ޖަރުމަން ކަޕް ކުއާޓާފައިނަލުގައި ރޭ ފްރެއިބާގް އަތުން އެންމެފަހު ވަގުތު 2-1 އިން ބަލިވުމުން މަޝްހޫރު ބަޔާން މިޔުނިކަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެއެވެ.
މިއަހަރު ފެށުނު ފަހުން ޓީމަށް ކުރިއެރުން ނާންނަކަމަށް ބުނެ ކޯޗް ނާގެލްސްމަން މިދިޔަ ހަފްތާގައި ވަކިކޮށް ތޯމަސް ޓުޗެލްއާ ބަޔާން ޓީމު ހަވާލް ކުރީ މިދިޔަ ހަފްތާގައެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ވާދަވެރި ބްރޯޝިޔާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ބަޔާން ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ.
ޖަރުމަން ކަޕުގައި ރޭ ފްރެއިބާގާ ދެކޮޅަށްވެސް ބަޔާން ނިކުތީ އިތުބާރާއެކުއެވެ. މިގޮތުން ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ބަޔާނުންނެވެ. މިލަނޑު 19 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އުޕެމަކާނޯއެވެ. އެކަމަކު އޭގެ 8 މިނެޓް ފަހުން ނިކޮލަސް ހޮލްފާ ލަނޑެއް ޖަހައި ފްރެއިބާގަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. ފްރެއިބާގުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ 95 ވަނަ މިނެޓުގައި ކާމިޔާބު ކުރި ޕެނަލްޓީއިން 2-1 އަށް ނަތީޖާ ބަދަލު ކޮށްލައިގެންނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލޫކަސް ހޯލާއެވެ.
މިއީ ފްރެއިބާގުގެ ތާރިހުގައި ބަޔާން މިޔުނިކުގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ޖަރުމަނު ކަޕުގެ ސެމީއަށް ދަތުރު ނުކުރެވި ޖެހިޖެހިގެން ބަޔާން ނިންމާލަން ޖެހުނު ތިންވަނަ ސީޒަނެވެ.
ލީގުގައި ބަޔާނަށް ކުރިއަށް އޮތީވެސް ފްރެއިބާގާ ދެކޮޅަށް ކުޅެން ޖެހޭ މެޗްކަން ފާހަގަ ކޮށްލެވެއެވެ.