ފްރާންސްގެ މަޝްހޫރު ކްލަބް، ޕީއެސްޖީގެ ކޮންޓްރެކްޓް އާނުކޮށް އެނބުރި ބާސެލޯނާއަށް ދިޔުމަކީ ފުޓްބޯޅަ އަށާއި މެސީއަށް އެންމެ ރަނގަޅު ކަމަށް ދެކޭ ކަމުގައި ފްރާންސްގެ ކުރީގެ ދެތަރިން ކަމުގައިވާ ތިއޮރީ އޮންރީ އާއި އެމެނުއަލް ޕެޓިޓް ބުނެފިއެވެ.
އޮންރީ އާއި ޕެޓިޓް، މެސީ ކުރިމަގާ ގުޅޭ ގޮތުން އެދެކުޅުންތެރިން ދެކޭ ގޮތް ފާޅު މިކުރީ މިދިޔަ އާދިތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅެ ލިއޯން އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުުގައި ޕީއެސްޖީގެ ސަޕޯޓަރުން މެސީއަށް އެއްޗެހި ގޮވުމުންނެވެ.
މެސީއާއެކު ބާސެލޯނާއަށް ކުޅެ 2009 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި އޮންރީ، ލައިވް ކޮމެންޓްރީގައި ބުނީ މެސީ އެނބުރި ބާސެލޯނާއަށް ދިޔުމަކީ އޭނާގެ އެދުމެއް ކަމަށެވެ. "ފުޓްބޯޅައަށް ލޯތްބައްޓަކައި މެސީ އެނބުރި ބާސެލޯނާއަށް ބަދަލުވާން ޖެހޭ. ބާސެލޯނާ ދޫކޮށްލަން މެސީއަށް ޖެހުނީ އެންމެ އެދެވޭ ގޮތަކަށް ނޫން" 2021 ވަނަ އަހަރު މަޖުބޫރީ ހާލަތެއްގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް މެސީ ބަދަލުވާން ޖެހުނު ހާލަތަށް އިޝާރާތް ކުރަމުން އޮންރީ ބުންޏެވެ.
އޮންރީއާއެކު ފްރާންސް ގައުމީ ޓީމަށް ކުޅެ 1998 ވަނަ އަހަރުގެ ވަރލްޑް ކަޕް ފައިނަލުގައި ބްރެޒިލް އަތުން 3-0 އިން ފްރާންސް މޮޅުވި މެޗުގައި ބްރެޒިލް ކޮޅަށް ލަނޑު ޖެހި ޕެޓިޓް ޕީއެސްޖީ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރެ ބުނީ ޕީއެސްޖީއަކީ "ފުޓްބޯޅަ ޓީމެއް ނޫން" ކަމަށާއި އެއީ މަތީ ފަންތީގެ ކުޅުންތެރިން ރިޓަޔަރ ކުރުމުގެ ކުރިން ކުޅެލަން އޮތް ކްލަބެއް ކަމަށެވެ.
"މެސީއާ ދިމާ ކުރުމަކީ ފުޓްބޯޅައާ ދިމާ ކުރުން. މެސީއަށް ނަސޭހަތެއް ދޭން ފުރުސަތު ލިބިއްޖެނަމަ އަހަރެން ބުނާނީ ޕީއެސްޖީ ދޫކޮށް ދާށޭ. ޕީއެސްޖީއަކީ ފުޓްބޯޅަ ކްލަބެއް ނޫނެކޭ. ޕީއެސްޖީއާ ގުޅުނު އެއްވެސް ކުޅުންތެރިޔަކަށް މިހާތަނަށް ކުރިއެރުމެއް ލިބިފައެއް ނެތް" ޕެޓިޓް ބުންޏެވެ.