މިސީޒަނުގައި ޔޫރަޕުގެ ބޮޑެތި ބާރުތަކަށް ސިހުމަކަށްވެފައިވާ ނަޕޯލީ 4-0 އިން ބަލިކޮށް އޭސީ މިލާނުން އެޓީމު ހަމަ ބިމަށް ތިރިކޮށްފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މިމެޗުގެ ތަރިޔަކަށްވީ މިލާނަށް ދެލަނޑު ކާމިޔާބު ކޮށްދިން ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ރަފޭލް ލިއައޯއެވެ. ދުވެލި ބާރު އަދި ކޮއްޓުމާއި ނެއްޓުމުގައިވެސް ހުނަރުވެރި ލިއައޯ ހިފެހެއްޓުމުގައި ނަޕޯލީ ޑިފެންޑަރުންނަށް ވަނީ ގިނަ އުނދަގޫތަކެއް ރޭ ކުރިމަތިވެފައެވެ. ލިއައޯ، މިލާނަށް ލީޑް ނަގައިދިނީ 17 ވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް ބްރަހިމް ޑިއަޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މިލާނުގެ ދެވަނަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިއަޒްއެވެ. ލިއައޯގެ ދެވަނަ ލަނޑު އަދި މިލާނުގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ 59 ވަނަ މިނެޓުގައެވެ. މިލާނުން ހަތަރުވަނަ ލަނޑު ޖަހައި ނަޕޯލީ ހަމަބިމަށް ތިރިކުރީ 67 ވަނަ މިނެޓުގައި އެކްސް ސައިލެމާކާސްގެ ލަނޑުންނެވެ.

މެޗުގެ އުސްއަލިތަކުގެ ލިންކް:

https://www.youtube.com/watch?v=Yvqz-BYBnp4&feature=onebox

މިލާނުން އަވަސް އެޓޭކިންގ ގޭމެއް މުޅިމެޗުގައިވެސް ކުޅުނުއިރު، ނަޕޯލީއިންވެސް ވަނީ ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު މީގެ ތެރެއިން ގޯލަށް އަމާޒު ކޮށްލެވުނީ 4 ހަމަލާއެވެ.

އަނެއްކޮޅުން މިއީ މިސީޒަނުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ނަޕޯލީ، އެޓީމުގެ ދަނޑުގައި އެންމެފަހުން ކުޅުނު 3 މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.

އަންނަ ހަފްތާގައި މިލާނާއި ނަޕޯލީ، ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި ބައްދަލު ކުރަންޖެހޭއިރު މިމެޗުން މިލާނަށް ބޮޑު އިތުބާރެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މިމެޗުން ބަލިވިނަމަވެސް ނަޕޯލީ ތާވަލުގެ ކުރީގައި އޮތީ 16 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ދެވަނައިގައި ލާޒިއޯ އޮތީ 55 ޕޮއިންޓާއެކުއެވެ. މިލާން ތިންވަނައިގައި އޮތީ 51 ޕޮއިންޓާއެކުއެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ 10 މެޗް އޮތްއިރު، މިދިހަ މެޗުން 16 ޕޮއިންޓް ހޯދައިގެން ލީގް ޗެމްޕިއަންކަން ކަށަވަރު ކުރެވެން ނަޕޯލީއަށް އެބައޮތެވެ.