ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޤްލޫޤުތަކުންގެ ތެރެއިން ބައެއް މަޚްލޫޤުން އަނެއްބައި މަޚްލޫޤުންގެ މައްޗަށް މާތްކުރެއްވިއެވެ. އަދި އެއްބައެއްގެ ދަރަޖަ އަނެއް ބައެއްގެ މައްޗަށް އުފުއްލެވިއެވެ. ބައެއް ދުވަސްތަކާއި މައްސަރުތައް އަނެއްބައި ދުވަސްތަކާއި މައްސަރުތަކުގެ މައްޗަށް މާތްކުރެއްވިއެވެ. އެގޮތުން ރޭތަކުގެ ތެރެއިން އެންމެ މާތް ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރެއިންވެސް އެންމެ މާތް ރެއަކީ ޤަދުރުވިލޭރޭ ކަމުގައި ލެއްވިއެވެ. އެރޭ އަޅުކަންކުރުމުގެ މާތްކަން އެއްހާސް އަހަރު އަޅުކަންކުރުމަށްވުރެ އިތުރު ކުރެއްވިއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ފަހު ދިހައެއްގައި އަޅުކަންކުރެއްވުމުގައި ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. ލައިލަތުލް ޤަދްރި ލިބިގަތުމަށްޓަކައެވެ. އެރޭގެ މާތްކަން ހޯދުމަށްޓަކައެވެ. އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވާ ފަދައިންނެވެ.

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެނިހެން ދުވަސްތަކުގައި އަޅުކަންކުރެއްވުމުގައި ގަދައަޅައި މަސައްކަތް ނުކުރައްވާ ވަރަށް ރަމަޟާންމަހުގެ ފަހު ދިހައެއްގައި އަޅުކަންކުރެއްވުމުގައި ގަދައަޅައި މަސައްކަތްކުރައްވައެވެ."

ރަމަޟާންމަހުގެ ފަހު ދިހަޔަކީ، މަތިވެރިވެގެންވާ ބާޒާރެކެވެ. ޞާލިޙު ތަޤްވާވެރިން އެއިން ލިބިގަތުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރެއެވެ. އަޅުވެރީން އެކަމުގައި ގަދައަޅައި މަސައްކަތްކުރެތެވެ. ގިނަ އަޅުކަންތައް ކޮށްގެން ﷲ ތަޢާލާއާ އެބައިމީހުން ކުށްތަންވެއެވެ. ހެޔޮ ޢަމަލުތަކުން ރަމަޟާން މަސް ނިންމާލުމަށް މުސްލިމް އަޅާ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.

މިދުވަސްވަރުގައި އަދި މި ރޭތަކުގައި، މުސްލިމަކު ނަމާދު ކުރުމުގައި ޤާއިމްވެގެން ހުއްޓައި، ކީރިތި ޤުރްއާން ކިޔެވުމުގައި ވަނިކޮށް، ނުވަތަ ޛިކްރު ކުރުމުގައި ވަނިކޮށް، އޭނާގެ ރައްބަށް ދުޢާކުރަނިކޮށް، ﷲ އަށް ތައުބާވެ މަޑުމޮޅިވެގެންވާ ޙާލު، އޭނާއަށް ވުރެ މިކަންކަމުގައި އެކަކުވެސް ކުރިއަރައި ދިޔުމަށް ނޭދޭ ޙާލުގައި ވަނިކޮށް، މެނުވީ ނުފެންނާނެއެވެ.

ފަހު ދިހައެއްގެ މަތިވެރިކަމުގައި އަދި އެ ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމުގައި ދުވާލާއި ރޭގަނޑު ޢާއްމުވެގެންވެއެވެ. އެކަމަކު ދުވަސްތަކަށްވުރެ ރޭތައް މާތްވެގެންވެއެވެ. އެއީ އެ ރޭތަކުގެ ތެރޭގައި ލައިލަތުލް ޤަދްރި ހިމެނިގެންވާކަމަށްޓަކައެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފު ކުރުމަކީ ސުންނަތެކެވެ. އެއީ ﷲ އަށް ކުއްތަންވެވޭ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދި އެކަލޭގެފާނަށް ފަހު އެކަލޭގެފާނުގެ ޞަޙާބީން އެކަން ކުރެއްވިއެވެ. (އެއީ) އަޅުކަމުގައި ﷲ އާ ކުއްތަންވުމުގެ ގޮތުން މިސްކިތުގައި މަޑުކުރުމުގެ ނިޔަތުގައި، ދުނިޔެޔާއި ދުނިޔޭގެ ކަންކަމާ އެކަހެރިވެ، ދުނިޔޭގެ ޙަޔާތުގެ ކުޅިމަޖަލާ އެއްކިބާވެ، ކުއްތަންވުމުގެ ހިތްހަމަޖެހުން ﷲ ތާޢާލާއަށް އެކަނި ޚާއްޞަކޮށްގެން، ނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި، ﷲ އަށް ޛިކްރު ކުރުމުގައި މަޝްޣޫލުވެގެން، ޙަރާމް ކަންކަމާއި ދުރުހެލިވެގެން، ބަސްތަކާއި ކަންތައްތަކުގެ ތެރެއިން ނުބެހޭ ކަންކަމާ ދުރުހެލިވެ، މުސްލިމު އަޅާ ހުކުރު ނަމާދުގެ ޖަމާޢަތް ޤާއިމްކުރާ މިސްކިތެއްގައި އިޢުތިކާފަށް އިނުމެވެ.

އިޢުތިކާފު ވާހުށީ އަޅާ އޭނާގެ ރައްބާއެކު ވާ ޚަލްވަތެއް (އެކަހެރިވުމެއް) ކަމުގައެވެ. އޭނާގެ ހިތަށް ވާ އިޞްލާޙެއް ކަމުގައެވެ. އޭނާގެ ބައިބައިވެ ވަކިވެފައިވާ ކަންކަމަށްވާ އެއްކުރެއްވުމެއް (ބަދަހިކަމެއް) ކަމުގައެވެ. އަދި އޭނާގެ ނަފްސަށް ވާ ޙިސާބު ކުރުމެއް ކަމުގައެވެ. އޭނަގެ ވަގުތަށް ވާ ސަލާމަތްތެރިކަމެއް ކަމުގައެވެ. އަދި އޭނާއާ އޭނާގެ ރައްބާ ދެމެދު އޮންނަ ގުޅުމަށް ވާ ގަދަފަދަ ކަމެއް ކަމުގައެވެ. އަދި އޭނާގެ ރޯދަޔަށް ވާ ރައްކާތެރިކަމެއް ކަމުގައެވެ. އިޚްލާޞްތެރިކަމުގެ މައްޗަށް އޭނާ ތަރުބިއްޔަތު ކޮށްދޭ، އަދި މުބާޙު ކަންތައްތައް ކުރުން މަދުކޮށްދޭ، ދުނިޔެ މަތީގައި ވާ ޒުހުދުވެރިކަމެއް ކަމުގައެވެ.