ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ 2-1 އިން މޮޅުވީ އީގަލްސްއަށްވުރެ ތަފާތު، ތަފާތު މޮޅުތަކެއް ވެގެން ނޫން ކަމަށް އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ސާންތި ބުނީ ފުރަތަމަ 18 މިނެޓުގެ ތެރޭގައި އީގަލްސް ކޮޅަށް ދެލަނޑު ވަނީ އާދައިގެ ގޯސްތަކުގެ ސަބަބުން ކަމަށެވެ.
"މާޒިޔާގެ ދެލަނޑަކީ އޮގަނައިޒްކޮށް ކުޅެގެން އަޅުގަނޑުމެން ކޮޅަށް ޖަހާފައި އިން ދެގޯލެއް ނޫން. އަޅުގަނޑުމެންގެ ސިލީ މިސްޓޭކް ހަމަ. އަޅުގަނޑުމެން އެބަޖެހޭ ޑިފެންސް ރަނގަޅު ކުރަން. އެހެންވެ އަޅުގަނޑު މިދަންނަވަނީ ތަފާތު ތަފާތު ވެގެނެއް ނޫނޭ މިއަދު މާޒިޔާ މޮޅުވީ" ސާންތި ބުންޏެވެ.
މާޒިޔާގެ ސްކޮޑަށް ބަލާއިރު މުޅިން ކަހަލަ ގޮތަކަށް ތިބީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. ސާންތި ބުނީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު މާޒިޔާ ތަފާތު ކަމަށާއި އެޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރުވެސް މަތި ކަމަށެވެ.
މާޒިޔާއިން މިމެޗުގައި ލީޑް ނެގީ 15 ވަނަ މިނެޓުގައި ހަސަން ރާއިފް (ހަންނަ) އެވެ. ހަންނައަކީ މިދިޔަ ސީޒަނުގައި އީގަލްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. މާޒިޔާގެ ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗައިނީސް ސްޕަރ ލީގުގައި ކުޅެފައިވާ ސާބިއާގެ ފޯވާޑް ސްޓެފަން މިހަލޮވިޗެވެ. އީގަލްސްގެ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ބިދޭސީ ޑިފެންޑަރު ބަހޯދިރު ޖަހަންގިރެވެ.
މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް މެޗް ކާމިޔާބު ކުރި 6 ވަނަ ފަހަރެވެ. މިއީ ރާއްޖޭގެ ރެކޯޑެކެވެ.