މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބިލިޔަނަރ، ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ބޭނުން ކުރަމުން އަންނަ ޖީ-200 މަރުކާގެ ލަގްޒަރީ ޖެޓް ވިއްކާލަން ނިންމައިފިއެވެ.

ސްޕެއިނުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މިލަގްޒަރީ ޖެޓް ގަންނާނެ ފަރާތެއްވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ 4 ފަސިންޖަރުންނާއި 2 ކްރޫއިންގެ ޖާގައިގެ ޖެޓެކެވެ.

ރޮނާލްޑޯ މިޖެޓް ގަތީ 25 މިލިޔަން ޑޮލަރަށް 2015 ވަނަ އަހަރު އޭނާ ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ދުވަސްރުއެވެ. މިޖެޓުގެ ފޮޓޯތައް އެންމެ ރީތިކޮށް ފެނުނީ، ސައުދީގެ އަލް-ނަސްރަށް ބަދަލުވުމަށް ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އާއި ބައެއް ދަރިންނާއެކު ސައުދީ އަރަބިއްޔާއަށް ރޮނާލްޑޯ ކުރި ދަތުރުގައި ޖޯޖީނާ އޭނާގެ އިންސްޓަގްރާމަށް ޖެޓުގެ އެތެރެ ދައްކުވައިދޭ ފޮޓޯތައް ލުމުންނެވެ.

ސްޕެއިނުގެ އެސްޑިއަރިއޯ ނޫހުން ބުނާ ގޮތުގައި ރޮނާލްޑޯ ލަގްޒަރީ ޖެޓް ވިއްކާލަނީ ޖާގަ ތަނަވަސް އެހެން ޖެޓެއް ގަތުމަށްޓަކައެވެ.

ރޮނާލްޑޯ ސައުދީގެ ނަސްރަށް ކުޅެމުން ދަނީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ.