(މިއީ ރާއްޖޭގެ ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. ބޭނުން ކޮށްފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ.)

އެއީ މީގެ އެތައް އަހަރު ކުރި ނަމަވެސް ރިޝްމާ(އަސްލު ނަމެއް ނޫން) އަށް އަދިވެސް އެ ވޭން ތަކުން ދުރަށް ދިއުން ވަނީ ނާދިރު ކަމަކަށް ވެފައެވެ. އުމުރުން އެންމެ ތިން އަހަރުގައި ރިޝްމާގެ މަންމަ މަރުވުމުން ރިޝްމާ ބަލާ ބޮޑު ކުރީ ރިޝްމާގެ ބައްޕައެވެ.

ރިޝްމާގެ އާއިލާގައި އިތުރު ކުއްޖެއް ނެތުމުން ރިޝްމާ އަކީ ލޯތްބާއި އަޅާލުމާއި އެކު ބޮޑުވަމުން އައި އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ.އުމުރުން ފަސް އަހަރުގައި ރިޝްމާގެ މަންމަ މަރުވުމުން ރިޝްމާގެ ބައްޕަ މުހައްމަދު ރަޝީދު(އަސްލު ނަމެއް ނޫން) އަށް ލިބުނީ، ބުނެދޭން ނޭނގޭ ހިތާމައެކެވެ. ކުރަމުން ދިޔަ މަސައްކަތުން ދުރުވެ އަބަދުހެން މުހައްމަދު އޮންނަނީ ގޭގައެވެ. ރިޝްމާގެ ކަންކަން ކޮށްދީ ހަދަނީ މުހައްމަދު އެވެ. ރިޝްމާއަށް މަންމަގެ ލޯއްބާއި ބައްޕަގެ ލޯބިވެސް ދިނީ މުހައްމަދު އެވެ.

އެހެން ނަމަވެސް ދުނިޔެއަކީ އިންސާނާ އެންމެ ހީނުކުރާ ގޮތަށް ކަންކަން ވަމުން އަންނަ ތަނެއް ކަމުން ރިޝްމާ އަށް ބައްޕަގެ ފަރާތުން ލިބެމުން ދިޔަ ލޯބި ހިނދުކޮޅެއް ތެރޭ ބަދަލުވެގެން ދިޔައެވެ. އުއްމީދުގެ ހުޅުކޮޅު ފަނޑުވެ ރިޝްމާގެ މުޅި ހަޔާތް ކަނު އަނދިރި ކަމުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އަޅާލާނެ އިތުރު މީހެއް ނެތި މުޅި ދުނިޔެއަށް ރިޝްމާ ގިނަވީ އޭނާގެ އުފަން ބައްޕަގެ ސަބަބުން ކަމަށް ރިޝްމާ ކިޔައިދިނީ އަސަރާއި އެކުއެވެ.

"ބައްޕަ އަކީ ބައްޕަކަން އަބަދުވެސް ހަނދާން ކުރާނަން. އެހެން ނަމަވެސް ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން. ބައްޕައަށް ވުމުން އަދާ ކުރަންޖެހޭ ޒިންމާތައް އަހަރެން އަދާ ކުރާނަން. އެކަމު މިހިތަކުން ބައްޕަ އަށް ދޭނެ ލޯއްބެއް ނެތް." ވާހަކަ ފެށުމުގެ ކުރިން ރިޝްމާ ބުންޏެވެ.

އެއީ ރިޝްމާގެ މާމަ މެން ގެއަށް އައި ދުވަހަކެވެ.ގޭގައި އެންމެން މަޖަލުގައި އުޅެމުން ދިޔައިރު ބައްޕަ ކޮންމެސް މީހަކާ ބައްދަލު ކުރަން އެވަގުތު ވަނީ ބޭރަށް ގޮސްފައެވެ. މާމަ މެން ގޭގައި ތިބެފައި ދިޔައިރުވެސް ބައްޕަ ނައުމުން ރިޝްމާ އޭނާގެ ބައްޕަގެ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އެހެން ނަމަވެސް ބައްޕަ ގެއަށް ނައިސް އެތައް އިރެއްވުމުން އެހެން އޮއްވާ އޭނާއަށް ނިދުނީއެވެ.

ރިޝްމާއަށް ހޭލެވުނީ މީހެއްގެ ހޫނު ނޭވާ އޭނާގެ މޫނަށް އިހުސާސް ކުރެވުމުންނެވެ. ސިއްސައިގެން ގޮސް ހޭލެވުނު އިރު ރިޝްމާއަށް ފެނުނީ އޭނާގެ ބައްޕަގެ މޫނު ރިޝްމާގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓައެވެ. އެހެން ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ރިޝްމާ ބައްޕަ އަށް ގޮވާލިއެވެ. އެފަދަ ކަމަކުން ރިޝްމާގެ މައުސޫމު ސިކުނޑިއަކަށް މާބޮޑު ނުބައި ތަސައްވުރެއް ނުކުރެވުނީ އެއީ އޭނާގެ ލޯބިވާ ގަދަރާއި އިތުބާރު ކުރާ ބައްޕައަށް ވާތީ އެވެ.

އެހެން ނަމަވެސް ބައްޕަ ރިޝްމާގެ މޫނަށް ބަލަހައްޓައިގެން އޮތީ، "ކާން ނުދީ އޮތް ބުޅަލަކަށް މަސް ގަނޑެއް ފެނުމުން" ބަލަން އޮންނަ ގޮތަށެވެ.އިރުކޮޅެއް ވަންދެން ބައްޕަ ރިޝްމާގެ މޫނަށް ބަލަން އޮތެވެ. އެއަށް ފަހު ބައްޕަ ރިޝްމާގެ ކަންފަތް ކާރީ ވަރަށް ސިއްރުން ބުނެލި ބަސް މިއަދުވެސް ރިޝްމާގެ ހަނދާން އެބަހުއްޓެވެ.

"ދަރިފުޅު ހާދަ ވައްތަރޭ ދޯ މަންމަ އާ. މަންމަ ދުނިޔޭގައި ހުރި އިރު ބައްޕަ އަށް ކޮށްދިން ކަންކަން ވާނެ އިނގޭ ދަރިފުޅު ބައްޕަ އަށް ކޮށްދޭން."

އެއީ އެހާބޮޑު ކަމެއް ކަމަށް ރިޝްމާގެ ޅަ މައުސޫމު އަދި އެހާމެ ސާފުތެދު ސިކުނޑިއަކަށް އޭރު ނުވިސްނުނެވެ. ރިޝްމާގެ އުމުރުން އޭރު އެންމެ ހަތް އަހަރު ކަމުން ރިޝްމާއަކަށް ބައްޕަ އެ ބުނި ބަހުގެ މާނަ ނޭނގުނީއެވެ. އެހެން ބައްޕަ ބުނުމަށްފަހު ބައްޕަ ދެން އަމަލު ކުރީ ރިޝްމާ ދުވަހަކުވެސް ހީނުކުރާ ގޮތަށެވެ. ބައްޕަ ރިޝްމާގެ މުޅި ހަށިގަނޑުގައި އެގޮތް މިގޮތަށް އަތްލައި ދުވަހަކުވެސް ނުދަންނަ އެތައް ކަމެއް ކުރިއެވެ. ކުޑަކުޑަ ރިޝްމާއަށް އޭނާގެ އުފަން ބައްޕަ ވިސްނައިދިނީ އޭނާއަކީ މިހާރު މަންމަގެ މަގާމު ފުރަން ޖެހޭ މީހާކަމެވެ. މަންމަ އޭނާ މިގޮތަށް ބައްޕައަށް ހިދުމަތްކޮށްދޭކަން އެނގުމުން އުފާވާނެއެވެ. މަތީގައި ތަރިތަކުގެ ތެރެއިން ތަރިއެއްގައި މަންމަ ރިޝްމާ ކުރާ ކަންތައް ބަލަން އުފާވެފައި އެބަހުއްޓެވެ. ކުޑަކުޑަ ރިޝްމާއަށް މިއިން އެއްވެސް އެއްޗެއް ނުވިސުްނުނެވެ.

ބައްޕަ ކުރަމުން ދިޔަ ކަންކަން ރިޝްމާއަށް އޭރު ނޭނގެއެވެ. އެއްވެސް މީހަކަށް އެކަން އަންގައިގެން ނުވާނެ ކަމަށް ބައްޕަ ބުނީ އެއީ މަންމަ ދެރަވާނެކަމަކަށް ވާނެތީއެވެ. މަންމައަށް ރިޝްމާ މީހެއްގެ ގާތު އެވާހަކަ ދައްކައިފިނަމަ ދުނިޔޭގައި މިގޭގައި ނޫޅެ އެގޮތަށް ތަރިތަކުގައި އުޅޭން ދިޔަކަމާމެދު ހިތާމަ ކުރާނެއެވެ. ފަހަރެއްގައި އެހެން ތަރިއަކާ ޖެހި މަންމަ އަމިއްލައަށް ރޯވެގެން އަނދާފާނެއެވެ. އޭރުން ތަރިތަކުގެ ތެރެއިން މަންމަ ނަރަކައަށް އެއްލާލެވޭނެއެވެ. މިއީ މައުސޫމު ކުޑަކުޑަ ހަތަރު އަހަރު ނުފުރޭ ކުއްޖަކަށް އެ ޝައިތާނެއްފަދަ ބައްޕަ ކިޔައިދިން ފުލޯކު ވާހަކަތަކެވެ.

އޭރު ނޭނގުނަސް ރިޝްމާއަށް ފަހުން ވިސްނެން ފެށިއެވެ. އުމުރުން ބޮޑުވަމުން މީހުންގެ ތެރޭގައި އުޅެމުން ދިޔަވަރަކަށް ސުކޫލަށް ނުފޮނުވިޔަސް އަބަދު ގޭގައި އުޅޭން ޖެހުނަސް ކޮންމެވެސް ވަރަކަށް މީހުންނާއެކު އުޅެން ލިބެމުން ދިޔަ ފުރުސަތުގައި ގައިގަ އަޅާ ވޭނާމެދު ކުރެވޭ ޝަކުވާއާއި ޒުވާން ވަމުން އައި ހިތުގައި އަޅާ އެހެން ވޭންތަކުގެ ތެރެއިންލާފައި މިވަމުން ދަނީ ސައްތައިންސައްތަ ނުބައި ވަހުޝީ ކަމެއްކަން ދެނެގަނެވުނު އިރު ނިކަމެތި ރިޝްމާއަށް 14 އަހަރުވެސް ފުރިއްޖެއެވެ. އަލިފެއް ބާއެެއް ނަމާދެއްގެ ރުކުނެއް ރޯދައިގެ ނިޔަތެއް ހިނެއުމުގެ ޝަރުތެއް އެކައްޗެއްވެސް ނޭނގޭ ރިޝްމާއަށް ދަސްވެފައި އޮތީ ޝަހުވަތާއި ވަހުޝަތެވެ. އެވެސް މަޖުބޫރާއި ނުރުހުމުގެ ތެރޭގައެވެ. ނުވަ އަހަރު ވަންދެން ރިޝްމާގެ ބައްޕަ ރިޝްމާގެ ކިބައިން އުފާ ހޯދަމުން ދިޔައީ ރިޝްމާ އަކީ އޭނާގެ ފެނާއި ލެއިން އުފެދުނު އޭނާގެ އުފަން ދަރިކަން ހަނދާން ނައްތާލައިގެންނެވެ.

ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ކުރާ ހުރިހާ ކަމެއް ބައްޕަ ދިޔައީ އަހަރެންގެ ކިބައިން ކުރުވަމުންނެވެ. އެކަން ބައްޕަ ކުރަމުންދިޔަ އިރު މީހަކަށް "ރޭކާވެސް" ނުލިއެވެ. އަހަރެންވެސް އެއީ ބައްޕަ އަށް ވީތީ އެކަން ސިއްރު ކުރީއެވެ. ދުނިޔޭގެ ލަދަށް އެކަން ނުބުނެ ހުރީއެވެ. ކުޑައިރު ބައްޕަ ކުރަން ފެށި ކަންކަން ބޮޑުވެ ހެވާއި ނުބައި ވަކިވިއިރުވެސް ނުބުނެ ހުރީ އެހެންވެއެވެ. ކޮންމެހެން އެކަމުން ރިޝްމާއަށް އުފާތަކެއް ލިބޭތީއެއް ނޫނެވެ. އެހެން ނަމަވެސް އެ ނުލަފާ އަމަލުތަކުގެ ޝިކާރައިން އަހަރެން ސަލާމަތްވީ ރިޝްމާގެ ބޮޑުދައިތަގެ ސަބަބުންނެވެ."އެކަން ބޮޑުދައިތަ އަށް އެނގުނީ އެއް ދުވަހު މެންދުރު އަހަރެން ބައްޕަގެ ކޮޓަރިން ނިކުމެގެން ދިޔައިރު އިއްތިފާގަކުން ގެއަށް ބޮޑުދައިތަ ނާންނަ ގަޑިއަކު އައުމުން އެވަގުތާ ދިމާވީ. އެ ދައިތަ ހުންނަނީ އެރަށަކު ނޫން."

ބައްޕަ ރިޝްމާގެ ކޮޓަރިން މުންޑުން އަރުވާ ޖަހަމުން ނުކުތީ ކީއްވެ ހެއްޔެވެ. ދިޔަ ގޮތަށް ގިފިއްޔަށް ވަނީ ކީއްވެހެއްޔެވެ. ކޮޓަރިއަށް ވަންއިރު އެނދުގައި ރަޖާގަނޑު ގައިގަ އޮޅައިގެން ބަންޑުން އޮތް ރިޝްމާގެ ދެކޮނޑުގައި ހިފާ ބޮޑުދައިތައަށް އެނެގުނީ ދެބައިކުޅަ އެއްބައި ހާމައަށް އޮތް ރިޝްމާގެ އަނިޔާ ލިބެމުންދާ ހަށިގަނޑެވެ.

އެދުވަހު ބައްޕަ އާއި ބޮޑުދައިތަ ދެއްކި ވާހަކައެއް ރިޝްމާއަކަށް ނޭނގެއެވެ. ނުވަތަ ބަލާކަށްވެސް ބޭނުމެއް ނޫނެވެ.އެހެން ނަމަވެސް އެ ދުވަހު ހަވީރު ބޮޑުދާތަ އައިސް ރިޝްމާ އެގެއިން ނެރެގެން ގޮސް ބޮޑުދައިތަމެން ގެއަށް ބަދަލު ކުރިއެވެ. އަދި އެރޭ ބޮޑުދައިތަ ރިޝްމާ ކައިރީ ބައްޕަގެ ފަރާތުން އެހެން އެކަމެއް ވާން ފެށީ ކޮންއިރަކުތޯ އެހުމުން ކަން ވަމުން އައިގޮތް ކިޔައިދިނީއެވެ. އަދި އެވާހަކަތައް ނުދައްކާ ސިއްރު ކުރީ ބައްޕަ ދެކެ ބިރުން ކަމަށާއި، ލަދުން ކަމަށް ރިޝްމާގެ ބުންޏެވެ.

ބޮޑުދައިތަ ޝަހާދަތް ކިޔައި ތައުބާ ވި އަދަދެއް ނޭނގެއެެވެ. ބައްޕަ ރިޝްމާ ސުކޫލަށް ނުލައި ހުންނަނީ ރިޝްމާ އެދިގެންކަމަށާއި ގޭގައި ކިޔަވައިދޭ ކަމަށް ބުނުމުން ގަބޫލު ކުރަން ޖެހުނީ އެ ދައިތަ ހުންނަނީ އެ ރަށުގައި ކަމަށް ނުވާތީއެވެ. ވަރަށް މަދުން ނޫނީ ރަށަށް ނާންނަ އެ ދައްތަ އަކީ ރިޝްމާގެ މަންމަގެ އެއްބަފާ ކޮއްކޮއެކެވެ. ބޮޑުދައިތަ ކަމުގެ އަސްލާއި އެއްވެސް ތަރިއަކަށް މަންމަ ނުވާކަމާއި މަރާއި ދިރިހުރުމާއި ބައްޕަ ކުރަމުން ދިޔަ ކަންތަކާއި އެކަމުގެ ހަގީގަތާއި ކަމުގައި ހުރި ފާފައިގެ ވާހަކަތައް ކިޔައި ދިނެވެ. އަދި ދެން ދުވަހަކުވެސް ބައްޕަގެ ފަރާތުން ރިޝްމާއަށް އެފަދަ އަނިޔާތަކެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ. އަދި އެ މައްސަލަ ޖެންޑާ އަށް ހުށަހަޅާ އެކަމުގެ ބިރުން ރިޝްމާ ސަލާމަތް ކޮށްދިނީ ބޮޑުދައިތައެވެ.

މިއަދު ބައްޕަ ޖަލުގެ ތޭރި ތަކުގެ ތެރޭ ހުކުމް ތަންފީޒު ކުރަމުން ދާއިރު، ރިޝްމާ އުޅެމުން މިދަނީ އުފާވެރި ދިރިއުޅުކެވެ. ރޭގަނޑު ނިދީގައި ސިހިފައި ރޮއި ހަޅޭއްލެވުމާއި ބިރުން ސިހިސިހި އިނުމާއި މިހެން ގޮސް އެތައް ކަމަކުން ސަލާމަތްވާން އެތައް ވަގުތެއް ނެގިއެވެ. އަދި ގުރޭޑު އެކަކުން ފަށާއިގެން ކިޔަވަން ވެސް އެތައް ގޮން ޖެހުމެއް ދިމާވިއެވެ.

ބައެއް މީހުން ބަސްބަހުން އޮށްގާ ވެސް އުކާ ހަދައެވެ. މިހުރިހާ ތުރާލަކުން މިންޖުވެދުނިޔެއަށް ފަހިފުރިހަމަ ރަނގަޅު ގޮތަކަށް މިއަދު ރިޝްމާ ލޯހުޅުވިފައި އެހެރީ ވަރަށް ހިތްވަރާއި މަސައްކަތުންނެވެ.ބޮޑުދައިތަ އާއި އޭނާގެ ފިރިމީހާ ރިޝްމާ ބަލަނީ އެ ދެމީހުންގެ އުފަން ދަރިން ހެންނެވެ.ރިޝްމާއަށް އުނި ވާ އެއްވެސް ކަމެއް ނެތެވެ.

އެހެންވިޔަސް އުނިވެ ބިކަވެގެން ދިޔަ އޭނާގެ މައުސޫމު ޅަފުރާއާއި ހެދެމުން އައި ފުރާވަރެއް ދުވަހަކުވެސް ނުލިބޭނެއެވެ. އުމުރު ދުވަހުގެ ޖަލު ސަޒާއިން އޭނާގެ ބައްޕައަށް ބަދަލެއް އަތުވެއްޖެނަމަ ރަނގަޅެވެ. އެކަމަކު އެތަނުގައިވެސް އެމީހާ އުޅެނީ މާ ހަމަޖެހިގެންނެވެ. އަންހެން ޖަލުން ގައިދީއަކާ ކައިވެނިކޮށްގެން އަރާމުގައެެވެ. ރިޝްމާގެ ހަޔާތުން އެތައް ހައްގެއް ނިގުޅައިގަނެވުނު އެ ނުބައި މީހާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.

==================