ސްޕެނިޝް ކޮޕާ ޑެލްރޭ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައިވެސް ރެއާލް މެޑްރިޑް ބަލިކުރަން ފަސޭހަ ނުވާނެ ކަމަށާއި މެޗުގެ ފެވަރީޓުންނަކީ ރެއާލް މެޑްރިޑް ކަމަށް ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ފުރަތަމަ ލެގް ރެއާލް މެޑްރިޑުގެ ދަނޑުގައި 1-0 އިން ބާސެލޯނާ ކާމިޔާބު ކޮށްފައި އޮތުމުން ފައިނަލަށް ރެއާލް މެޑްރިޑަށް ދެވެން އޮތީ ދެލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.
"ދެލެގުގެ މެޗަކުން ރެއާލް އެންމެފަހުން ބަލިވި ހަނދާން އެބަހުރިތަ؟" ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޒަވީ ބުންޏެވެ.
"އެހެންވީމަ އަހަރެން ގަބޫލް ކުރަނީ ފުރަތަމަ ލެގުން 1-0 އިން އަހަރެމެން މޮޅުވެފައި އޮތަސް، ދެވަނަ ލެގުގެވެސް ފެވަރީޓުންނަކީ ރެއާލް ކަމަށް" މިދިޔަ ސީޒަނުގެ މެދުތެރެެއިން ކަހަލަ ގޮތަކަށް ބާސެލޯނާއާ ހަވާލުވި އެކްލަބުގެ ކުރީގެ ކެޕްޓަން ޒަވީ ބުންޏެވެ.
"ރެއާލް މެޑްރިޑަކީ ޔޫރަޕާއި ސްޕެއިނުގެ އެންމެފަހުގެ ޗެމްޕިއަން" ރެއާލްއަށް ތައުރީފް ކުރަމުން ޒަވީ ބުންޏެވެ.
ރެއާލްއާ ދެކޮޅަށް މިރޭ ކުޅުވާނެ ސްޓައިލާ ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ވަނީ ވާހަކަ ދައްކާފައެވެ. "ބޭނުން ވަނީ މެޗް ޑޮމިނޭޓް ކޮށްގެން ކުޅެން. އެކަމަކު މެޗް ޑޮމިނޭޓް ކުރަން ފަސޭހައެއް ނުވާނެ. ހަނދާން ހުންނާނެ، ފުރަތަމަ ލެގުވެސް ބާސެލޯނާއަށްވުރެ ވަރުގަދަކޮށް ފެނުނީ ރެއާލް މެޑްރިޑް. މެޗުގައި ކުރަންވީ ކޮންކަމެއްކަން ރެއާލް މެޑްރިޑަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އަހަމެން ގަބޫލް ކުރަނީ. އަހަރެމެންވެސް މިތިބީ މެޗަށް ފުރިހަމައަށް ތައްޔާރު ވެގެން" ޒަވީ ބުންޏެވެ.
މިރޭގެ މެޗާއި ގުޅޭ ގޮތުން ރެއާލްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ އޭނާ މަސައްކަތް ކުރަނީ މެޗް ފަށައިގެން އަވަސް އަރުވާލައިގެން ލަނޑެއް ޖަހަން ނޫން ކަމަށެވެ. "އަހަރެންގެ އެޕްރޯޗަކަށް ނުވާނެ އަވަސް އަރުވާލައިގެން ލަނޑެއް ޖަހަން މަސައްކުރުމެއް. އެކަން ވާނީ މޮޔަކަމަކަށް. އޭގެ ބަދަލުގައި މުޅި މެޗަށް ވިސްނައިގެން ފުރިހަމަ ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނީ. އޭރުން ލަނޑު ފެންނާނެކަމާމެދު ޝައްކެތް ނެތް" އަންޗެލޮއްޓީ ބުންޏެވެ.
"ފުރަތަމަ އެގާރައިން ބައެއް ބަދަލުތައްވެސް ފެނިދާނެ. ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންވެސް މުހިއްމު. ހަމައެގޮތަށް ޒުވާން ކުޅުންތެރިންގެ ހަކަތަވެސް ޓީމަށް މުހިއްމު. ހަމަގައިމުވެސް މެޗް ކާމިޔާބު ކުރުމަށްޓަކައި އަހަރެމެން ކުޅެމުން އަންނަ މުޅި ސިސްޓަމް ބަދަލެއް ނުކުރާނަން" އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ގުނާލެވޭ އަންޗެލޮއްޓީ ބުންޏެވެ.
ބާސާ އާއި ރެއާލް ވަނީ މިސީޒަނުގައި 3 ފަހަރެއްގެ މަތިން ބައްދަލު ކޮށްފައެވެ. މިތިން މެޗުވެސް ކާމިޔާބު ކުރީ ބާސެލޯނާއެވެ. މީގެ ތެރޭގައި ސްޕެނިޝް ސްޕަރ ކަޕް ފައިނަލްވެސް ހިމެނެއެވެ.
ބާސާ އާއި ރެއާލް މިރޭ ބައްދަލު ކުރާ އެލް-ކްލެސިކޯ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.