އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހ. މިއަދުވެސް މަމްދުބެ މި އުންމީދުދު ކުރަނީ ވާހަކަ ކިޔަން ތިބ ހުރިހާ ކުދިންނަށް ޢިބްރަތް ތެރި ވާހަކައެއް ކިޔާލަދޭން.

ތިހުރިހާ ކުދިންގެ ހާލު ރަނގަޅުތަ؟ އިރާދަކުރެއްވިއްޔާ ހުރިހާ ކުދިންގެ ހާލު ރަނގަޅު ކަމަށް ހީކުރަން. ކޮބާ މިއަދު ގެ ވާހަކައިގެ މި ކިޔާދެނީ މަކަރުވެރި ހިޔަޅަކަށް ލިބުނު ފިލާވަޅެއްގެ ވާހަކަ. ހިނގަމާ ދޯ ވާހަކައިގެން ކުރިއަށް ދާން.

އެއްސަހަރެއްގައި އުޅުނޯ ވަރަށް މަޖާކޮށް އުޅޭ ހިޔަޅެއް. ކޮން ކުދިންނަކަށް އެނގެނީ އިނގިރޭސި ބަހުން ހިޔަޅަށް ކިޔާ ނަން؟ އާނ! ވަރަށް މޮޅު! ހިޔަޅަށް އިނގިރޭސި ބަހުން ކިޔަނީ "ފޮކްސް" މި ހިޔަޅަކީ ވަރަށް ވިސްނުން ތޫނު ޖަނަވާރެއް.

ހިޔަޅު އެއްދުވަހަކު ޖަންގަލީގައި ކުޅެން އުޅެފައި ވަރަށް ބަނޑުހައި ވެއްޖެ. ދެން ހިޔަޅު ހިތަށް އަރައިފި..

"މިއަދު ހާދަ ބަނޑުހައިވެޔޭ ދާންވެއްޖެ ކާއެއްޗެއް ހޯދަން." މިހެން ހިތައި ހިޔަޅު ޖަންގަލީ ގެ ގަސްތަކުގެ ތެރެއިން ހިނގާފައ ދަނިކޮށް ދޫނި ތަކެއްގެ އަޑު އިވެން ފަށައިފި. އެ ދޫނިތައް ކުރާކަމެއް ބަލާލަން ހިޔަޅު ބޭނުން ވެއްޖެ. އެހެންކަމުން ވަރަށް ސިއްރުން ހިޔަޅު މަޑުމަޑުން ގޮސް އަޑު އަންނަ ދިމާއަށް ބަލާލި. ހިޔަޅަށް ފެނުނީ ތިން ކުލައިގެ ތިން ކޮތަރު ޕިކުނިކު އައިސް މަޖާ ކުރަނިކޮށް. ތި ކުދިންނަށް އެނގޭތަ އެ ތިން ކޮތަރު ތބީ ކީއްކުރަންކަން؟ އަދި އެކޮތަރު ތަކުގެ ހުރީ ކޮން ކުލައެއްކަމެއް؟

މި ކިޔާދެނީ އިނގޭ!! ފުރަތަމަ ކޮތަރުގަ ހުރީ މުށި ކުލަ. ދެވަނަ ކޮތަރުގަ ހުރީ އަޅިކުލަ. އަދި ތިންވައަށް އިން ކޮތަރުގަ ހުރީ ހުދު ކުލަ. ވަރަށް ރީތިވާނެ ދޯ ؟ ޖަންގަލީގައި ހެދިފަ އޮތް ވަރަށް ރީތި ފެން ކޯރެއްގެ ކައިރީ ތިން ކޮތަރުވެސް ތިބީ މަސް ހިފަން. ވަރަށް މަޖާ ވާނެ ދޯ!

އެ ތިން ކޮތަރުވެސް ތިބީ ވަރަށް އެކުވެރިކޮށް އެއްބައިވެގެން މަސް ހިފަން. ދެން ހިޔަޅު އެތަނަށް ހިނގައްޖެ. އަދި ފަރަތަމަ މުށި ކުލައިގެ ކޮތަރު ގާތު ބުނެފި ހިޔަޅު: "ކޮތަރާ ކޮތަރާ! އަހަރެންނަށް ވެސް ތި ތަނުން މަހެއް ދީބަލަ ވަރަށް ބަނޑުހައިވެއްޖެ!" ޖަވާބުގައި ފުރަތަމަ ކޮތަރު ބުނެލީ: "ނުނޭ! އަހަރެން އަތުގަ އޮތީ އެންމެ މަހެއް އެހެންވީމަ މިމަހެއް ނުދެވޭނެ!"

ދެން ހިޔަޅު ދިއައީ ދެވަނައަށް އިން އަޅިކުލައިގެ ކޮތަރު ގާތަށް . ހިޔަޅު ބުނި: "އަޅިކުލައިގެ ކޮތަރާ، އަހަްށް މަހެއް ދީބަލަ؟" ޖަވާބުގައި މި ކޮތަރުވެސް ބުނީ: "ނުނޭ ހިޔަޅާ"އަހަރެން ދަރިންނަށް ކާންދޭން ހިފި މަހެއް އެހެންވީމަ މިމަހެއް ނުދެވޭނެ!" ދެން ހިޔަޅު ދިޔައީ ތިންވަނަ އަށް އިން ހުދު ކުލައިގެ ކޮތަރު ގާތައް. އަނެއްކާވެސް ހިޔަޅު ބުނެފި: "ހުދު ކޮތަރާ އަހަރެންނަށް މަހެއް ދީބަލަ އަހަރެން ވަރަށް ބަނޑުހައި ވެއްޖެ، އަހަރެންނަށް މަހެއް ދޭނެ މީހަކު ނުވި،" މިހެން ކިޔައި ހިޔަޅު ރޯން ފެށިއެވެ.

ދެން ތި ކުދިންނަށް އެނގޭތަ ވީގޮތް؟ ހުދު ކޮތަރު ބުނެފި: "އާނ! ހިޔަޅާ މައްސަލައެއް ނެތް! އެކަމަކު މި މަހުގެ އެއްފަޅި ދޭންވާނެ އަހަރެންނަށް އަނެއްފަޅި ހިޔަޅަށް." މިގޮތައް ހުދު ކޮތަރު ބުނެލިއެވެ. ހުދު ކޮތަރާއި ހިޔަޅު މަސް ހިފައިގެން ދިޔައީ ޖަންގަލީގައި ހުންނަ ހިޔަޅުގެ ގެއަށެވެ. ވާހަކަ ކިޔަން ތިބި ކުދިންނަށް އެނގޭތަ ހިޔަޅު ގެއަކީ ފަރުބަދަ މަތީގައި ހުރި ބޮޑު ހޮހަޅައެއްގެ ތެރެ. ހިޔަޅު ގޮސް މަސް ދެބަޔަށް ބަހައިލި. އެކަމަކު ހިޔަޅު ހިތަށް އަރައިފި "އަހަރެން މި މަސް ކާލާނީ. ހުދު ކޮތަރަށް އެންމެ އެތިކޮޅެއް ވެސް ނުދޭނަން. " ހިޔަޅު ބޭނުންވީ ހުދު ކޮތަރަށް އެންމެ މަސްކޮޅެއް ވެސް ނުދީ މުޅި މަސް ކާލަން. ވާހަކަ ކިޔަން ތިބި ކުދިން ނަށް އެނގޭތަ ކަންތައް ވީގޮތް؟ "ހުދު ކޮތަރު ހަލުވިކަމާއެކު އެ މަސް ކޮތަރުގެ ތުނބު ލައިގެން އުދުއްސައިގެންފި."

އަސްތާ! މިވީ ކިހާ ދެރަގޮތެއް ދޯ!" ހިޔަޅުގެ މަކަރު ވެރިކަމުން މަސް އެކަނި ކާލަން އުޅުނުއިރު ވިސްނުން ތޫނު ހިޔަޅަށް ނުވިސްނުނު ހުދު ކޮތަރުގެ ބޮޑު ދެ ފިޔަނޑު ހުންނަކަމެއް. ހުދުކޮތަރު ބުނި "ހިޔަޅާ ހިޔަޅާ ދެންވެސް ތެދުވެރިވާތި. މިއަދު ހިޔަޅަށް ތި ލިބުނީ މަކަރުވެރި ކަމުގެ ފިލާވަޅު. ދެންވެސް ތެދުބަހުން ވާހަކަ ދައްކާތި!"

"މަކަރު ހެދީމަ މަސްކޮޅެއް ކާލަންވެސް ނުލިބުނީ މިއަދު!" މިހެން ކިޔަމުން ހުދު ކޮތަރު މަސް ހިފައިގެން އުދިހިފައި ހިނގައްޖެ". ހިޔަޅަށް ވިސްނިއްޖެ! "އާނ! އަހަރެން މަކަރު ހަދަން އުޅުނީމަ ލިބުނު ލަނޑުމީ." މި މަކަރު ވެރިކަމާއެކު މަސް އެއްކޮށް ކާލަން އުޅުނީމަ ލިބުނު އެކަމުގެ ފިލާވަޅު. އެ ދުވަހުން ފެށިގެން ހިޔަޅު އުޅެން މަސައްކަތް ކުރީ ވަރަށް ތެދުވެރިކޮށެވެ.