ނ މަނަދޫ އަންނާރުމާގޭގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނުކަމަށްވާ 62 އަހަރުގެ ނައީމާ މޫސާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަކާނުލައި، ދާދި ދެންމެއަކު، (5:37ހާއިރު) ވަޅުލައިފިއެވެ. ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ އެރަށުގައެވެ. ނައީމާގެ މޫނު ދެއްކުން މިއަދު މެންދުރުފަހުން މަނަދޫ ހިނަވާގޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު މުޅި މަނަދޫއަށާއި މުޅި ރާއްޖެއަށް ހައިރާންކަމާއި ސިހުން ގެނުވީ ގެއެއްގެ ތެރޭގައި އަންހެނަކު މަރާލާފައި އޮތް ހަބަރުންނެވެ. ލެއިން ތަތްތެޅިފައި އޮތް 62 އަހަރުގެ ނައީމާ މޫސާއަކީ ރަށުގައި ކުނިކެހުމުގެ މަސައްކަތް ކުރާ މީހެކެވެ. ބުރާސްފަތި ދުވަހުން ފެށިގެން އަންހެންމީހާގެ ހަބަރެއް ނުވާތީ އިއްޔެ އާއިލާއިން ފުލުުހުންނަށް އަންގައިގެން ފުލުހުން ވަނީ އަންހެންމީހާ އުޅޭގެއަށް ގޮސް ދޮރު ހަލާކުކޮށް ވަދެފައެވެ. އޭރު ނައީމާ މަރުވެފައި އޮންނަތާ އެތައް އިރު ވެފައިވާ ކަމަށް ފަހުން ވަނީ ހަބަރު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާގެ ގައިގައި އެތައް ތަނަކަށް ވަޅިން ހަމަލަ ދީ ޒަހަމްކޮށްލާފައި ވާކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އިއްޔެގެ މެންދުރު ކުރިއާ ހަމަޔަށް ލިބިފައި ހުރި ޒަހަމްތަކެވެ.

އޭގެފަހުން ރޭގެ ވަގުތެއްގައި މަނަދޫއަށް މީހުން އަރައި ފޭބުން ފުލުހުންގެ އަމުރާ އެއްގޮތަށް ކުރިއަށް ދާނެހެން ވަނީމަނާކޮށްފައެވެ. އަދި އެމީހާ ދިރިއުޅުނު އަދި މަރުވެފައި އޮއްވާ ފެނުނު ގޭގެ ވަށައިގެން ފުލުހުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. ފުލުހުންގެ ހާއްސަ ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިކަމާ ގުޅިގެން އިއްޔެ ހަލި ނޫހުން އެރަށު ކައުންސިލާ ކުރި ސުވާލަށް ޖަވާބު ދެމުން ކައުންސިލް ރައީސް ވިދާޅުވީ އަންހެންމީހާއަކީ އެކަނި އުޅޭ މީހެއްކަމަށެވެ. ދަރިއެއް ހުރި ނަމަވެސް އެދަރިފުޅު ރަށަކު ނެތެވެ. ފަހުން ރަށު މީހަކާ ވާހަކަދެއްކުމުން އެނގުނު ގޮތުގައި އެމީހާގެ ތިންދަރިން ތިބެއެވެ. އަދި އެރަށުގައި އޭނާގެ އާއިލާވެސް އޮވެއެވެ. ނަމަވެސް މަނަދޫގެ އެއްވެސް ބަޔަކަށް މިވަރުގެ ކަމެއް މަނަދޫފަދަ އާދައިގެ މަސްލަހަތު ހަމަޖެހޭ ރަށެއްގައި ހިނގަން މެދުވެރިވެދާނެ ސަބަބެއް ހިތަކަށްވެސް ނުގެނެވެއެވެ.