޅެނީ އެވާހަކަ.

ކުޑަތުއްތު؛ ނަމާދު ކުރާ އެއްދުވަސް ހޯދުން

ކުޑަތުއްތުއަކީ 8 އަހަރުގެ ކުއްޖެއް. ވަރަށް ގިނައިން އަރާމު ކުރަން ބޭނުން ކުއްޖެއް. ކުޑަތުއްތު ބޭނުންވާނީ އަބަދުވެސް ކައިގެން ނިދަން. އެކަަމަކު ކުޑަތުއްތުގެ މަންމައާއި ބައްޕަ އޮންނަނީ ނަމާދު ކުރަން ބުނެފައި. ކޮންމެ ބަންގިއަކާއެކު މާމަ ކުޑަތުއްތު ހޭލައްވާނެ. ކާފަ ކުޑަތުއްތު ނަމާދަށް ގެންދާނެ. މިކަމާ އަބަދު ވިސްނަމުން ގޮސް ކުޑަތުއްތުއަށް މޮޅު ފިކުރެއް އެނގިއްޖެ.

"ކޮންމެ ދުވަހަކު ނަމާދު ފަސް ވަގުތު ކުރަން ވަރަށް އުނދަގޫ. އެހެންވީމަ އެއްދުވަހު ހުރިހާ އިރެއްގައި ނަމާދު ކުރާނީ. ހަފުތާއެއްގެ 7 ދުވަހުގައި އޮންނާނީ ކިތައް ނަމާދުތޯ ބަލާލަން ވެއްޖެ. އާން. 35 ނަމާދު. އެއްދުވަހު ކުރުމުން އަނެއް 6 ދުވަސް ޗުއްޓީ ވާނެ."

މި ލިބުނު ރަނގަޅު ވިސްނުމުގައި އަވަހަށް ކުޑަތުއްތު ދުވެފައި ދިޔައީ ކާފަގާތަށެވެ. އަވަހަށް އެވާހަކަ ކާފައަށް ނަންގަނެފިއެވެ.

"ކާފަ، އަހަރެމެންގެ 5 ނަމާދު ކުރަން އެންމެ ރަނގަޅު ދުވަހަކީ ހަފްތާގެ ކޮން ދުވަހެއް ހެއްޔެވެ؟"

ކާފައަށް ވިސްނުނެވެ. އަވަހަށް ކުޑަތުއްތުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. "އަހަރެންގެ ކާފަދަރިފުޅާ، ނަމާދު ކުރަން އެންމެ ރަނގަޅު ދުވަހަކީ މަރުވުމުގެ އެއްދުވަސްކުރިން." ކުޑަތުއްތު ހުރީ ހައިރާންވެފައެވެ.“ވަރަށް ވިސްނާލާފައި ކުޑަތުއްތު އަހާލިއެވެ. "އެކަމަކު ކާފާ! އެއީ ނުކުރެވޭނެ ކަމެއް! އަހަރެން މަރުވާ ދުވަސް އަހަންނަށް އެނގޭނީ ކިހިނެއް؟"

ކާފަ ވަރަށް އުފާވެއްޖެއެވެ. އަދި ކުޑަތުއްތުގެ ބުއްދިއަށް ސާބަސްދިނެވެ.

"ސާބަހޭ ދަރިފުޅާ. ތިބުނީ ވަރަށް ބޮޑު ތެދެއް. އެއްވެސް މީހަކަށް މަރުވާ ދުވަހެއް ނޭނގޭނެ. ކޮންމެ ދުވަހަކުވެސް މަރުވެދާނެ. އެހެންވީމަ މަރުވާ ދުވަހުގެ ކުރިން ނަމާދު ގާއިމު ކުރަން ޖެހޭނެ."

އެދުވަހުގެ ފަހުން ކުޑަތުއްތު އަބަދުވެސް އެންމެ އިސްކަން ދެމުން ދަނީ ނަމާދަށެެވެ.

ތިކުދިންވެސް ވާނެ ބަރާބަރަށް ގަޑިއަށް ނަމާދު ކުރާ ކުދިންނަށް ވާން. ނަމާދު ފުރިހަމަވުމުން އެހެން ކަންތައްވެސް ރަނގަޅުވާނެ.

ހުރިހާ ކުދިންނަށްވެސް ރަނގަޅު އުފާވެރި ދުވަހަކަށް އެދެމުން ވަކިވެލަން. އަންނަ ދުވަހުންވެސް ރީތި ހަދިޔާއެއް ގެނެސްދިނުމަށް އުންމީދު ކުރަމުން ވައްސަލާމްޢަލައިކުމް.