އިސްރާއީލަކީ ދައުލަތެއް ކަމަށް އަދި ގަބޫލު ކުރެވެން ނެތްކަމަށް ޕާކިސްތާނުން ޔޫއޭއީއަށް އަންގައިފިއެވެ.

ޕާކިސްތާނުން ބުނެފައިވަނީ، ފަލަސްތީނު މައްސަލައަށް ހައްލެއް ނުހޯދެނީސް، އިސްރާއީލާ ގުޅުން އުފެއްދެން ނެތްކަމަށެވެ.

ޕާކިސްތާނުގެ މުލްޓާންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީ ވިދާޅުވީ، އޭނާ ދާދިފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި، ފަލަސްތީނު މައްސަލައަށް އާރުލާ އަދި ދާއިމީ ހައްލެއް ނުހޯދެނީސް ޕާކިސްތާނުން އިސްރާއީލާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރަށް ވަރަށް ސާފުކޮށް ދަންނަވާފައި ވާނޭ ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ގުރެއިޝީ މި މޭރުމުން ވާހަކަ މިދެއްކެވީ، ގުރެއިޝީ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، ޕާކިސްތާނުން އިސްރާއީލާ ގުޅުން އުފައްދަން އުޅޭ ކަމަށާއި، އިސްރާއީލަށް ސިއްރިއްޔާތުގައި މަންދޫބަކު ފޮނުވައިފިކަމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.

ޕާކިސްތާނުން ސިއްރިއްޔާތުގައި އިސްރާއީލަށް މަންދޫބަކު ފޮނުވައިފި ކަމަށާއި، ގުރެއިޝީގެ ޔޫއޭއީ ދަތުރުފުޅަކީ ގުޅުންތައް އުފެއްދުމުގެ ދަތުފުޅެއް ކަމުގެ އަޑުތައް ޕާކިސްތާނުގެ އިތުރުން، އެންމެ ބޮޑަށް ފަތުރާފައިވަނީ އިސްރާއީލުގެ މީޑިއާއިންނެވެ.

ނަމަވެސް، ޕާކިސްތާނު ސަރުކާރުންވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގު ކޮށްފައެވެ.

އިސްރާއީލާ ގުޅުން އުފައްދަން، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަލްފްގެ އަރަބި އެހެން ގައުމުތަކުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރާ ކަމަށް ދެކެވޭ ވާހަކަތާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޚާރިޖީ ވަޒީރު ގުރެއިޝީ ވިދާޅުވީ، ފަލަސްތީނު މައްސަލައާއި ކަޝްމީރުގެ މައްސަލައަށް ޕާކިސްތާނު ރައްޔިތުންގެ ހިތްތަކުގައި އޮތް ޖަޒުބާތާއި، އިހްސާސްތަކުގެ ފުންމިން ޔޫއޭއީގެ ޚާރިޖީ ވަޒީރަށް ވަރަށް ސާފުކޮށް ދެންނެވި ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީ ވިދާޅުވީ، އިސްރާއީލާ ގުޅުން އުފައްދަން ޕާކިސްތާނަށް އެއްވެސް ފަރާތަކުން ޕްރެޝަރ ކުރިމަތި ނުކުރާ ކަމަށެވެ. ޕްރެޝަރެއް އައިނަމަވެސް ޕާކިސްތާނުން ކަންކަން ނިންމާނީ ޕާކިސްތާނުގެ މަސްލަހަތަށް އިސްކަންދޭ ސިޔާސަތުގެ ދަށުން ކަމަށްވެސް ގުރެއިޝީ ވިދާޅުވިއެވެ.