ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި އިސްލާމީ ފުތޫޙާތު ފުޅާވެ، އިސްލާމް ދީން ފެތުރެން ފެށުމުން އެކަލޭގެފާނު ތަފާތު އެކި ޤަބީލާތަކަށް ދީނަށް ގޮވާލެއްވުމަށްޓަކައި ސަފީރުން ފޮނުއްވަން ފެއްޓެވިއެވެ. ބައެއް ފަހަރު ޙާލަތު ދިމާ ކުރާގޮތުން ހަނގުރާމަވެރި ލަޝްކަރުތައްވެސް ބައެއް ޤަބީލާތަކަށް ފޮނުއްވަން ޖެހިވަޑައަގަންނަވައެވެ. މީގެ ތެރެއިން އެއް ޤަބީލާއަކީ “ޠައްޔިއު” ޤަބީލާއެވެ. ޢަދިއްޔު ބިން ޙާތިމް އައްޠާއީ އަކީ ރަސްކަލެއްގެ ދަރި ރަސްކަލެކެވެ.

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޠައްޔިއު ޤަބީލާއަށް ލަޝްކަރެއް ފޮނުވުމުން ޢަދިއްޔުގެފާނު ހަނގުރާމައިން ފިއްލެވުމަށް ފަހު ސީރިޔާގެ ބިންތަކުގައި ރޯމަނުންގެ ރައްކާތެރިކަން ހޯއްދެވިއެވެ. ޠައްޔިއު ޤަބީލާގައި އެވަގުތު ރަސްކަލެއް ނެތުމާއި ހަނގުރާމަވެރި ލަޝްކަރެއް ނެތުމުގެ ސަބަބުން މުސްލިމުންގެ ލަޝްކަރަށް ޠައްޔިއުގެ ބިންތައް ފަތަޙަކުރުން ދާދި ފަސޭހަވެގެން ދިޔައެވެ. މިއާއެކުވެސް ހަނގުރާމައިގެ މައިދާނުގައި މުސްލިމުން ތިބީ ޖޯޝާއެކުއެވެ. އެމީހުންގެ ލަނޑުދަނޑިއަކީ މުސްލިމުންނާ ދެކޮޅަށް ޢަދިއްޔުގެފާނުގެ ޤައުމުގެ މީހުން ރޭވި ރޭވުންތައް ނާކާމިޔާބު ކޮށްލައި މުސްލިމުންގެ ބާރު އެމީހުންނަށް ދެއްކުމެވެ.

މި ހަނގުރާމާގައި މުސްލިމުން، ޢަދިއްޔުގެފާނުގެ ޤަބީލާގެ މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރިއެވެ. އަދި އަސީރުންގެ ތެރޭގައި އެކަލޭގެފާނުގެ ދައްތާފުޅުވެސް ހިމެނިވަޑައިގަތެވެ. ހަނގުރާމަޔަށް ފަހު އަސީރުން ގޮވައިގެން މަދީނާޔާ ދިމާލަށް މުސްލިމުން މިޞްރާބު ޖެހިއެވެ. އަދި މަދީނާޔަށް ދެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޢަދިއްޔުގެފާނު ހަނގުރާމައިން ފިއްލަވައިގެން ސީރިޔައަށް ވަޑައިގަތް ޚަބަރު ދެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިކަމާ ވަރަށް ބޮޑަށް ޙައިރާންފުޅު ވެވަޑައިގަތެވެ. ރަސްކަލަކަށް އޭނާގެ ދީނާއި އަހުލުން ދޫކޮށް ފިލައިގެން ދެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

ކޮންމެއަކަސް އެވަގުތު ޢަދިއްޔުގެފާނާއި ހަމަޔަށް ވާޞިލުވެވޭނެ އެއްވެސް ގޮތެއް މުސްލިމުންނަކަށް ނެތެވެ. އެހެނަސް ސީރިޔާގެ ބިމުގައި އުޅުމަށް ދަތިވެ އެކަލޭގެފާނަށް ހިތްހަމަޖެހުން ނުލިބުމުގެ ސަބަބުން ޢަރަބިކަރަޔަށް އެނބުރި ދިއުން ނޫންގޮތެއް ނެތިއްޖެއެވެ. އަދި އެއަށް ފަހު މަދީނާއަށްގޮސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބައްދުލުކޮށް ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަންނަންވެސް އެކަލޭގެފާނަށް މަޖުބޫރިވިއެވެ. (ބުނެވޭ ގޮތުގައި ސީރިޔާއަށް ވަޑައިގެން ޢަދިއްޔުގެފާނާއިގެން ޢަރަބިކަރަޔަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ ދައްތާފުޅެވެ.)

މިވާހަކަ ކިޔައިދެމުން ޢަދިއްޔުގެފާނު ވިދާޅުވިއެވެ. "އަހުރެންނަށް ވުރެ ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ނަފްރަތު ކުރި މީހަކު މުޅި ޢަރަބިކަރައިގައިވެސް ނުހުންނާނެއެވެ. އަހުރެންނަކީ ކުރީގައި ނަޞާރާދީނުގެ މީހެކެވެ. އަދި އަހުރެންގެ ޤައުމުގެ މީހުންނަށް ރަސްކަލެކެވެ. އަހުރެން އެކަލޭގެފާނަށް ނަފްރަތުކޮށް އަހުރެންގެ ޤައުމުގެ މީހުން ދޫކޮށް ރޫމްގެ ޤައިސަރުގެ ގާތަށް ދިޔައިމެވެ. ނަމަވެސް އެތަނުގައި ހުރުމަށްވެސް އަހުރެން ނުރުހުނެވެ. އެހިނދު އަހުރެން އަހުރެންގެ ނަފްސަށް ބުނީމެވެ. އަހުރެން އެކަލޭގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަކީ ދޮގުވެރިއެއްކަމުގައި ވެއްޖެނަމަ އެކަލޭގެފާނަކަށް އަހުރެންނަކަށް ގޯނާއެއް ނުކުރެވޭނެއެވެ. އަދި އެކަލޭގެފާނަކީ ތެދުވެރިއެއްކަމުގައި ވެއްޖެނަމަ، އަހުރެންނަށް އެނގޭނެއެވެ. މިހެން ހިތަށް އަރާ އެކަލޭގެފާނުގެ އަރިހަށް ދިޔުމަށް ނިންމީމެވެ."

"އަހުރެންނަށް މަދީނާއަށް ހަމަ ދެވުމާއެކު، މީސްތަކުން 'މިއީ ޢަދިއްޔު ބިން ޙާތިމް އޭ މިއީ ޢަދިއްޔު ބިން ޙާތިމް އޭ' ގޮވަން ފެށިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާ ހަމަޔަށް ދެވެންދެން އަހުރެން ކުރިއަށް ދިޔައީމެވެ. އެކަލޭގެފާނާ ބައްދަލުވި ހިނދު އެކެލޭގެފާނު ސުވާލުދެންނެވިއެވެ. "ތިޔައީ ޢަދިއްޔު ބުން ޙާތިމް ހެއްޔެވެ؟"

އަހުރެން ޖަވާބު ދިނީމެވެ. "ޢަދިއްޔު ބުން ޙާތިމް”އެވެ." ޢަދިއްޔުގެފާނު އެކަލޭގެފާނުގެ އަރިހަށް އައުމުން އެކަލޭގެފާނު ނުހަނު އުފާފުޅުކުރައްވާ އެކަލޭގެފާނަށް މަރުޙަބާ ދެންނެވިއެވެ. އޭގެ ކުރީގައި މުސްލިމުންނާ ހަނގުރާމަކޮށް، މައިދާނުން ފިލާ، އިސްލާމް ދީނަށް އެހާމެ ނަފްރަތުކޮށް ނަޞާރާއިންގެ ހިމާޔަށް ހޯދާފައިވި ނަމަވެސް އެކަލޭގެފާނު ޢަދިއްޔުގެފާނާ ބައްދަލުކުރެއްވީ ހިނިތުންވުމާ އެކުގައެވެ.

އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ޢަދިއްޔުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާއާ އެއް ހަމައެއްގައި ހިންގަވާފައި ވަޑައިގެންނެވިއިރު އިޙުސާސް ކުރެވެމުން ދިޔައީ އެ ދެބޭކަލުންނަކީ ހުރިހާ ގޮތަކުންވެސް އެއްފަދަ ދެބޭކަލުން ކަމުގައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މަދީނާއާއި މަދީނާގެ ރަށްބޭރުގެ ވެރިޔާ ކަމުގައިވާއިރު އެކަލޭގެފާނަކީ ޠައްޔިއުގެ ފަރުބަދަތަކާއި އޭގެ ރަށްބޭރުގެ ވެރިޔާއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ބާވާލެއްވުނު ދީނަކަށް: އެބަހީ: އިސްލާމްދީނަށް، ތަބާވާ ފަދައިން ޢަދިއްޔުގެފާނަކީވެސް ބާވާލެއްވުނު ދީނަކަށް: އެބަހީ: ނަޞާރާދީނަށް، ތަބާވާބޭކަލެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅުގައި ބާވާލެއްވިގެންވާ ފޮތެއް: އެބަހީ: ޤުރުއާންވާ ފަދައިން އެކަލޭގެފާނުގެ އަތްޕުޅުގައިވެސް ބާވާލެއްވިގެންވާ ފޮތެއް: އެބަހީ: އިންޖީލް ވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ނަޒަރުގައި އެ ދެ ބޭކަލުންގެ ދެމެދުގައި އާރާއި ބާރު އަދި އަސްކަރީ ކުޅަދާނަކަން ފިޔަވައި އިތުރު އެއްވެސް ފަރަޤެއް ނުވެއެވެ.

ކޮންމެއަކަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ޢަދިއްޔު ބިން ޙާތިމް އެކަލޭގެފާނުގެ ގެކޮޅަށް ހިންގަވާފައި ވަޑައިގަތް މަގުމަތިގައި ތިން ކަމެއް ހިނގާދިޔައެވެ.

ފުރަތަމަކަމަކަށް އަންހެނަކު އެ ދެ ބޭކަލުންނާއި އަރާހަމަކޮށް ގޮވާލެއްވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑަށް އެހީތެރިވެދެއްވާށެވެ.” އެހިނދެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނުގެ އަތްޕުޅުން ދޫކޮށްލެއްވުމަށް ފަހު އެ އަންހެންމީހާގެ ޙާޖަތަކީ ކޮބައިތޯ އަޑު އެއްސެވުމަށް ވަޑައިގެންނެވިއެވެ. އޭގެ ކުރީގައިވެސް އެތައް އެތައް ރަސްރަސްކަލުންނާއި އެތައް ލީޑަރުންނެއްގެ އުޅުމާއި މީސްތަކުންނާ މެދު ކަންތައް ކުރާގޮތް ދެކިލައްވާފައި ހުންނެވި ޢަދިއްޔުގެފާނަށް މިމަންޒަރު ފެނިވަޑައިގަތުމުން އެރަސްރަސްކަލުންގެ އުޅުމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢަމަލުތައް ހުންނެވި ގޮތާއި އަޅައިކިޔުއްވަން ފެއްޓެވިއެވެ. މިކަމާމެދު ވިސްނަން ހުންނެވުމަށް ފަހު ޢަދިއްޔުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. މިއީ ރަސްރަސްކަލުންގެ އަޚްލާޤެއް ނޫނެވެ. އެހެނެއްކަމަކު، ނަބީބޭކަލުންގެ އަޚްލާޤެވެ.”

އެ އަންހެން މީހާޔަށް އެހީތެރިކަން ބޭނުންވި ކަންތައްކޮށް ދެއްވުމަށް ފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނުގެ ގާތަށް އެނބުރި ވަޑައިގެން އެ ދެ ބޭކަލުންގެ ދަތުރުފުޅު ކުރިޔަށް ގެންދެވިއެވެ. ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް އެހެން މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާ ހަމަޔަށް އައެވެ. މިފަހަރު އައީ ފިރިހެނެކެވެ. އޭނާ އައިސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވީ ކީކޭތޯއެވެ؟ އޭނާ ދެންނެވީ މިފަދައިންތޯއެވެ؟ “އޭ ﷲގެ ރަސޫލާއޭ އަހުރެންގެ އަތުގައި ގިނަޢަދަދެއްގެ މުދާ އެބަހުއްޓެވެ. އަދި އޭގެން ބައެއް ފަޤީރުންނަށް ދޭން އަހުރެން ބޭނުމެވެ.” ނުވަތަ އޭނާ ބުނީ މިހެން ތޯއެވެ؟ “އަހުރެންގެ ދަނޑުން ގޮވާން ކަނޑާ އެއިން ބައެއް އިތުރުވެފައި އެބަހުއްޓޭ އެމޭވާތަކަށް އަހުރެން ހަދަންވީ ކިހިނެތް ތޯއެވެ؟”

އެމީހާ މިދެންނެވި ފަދަ ސުވާލެއް ކުޅަ ނަމަ ފަހަރުގަ ޢަދިއްޔުގެފާނަށް މުސްލިމުންނަކީ މުއްސަނދި މުދާގިނަ ބައެއްކަމުގައި ހީފުޅުވީހެވެ.

ނަމަވެސް މީގެ ބަދަލުގައި އެމީހާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ބަނޑުހައި ހޫނުކަމާ ފަޤީރުކަމުގެ ޝަކުވާ އަހުރެން ކަލޭގެފާނަށް ދަންނަވަމެވެ.” އެމީހާޔަށް އޭނާއާއި އޭނާގެ ދަރިންގެ ބަނޑުފުރާނަ މުއްތިކުރެވޭނެ އެއްވެސް ފަދައެއް ހަމަ ނެތީއެވެ. އަދި އޭނާގެ ވަށައިގެންވާ މުސްލިމުންވެސް ދިރިއުޅެމުން ދިޔައީ ކިރިޔާ ހައިހޫނު ފިލާވަރަށް ފުދިގެންކަމުން އޭނާޔަށް އެހީތެރިވުމަށް އެމީހުންވެސް ނުކުޅެދުންތެރިވިއެވެ. އެމީހާ މިސުވާލުކުރިއިރު ޢަދިއްޔުގެފާނު ހުންނެވީ އަޑުއައްސަވާށެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވ ވަސައްލަމް އޭނާއަށް ޖަވާބެއްދެއްވުމުން އޭނާ ދިޔައެވެ.

މި ދެ ބޭކަލުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅާ ހަމަޔަށް ނުދެވެނީސް ތިންވަނަ މީހަކު އެކަލޭގެފާނާއި ބައްދަލުކުރުމަށް އައެވެ. އޭނާ ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. މަގުފޭރޭ މީހުންގެ ޝަކުވާ އަހުރެން ކަލޭފާނަށް ދަންނަވަމެވެ." ޔަޢުނީ "އޭ ﷲގެ ރަސޫލާއެވެ. އަހަރެމެންގެ ވަށައިގެން ގިނަޢަދަދެއްގެ ކާފަރުންނާއި މަގުފޭރޭމީހުން ތިބުމުގެ ސަބަބުން ސަލާމަތްކަމާއެކު އަމާންކާމާއެކު މަދީނާގެ ފާރުތަކުން ބޭރަކަށް ނުދެވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިމީހާއަށްވެސް މަދު ބަސްކޮޅަކުން ޖަވާބު ދެއްވުމަށް ފަހު ކުރިއަށް ވަޑައިގެންނެވިއެވެ.

ޢަދިއްޔުގެފާނު އެކަލޭގެފާނަށް މިފެނިވަޑައިގެންނެވި މަންޒަރު ތަކާއި އެއްސެވި އަޑުތަކާމެދު ވިސްނައިވަޑައިގަންނަވަން ފެއްޓެވިއެވެ. ޚުދު އެކަލޭގެފާނަކީވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުން ޤަދަރުކުރާ ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނަށް ޙަމަލާދޭން އިންތިޒާރުގައި ޢަދުއްވުންތަކެއް ނެތެވެ. މުސްލިމުންނަކީ މިހާ ބަލިކަށި ފަޤީރުބަޔަކަށް ވީހިނދުވެސް މިހާގިނަ ބަޔަކު މިދީން ޤަބޫލުކުރަމުން މިދަނީ ކީއްވެގެން ބާވައެވެ؟

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ޢަދިއްޔު ބިން ޙާތިމް އާއި ދެބޭކަލުން އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެން އެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެގެކޮޅުގެ އެ ތެރޭގައި ހުރީ އެންމެ ބާލީސްކޮޅެއް ޢަދިއްޔުގެފާނަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން އެކަލޭގެފާނު އިށީނދެވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނު ދެއްކެވިއެވެ. “މިބާލީސްކޮޅު ނަގައި މީގައި އިށީންނާށެވެ.” ނަމަވެސް ޢަދިއްޔުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް އެބާލީސްކޮޅު އަނބުރާ ދެއްވުމަށްފަހު ދެންނެވިއެވެ. “ނޫނެކެވެ. ކަލޭގެފާނު މީގައި އިށީންނަވާށެވެ.” ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ތިބާ މީގައި އިށީންނަވާށެވެ.” ދެން ޢަދިއްޔުގެފާނު އެކަލޭގެފާނު ޙަދީޘްކުރެއްވިގޮތަށް ކަންތައް ކުރެއްވިއެވެ.