ޗެލްސީގެ ކޯޗް ކަމުގެ މަގާމަށް ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ގެނައުމަށް ނިންމައި އެންމެފަހުގެ މަޝްވަރާތައް ލަންޑަނުގައި ކުރަމަށް ތައްޔާރު ވަމުން އަންނަ ކަމަށް "ޑެއިލީ މެއިލް" އިން ރިޕޯޓް ކޮށްފިއެވެ.

ބާސެލޯނާއެކު 2014 އިން 2017 އަށް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި އެންރީކޭ،52، އަކީ ޗެލްސީގެ ވެރިންގެ ހޮވުންކަމަށްވެއެވެ. އަނެއްކޮޅުން މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެންރިކޭ ވަނީ އިނގިރޭސި ޕްރިމިއަރ ލީގް ކްލަބެއްގައި މަސައްކަތް ކުރުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ބުނެފައެވެ.

ސްޕެއިނުގެ މަޝްހޫރު "ޑި އިންޑިޕެންޑެންޓޭ" އާ ހަވާލާދީ ޑެއިމެއިލްއިން ބުނެފައި ވަނީ އެންރީކޭގެ އެޖެންޓް އިވާން ޑި ލަ ޕެނާ، ޗެލްސީގެ ވެރިންނާއެކު މަޝްވަރާ ކުރުމަށް މިއަދުގެ ވަގުތެއްގައި ލަންޑަނަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޗެލްސީގެ ކޯޗްކަމުގެ މަގާމް ހުސްވީ މިހަފްތާގައި އެސްޓަންވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 އިން ބަލިވިތާ މާގިނައިރުތަކެއް ނުވެ ކޯޗް ގްރަހަމް ޕޮޓާ މަގާމުން ވަކި ކުރުމުންނެވެ. ޗެލްސީގެ ކޯޗުގެ މަގާމަށް ޕޮޓާވެސް ހަމަޖެއްސީ މިސީޒަނުގައެވެ. އެއީ އޭރު ކޯޗަކަށް ހުރީ ތޯމަސް ޓުޗެލް މަގާމުން ވަކިކޮށްފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގްވެސް ޗެލްސީއަށް ކާމިޔާބު ކޮށްދީފައިވާ ޓުޗެލް މަގާމުން ވަކިކުރީ މިހާރު ޗެލްސީ ހިންގަމުން އަންނަ އެމެރިކާގެ މަހުޖަނު ޓޮޑް ބޮހްލީ އެކްލަބާ ހަވާލު ވުމަށްފަހުއެވެ.