ޢުމަރު ނަސީރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ 3 ޖީ (ގަލުފަޅު، ގުޅީފަޅު، ގިރާވަރުފަޅު) މަޝްރޫގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެތަންތަނުން ގޯތިދެއްވާނީ ހިއްކައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހޯމް މިނިސްޓަރުކަން ކުރިން ކުރައްވާފައިވާ ވިޔަފާރިވެރިޔާ ޢުމަރު ނަސީރު ވިދާޅުވީ 3 ޖީގެ މަޝްރޫގެ އިތުރުން ވެސް ގޯތިގެދޮރާ ބެހޭ އިތުރު މަޝްރޫއުތައް އޭނާގެ ވެރިކަމެއްގައި ހިންގަވާނޭ ކަމަށެވެ. އޭނާއަށް ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކޮށްފިނަމަ ވިހިހާސް ގޯތިގެދޮރު ރައްޔިތުންނަށް ފޯރުކޮށްދެއްވާނޭކަމަށެވެ. އޭގެ ތެރޭގައި ނިކަމެތި ޢާއިލާތަކަށް ހިލޭ ގޯތިދޮރު ދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ކުދި އާބާދީތަކަށް ޚާއްސަކޮށްން "ސެކަންޑް ހޯމް ޕްރޮޖެކްޓް" ގެ ނަމުގައި ވެސް މަޝްރޫޢެއް ކުރިއަށް ގެންދަވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހި ރައްޔިތުން ދެކޭނީ ފުދުންތެރި އަމާން ވެއްޓެއް ކަމަށެވެ. ތިޔާގިކަމާއި އާރޯކަމުގެ ޒަމާންތަކެއް ކަމަށެވެ. އޭނާގެ ވެރިކަމުގައި ރާއްޖެއިން މަސްތުވާތަކެއްޗާއި، މާރާމާރީއާއި، ވައްކަން ފަދަ ކަންކަން ކޮންޓްރޯލް ކޮށް ހުއްޓުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. "ރައްޔިތުންނަށް އެންމެ ބޭނުންވަނީ ބިރުވެރިކަމެއްނެތް އަމާން ރާއްޖެއެއް. އެކަން ކޮށްދޭން އަޅުގަނޑު އެންމެބޮޑަށް މަސައްކަތްކުރާނީ. އެކަން ކޮށްދެއްވުމަށްފަހު ގެތަކުގައި އަރާމުގައި ނިދާލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނީ،" ޢުމަރު ވިދާޅުވިއެވެ.