އެކުގައި މަސައްކަތް ކުރި ކޯޗުންގެ ތެރެއިން އެއްވަނަ ދޭނީ އަމިއްލަ ގައުމުގެ ހޯސޭ މޮރީނިއޯއަށް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނުމުން ގިނަބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ.

މޮރީނިއޯއާއެކު ރޮނާލްޑޯ މަސައްކަތް ކުރީ 2010 އިން 2013 އަށް ރެއާލް މެޑްރިޑުގައެވެ. އޭގެ ކުރިން، 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލު ވުމުގެ ކުރިން އޭނާ ދުނިޔޭގެ ފެންވަރުގެ ސްޓާރަކަށް ހެދީ މެންޗެސްޓަރ ޔުނައިޓެޑުގައި ކޯޗް ސަރ އެލެކްސް ފާގަސަންއެވެ. އެތައް އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައި ވަނީ ފާގަސަންއަކީ އޭނާއަށް ބައްޕައެއްފަދަ މީހެއް ކަމަށާއި ދުވަހަކުވެސް ފާގަސަން ކޮށްދިން ކަންކަން މަތިން ހަނދާން ނުނެތޭނެ ކަމަށެވެ.

އެކަމަކު، "ދި މިރާ" އަށް މިދިޔަ ހަފްތާގައި ދިން ބަސްދީގަތުމެއްގައި ރޮނާލްޑޯ ބުނީ މޮރީނިއޯއަކީ އެހެން ކޯޗުންނާއި ތަފާތު، އެނަލިޓިކަލީ އެފަދަ ދެވަނައެއް ނެތް ކޯޗެއް ކަމަށެވެ. "އަހަންނާއެކު މަސައްކަތް ކުރި އެންމެ މޮޅު ކޯޗަކީ މޮރީނިއޯ. އަބަދުވެސް އަހަރެން މިވާހަކަ އަހަރެން ބުނަން. ވަރަށް މޮޅެތި ކޯޗުންގެ އިރުޝާދުގެ ދަށުން އަހަރެން ކުޅެފިން. ކުދި ކުދި ކަންކަން ތަފްސީލް ކޮށްދިނުމާއި ވިސްނޭ ގޮތަށް، ދިރާސާ ކޮށްގެން ކަންކަން ބުނެދިނުމުގައި މޮރީނިއޯފަދަ އެހެން ކޯޗަކާ ދިމައެއް ނުވޭ" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އާއި މޮރީނިއޯ އެކުގައި ރެއާލްގައި މަސައްކަތް ކުރި ދުވަސްވަރު. ފޮޓޯ: ދިމިރާ

މޮރީނިއޯއަށް ތައުރީފްކޮށް ރޮނާލްޑޯ ވާހަކަ ދައްކާފައިވާ މިދަނޑިވަޅަކީ ސައުދީ އެފްއޭއިން، ސައުދީ ގައުމީ ޓީމަށް މޮރީނިއޯ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްކަން ފާހަގަ ކޮށްލެވެއެވެ. ރޮނާލްޑޯ، ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ސައުދީގެ އަލް-ނަސްރަށް ކުޅެމުން އަންނައިރު މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުން އަލް-ނަސްރުންވެސް ގެންދަނީ މޮރީނިއޯ އެކްލަބުގެ ކޯޗަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.