ރެއާލް މެޑްރިޑް ކޮޅަށް މެޗް އެނބުރުނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ކައުންޓަރ އެޓޭކުގައި ވިނީޝިއަސް ޖޫނިއަރ ޖެހި ލަނޑުގެ ސަބަބުން ކަމަށް ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ޒަވީ މިހެން ބުނީ ސްޕެނިޝް ކޮޕާ ޑެލްރޭ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 4-0 އިން ބަލިވެ މުބާރާތުން ކެޓި މެޗަށްފަހުއެވެ. ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި ބާސެލޯނާ 1-0 އިން ކާމިޔާބު ކޮށްފައި ވަނިކޮށް ރެއާލް މެޑްރިޑް ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ރޭ ހެޓްރިކް ހެދި ފޯވާޑް ކަރީމް ބެންޒީމާއެވެ.
"ފުރަތަމަ ހާފުގައި އަހަރެމެން ކުޅުން ވަރަށް ރަނގަޅު. ރެއާލްއިން އުފެއްދި ފުރަތަމަ ކައުންޓަ އެޓޭކްވެސް ހުއްޓުވުނު. އެކަމަކު ހާފް ނިމެން ދަނިކޮށް ބެންޒީމާ ކާމިޔާބު ކުރި ލަނޑާއެކު އަހަރެމެން އަތުން މެޗް ދޫވީ" ޒަވީ ބުންޏެވެ.
ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ 4 ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން މެޗް ގެއްލުނީތޯ ނޫސްވެރިޔަކު އެހެމުން ޒަވީ ބުނީ ބަލިވުމުން އަނިޔާގެ ވާހަކަ އުޒުރަކަށް ދައްކަން ބޭނުން ނުވާ ކަމަށެވެ.
"އަނިޔާގެ ވާހަކަ ދައްކައިފިނަމަ އެވާނީ ބަލިވުމުން އުޒުރު ދައްކަން މަސައްކަތް ކުރެވެނީ ކަމަށް. ފުރަތަމަަ ލެގާއި ދެވަނަ ލެގް ފުރަތަމަ ހާފުގައި އަހަރެމެން ރަނގަޅު ވާދައެއް ކޮށްފިން. އަހަރެން ފަހްރުވެރިވަން އެކަމާ. މެޗުގެ ކުރިންވެސް އަހެރެން ބުނިން ފެވަރީޓުންނަކީ ރެއާލް ކަމަށް" ޒަވީ ބުންޏެވެ.
ރޭގެ އެލް-ކްލެސިކޯއަކީ މިސީޒަނުގައި ކުޅުނު 4 ވަނަ އެލް-ކްލެސިކޯއެވެ. މީގެ ތެރެއިން 3 އެލް-ކްލެސިކޯ ކާމިޔާބު ކުރީ ބާސެލޯނާއިންނެވެ. މީގެ ތެރޭގައި ސްޕެނިޝް ސްޕަރ ކަޕް ފައިނަލްވެސް ހިމެނެއެވެ.
ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނިކުންނާނީ އޮސަސޫނާއެވެ. އޮސަސޫނާ ފައިނަލުން ޖާގަ ހޯދީ 1-0 އިން ރޭ އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފައެވެ. އޮސަސޫނާގެ ލަނޑު ޖަހައިދިނީ ބާސެލޯނާއިން ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލުމުން އޮސަސޫނާއަށް ކުޅެމުން އަންނަ މޮރޮކޯގެ ބައިނަލްއަގުވާމީ ވިންގަރ އަބްދި އިއްޒަލްޒޫލީއެވެ.