ފީފާ ރޭންކިންގެ އެއްވަނައަށް ބްރެޒިލް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ޖެހިލައިފިއެވެ.

އިއްޔެ ފީފާއިން އިއުލާން ކުރި ރޭންކިންގެ އެއްވަނަ އާޖެންޓީނާއަށް ލިބުނީ އެއްދަރަޖައިގެ ކުރިއެރުމަކާއެކުއެވެ. އެއީ 1840.93 ޕޮއިންޓް ހޯދައިގެންނެވެ.

ދެދަރަޖައިގެ ވެއްޓުމަކާއެކު ބްރެޒިލް މިހާރު އޮތީ ރޭންްކިންގެ 3 ވަނައިގައެވެ. ރޭންކިންގެ 2 ވަނައިގައި އޮތީ އެއްދަރަޖައިގެ ކުރިއެރުމެއް ލިބުނު ފްރާންސެވެ. ފްރާންސަކީ އެންމެފަހުގެ ވަރލްޑް ކަޕުގެ ރަނަރއަޕެވެ.

އާޖެންޓީނާއިން އެންމެފަހުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ 2 މެޗް ކާމިޔާބު ކުރިއިރު ބްރެޒިލް ވަނީ އެކުވެރިކަމުގެ މެޗެއްގައި މިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހު މޮރޮކޯ އަތުން 2-1 އިން ބަލިވެފައެވެ. އަނެއްކޮޅުން ފްރާންސް ވަނީ ޔޫރޯ ކޮލިފައިންގައި އެންމެ ފަހުން ކުޅުނު 2 މެޗް ކާމިޔާބު ކޮށްފައެވެ.

ރޭންކިންގެ 4 ވަނައިގައި ބެލްޖިއަމް އޮތްއިރު 5 ވަނައިގައި އޮތީ އިންގްލެންޑެވެ. 6 ވަނައިގައި ނެދަލޭންޑްސް އޮތްއިރު 7 ވަނައިގައި އޮތީ އެންމެފަހުގެ ވަރލްޑް ކަޕުގެ 3 ވަނަ ހޯދި ކްރޭޝިޔާއެވެ. ރޭންކިންގެ 8 ވަނައިގައި އޮތީ ޔޫރަޕުގެ ޗެމްޕިއަން އިޓަލީއެވެ. 9 ވަނައިގައި ޕޯޗުގަލް އޮތްއިރު 10 ވަނައިގައި އޮތީ ސްޕެއިނެވެ.

އެންމެފަހުގެ ވަރލްޑް ކަޕުގައި ސްޕެއިނާއި ޕޯޗުގަލް ކަޓުވާލައި އަދި އެކުވެރިކަމުގެ މެޗެއްގައި ދާދިފަހުން ބްރެޒިލް ބަލިކޮށް ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ މޮރޮކޯ އޮތީ ރޭންކިންގެ 11 ވަނައިގައެވެ.

ފީފާއިން ރޭންކިންގ ތަރުތީބު ކުރަނީ ފީފާއިން ކަނޑައަޅާފައިވާ ތާރިހުގައި ކުޅޭ އެކުވެެރިކަމުގެ މެޗުތަކާއި ފީފާއިން ބަލައިގަންނަ މުބާރާތްތަކުގައި ކުޅޭ މެޗުތަކާއި ކޮލިިފައިން މެޗުތަކުގެ ނަތީޖާއަށް ބަލައިގެންނެވެ.