ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ލިއޯން އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގައި، ޕީއެސްޖީގެ ސަޕޯޓަރުން އެޓީމުގެ ތަރި ލިއޮނަލް މެސީއާ ދިމާކޮށް އެއްޗެހި ގޮވައިފިއެވެ.

ޕީއެސްޖީ ކުޅޭ މެޗުތަކުގައި މެސީއާ އެޓީމުގެ ސަޕޯޓަރުން ދިމާ ކުރި މިއީ ދެވަނަ ފަހެރެވެ. ޕީއެސްޖީގެ ސަޕޯޓަރުން ހިތްހަމަ ނުޖެހިގެން އުޅެނީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ޗެމްޕިއަންސް ލީގް ދެވަނަ ބުރުން ބަޔާން މިޔުނިކް އަތުން ބަލިވެ ޕީއެސްޖީ އެމުބާރާތާ އަލްވަދާއު ކިޔަން ޖެހުމުންނެވެ.

އަނެއްކޮޅުން މިދިޔަ ހަފްތާގައި އާޖެންޓީނާ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗުތައް ކުޅުމަށްފަހު އެނބުރި ޕީއެސްޖީއަށް މެސީ އައިރު މީޑިޔާގައި އޮތީ ކުރިއަށް އޮތް ޖޫން މަހު މެސީ އެނބުރި ބާސެލޯނާއަށް ދާން އުޅޭ ވާހަކައެވެ. މެސީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބާސެލޯނާގެ ނައިބްރައީސް ޔުސްޓޭވެސް ވަނީ މީޑިޔާތަކަށް ކަށަވަރު ކޮށްދީފައެވެ.

ލިއޯން އަތުން ޕީއެސްޖީ ރޭ ބަލިވީ ލިއޯނުގެ ބްރެޑްލީ ބާކޯލާ ޖެހި ހަމައެކަނި ލަނޑުންނެވެ. މިއީ ޕީއެސްޖީ އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން އެޓީމު ބަލިވި 7 ވަނަ މެޗުކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 18 ވަނަ ދުވަހު ގަތަރުގައި ނިމުނު ވަރލްޑް ކަޕުގެ ކުރިން ޕީއެސްޖީ އޮތީ ވަރަށް ފޯމުގައެވެ. ވަރލްޑް ކަޕަށް ލީގް މެދުކަނޑާލިއިރު ބަލިނުވެ ޕީއެސްޖީ ވަނީ 22 މެޗް ހަމަކޮށްފައެވެ. އެކަމަކު ވަރލްޑް ކަޕަށްފަހު އަލުން ލީގް ފަށައިގެން ޕީއެސްޖީއަށް އެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ.