އައްސަލާމުއަލައިކުމް. ހުރިހާ ކުދިން، ކޮބާ މިއަދު ކޮންކުދިންނެއް ރޯދަ އަށް ތިބީ؟ ވަރަށް ރަނގަޅު. ކޮންމެ ދުވަހަކުވެސް ރޯދައަށް ހުރެވޭތޯ މަސައްކަތް ކުރަން ވާނެ އިނގޭ!
ތި ކުދިންނަށް މިއަދު މި ކިޔާދެނީ ވަރަށް ހުނަރުވެރި އަންހެން ކުއްޖެއްގެ ވާހަކަ އިނގޭ!
ޝަފޫ އަކީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެކެވެ. ތިކުދިންނަށް އެނގޭތަ ޝަފޫއަކީ ކޮން ރަށެއްގެ ކުއްޖެއް ކަމެއް؟ ޝަފޫ އަކީ އައްޑޫސިޓީގެ ހިތަދޫ ކުއްޖެއް. ތި ކުދިންނަށް އެނގޭތަ؟ އައްޑޫ އަކީ ވަރަށް ބޮޑު ރީތި ރަށްތަކުން ގުޅާލެވިފައި އޮންނަ އަތޮޅެއް، މިހާރު އެއީ ސިޓީއެއް.
ރޯދަމަހު ޝަފޫ ބޭނުން ވެއްޖެ ރަނގަޅު މީރު އެއްޗެއް ތައްޔާރު ކޮށްލަން. ޝަފޫގެ ކްލާސް ތިން ކުއްޖަކަށް ރޯދަ ވީއްލަން ދަޢުވަތު ދިނެވެ. ވާހަކަ ކިޔާކުދިންނަށް އެނގޭތަ ޝަފޫ އެ ތައްޔާރު ކުރަން އުޅެނީ ކޮން އެއްޗެއްކަން؟ މިއީ ވަރަށް ހާއްސަ ކޭކެއް. ތަފާތު ގޮތަކަށް މީރު ކޭކެއް! މިއަދު ޝަފޫ އެ އުޅެނީ ކުދި ކަޕް ކޭކު ފިހަން ވެގެން.
ޝަފޫ އަތްދޮވެ ތުވާލިކޮޅަކުން އަތްފޮހެލި. ދެން ހުރިހާ އެއްޗެހި ހަމައަށް ހުރިތޯ ބަލައިލި. އެއަށްފަހު ބޮޑު ބޯތަށްޓަކަށް މި ތަކެތި އެޅިއެވެ.
- "250 ގްރާމް ގޮދަން ފުށް،
- 250 ގްރާމް ހަކުރު،
- 250 ގްރާމް ބަޓަރު،
- 4ކުކުޅު ބިސް،
- (މޭޒުމަތީ ސަމްސަލެއްގެ ވެނީލާ އެސެންސް، މޭޒުމަތީ ސަމްސަލެއްގެ ހިކި ކިރު ޕައުޑަރ އަދި ސައިސަމްސަލެއްގެ ބޭކިންގް ޕައުޑަރ. ޖޯޑެއްގެ ހިކިމޭބިސްކަދުރު.)
ޝަފޫގެ މަންމަ އަހާލިއެވެ. "ދަރިފުޅާ! ޝަފޫ މިއަދު ކޮންއެއްޗެއް ތައްޔާރު ކޮށްލަނީ؟"
ޝަފޫ އުފާވެލާފައި ބުނެލި. "މަންމާ! މިއަދު އަޅުގަނޑުގެ ކްލާސް ކުދިންތަކެއް ރޯދަ ވީއްލަން އަންނާތީ މި އުޅެނީ ކަޕް ކޭކު ފިހަން."
މަންމަ ބުނެލި. "އެހެންތަ. ހާދަ މޮޅު ކުއްޖެކޭ! ދަރިފުޅު މިއަދު މީރު ކޮށް ކޭކު ފިހެފަ މާމަމެންގެއަށް ވެސް ދޭންވާނެ!" މިހެން ބުނެފައި ޝަފޫ ބޮލުގައި ފިރުމާލި.
ވާހަކަ ކިޔަން ތިބި ކުދިނަށް އެނގޭތަ ޝަފޫ ކޭކު ފިހަނީ ވަރަށް ތަފާތު ގޮތަކަށް ކަން؟
ހިނގާދޯ ޝަފޫގެ ހުނަރަކީ ކޮބައިކަން ބަލާލަން.
ކޭކު ފިހަން ހުރި އެކި ސާމާނު ތައް ތަރުތީބުން ބޯތައްޓަކަށް ފަހަރަކު ބައެއް އެޅިއެވެ. ހަކުރާ ބަޓަރާ އެއްކޮށް ގިރާފައި ދެން އެޅީ ބިހެވެ. ބިސްގިރާފައި ދެން އެޅީ ފުށް، ޝަފޫ ދިޔައީ އެހުރިހާ ބައިތައް އެއްކޮށް މޮޑެ، ތައްޔާރުކުރަމުން. ދެން ގިރާފައި ހުރި ތައްޓަށް އެޅީ އެސެންސްކޮޅު، ދެން އެޔަށް ފަހު ބޭކިންގް ޕައުޑަރު ކޮޅެވެ. މިހެން ހުރިހާ ސާމާނު އެއްކޮށް ގިރައި ހުދު ކްރީމްގަނޑަކަށް ވާންދެން ކޭކު މިކްސް ތައްޔާރު ކޮށްފިއެވެ. އެއްވެސް މެޝިނެއް ބޭނުން ނުކޮށް އަތުން ގިރާއިރު އެއް ފަރާތަކަށް އަބަދުވެސް އެއްކުރާނީ. (ކަނާތަށް މޮޑޭނަމަ ވާތަށް ނުމޮޑޭނެ، އޭރަށް ހުންނާނެ ތަފާތު މީރުގޮތެއް. މިއީ ޝަފޫގެ މާމަ ކިޔައިދީފައިވާ ގޮތް)
ދެން ކުދި ކަރުދާސް ކަޕްތަކަށް ގިރާފައި ހުރި ކޭކު މިކްސް އެޅިއެވެ. އަދި ކޮންމެ ކޭކެއްގެ މައްޗަށް ހިކިމޭބިސް ކަދުރު އެޅިއެވެ.
ކޮން ކުދިންނަކަށް އެގެނީ ހިކި މޭބިސްކަދުރަށް އިނގެރޭސި ބަހުން ކިޔާނަން؟ އާނ! ތި ޖަވާބު ދިމާކޮށްލީ ހަމަ ރަނގަޅަށް. ހިކިމޭބިސް ކަދުރަށް އިނގިރޭސި ބަހުން ކިޔަނީ "ސުލްޓާނާ ރެއިސިންސް"
ވާހަކަ ކިޔަ ކުދިންނަށް އެނގޭތަ ޝަފޫ ކޭކު ފިހަނީ ވަރަށް ތަފާތު އަވަނަކުން ކަން؟
ޝަފޫގެ ގޭގައި ހުންނާނެ ބޮޑު އަވަނެއް. އެ އަވަނަކީ އަލިފާން ދަރު އަޅާފަ ދަނގަޑު ތަބަކުގަ ކޭކާއި ބަނަސް ފިހާ އަވަނެއް. މިއީ ކުރީ ޒަމާނުގައި ޕާނާއި ބަނަސް ފަދަ ތަކެތި ފިހަން ބޭނުންކުރާ ބޮޑު އަވަން.
ވަރަށް ތަފާތު ގޮތެއް ދޯ! މިއަދު ޝަފޫ ތައްޔާރު ކޮށްލި ހުރިހާ ކުދި ކަޕް ކޭކުތައް އަތުރާލީ ބޮޑު ދަގަނޑު ތަބަކުގައެވެ. އެ ކޭކުތައް ބޮޑު އަވަނުގަ ފިހަން ބެހެއްޓިއެވެ. ކޭކު ފިހެވެމުން ދިޔައިރު ވަރަށް މީރު ވަސް ދުވައެވެ. ޝަފޫ މަންމަ ބުނެލި. "ދަރިފުޅާ ޝަފޫ ހާދަ މީރު ކޭކުވަސް އެބަ ދުވައޭ! މަންމަ މިހުރީ ވަރަށް ކާހިތުން."
ގިނަ އިރުތަކެއް ނުވެ ކޭކުތައް ފިހެވުނެވެ.
މިހާރު ބަންގި ގޮވާގަޑި ކައިރިވީއެވެ. ޝަފޫ ހުރީ ކުދި ކަޕްކޭކުތައް އަވަނުން ނަގައި ކާމޭޒު މަތީގައި އަތުރާލާފައެވެ. މަންމަ ހުރީ ހެދިކާ ހަދައި، އަނބުފަނި ގިރާފައެވެ. އަދި ރޯދަ ވީއްލަން ކަދުރު ތައްޓެއް ކޮންމެ ކުއްޖަކަށް ބަހައްޓާފައެވެ. ޝަފޫގެ ރަހްމަތްތެރިން އަތުވެއްޖެވެ. ހުރިހާ ކުދިން ބަންގި ގޮވުމުގެ ކުރިން ކިޔާ ދުޢާ ކިއެވެ. ބަންގި ގޮވުމާއެކީ ހުރިހާ ކުދިން ފުރަތަމަ ބިސްމިކިޔުމަށް ފަހު ކަދުރުން ރޯދަވީއްލިއެވެ.
ހުރިހާ ކުދިން ޝަފޫ ތައްޔާރު ކޮށްލި ކުދި ކަޕްކޭކު ކެއުމަށްފަހު ވަރަށް މީރު ވަރަށް މީރު މިހެން ކިޔެވެ.
ކޮބާ ވާހަކަ ކިޔަން ތިބި ކުދިންނަށް ދަސްވީ ކޮންކަމެއް މިއަދު؟ ޝަފޫ ކަހަލަ ހުނަރުވެރި ކުއްޖަކަށް ވާން ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރައްޗޭ އިނގޭ!