ޔުނިސެފް އިންޑިޔާގެ އާ ޤައުމީ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ހަމަޖައްސައިފިއެވެ.

2014 ވަނަ އަހަރުން ފެށިގެން ޔުނިސެފް އިންޑިއާއާ ގުޅިގެން އަދި ކުރިން ސެލެބްރިޓީ އެޑްވޮކޭޓްގެ މަގާމު ވެސް ފުރުއްވާފައިވާ ކަޕޫރު ޚާން މިހާރު ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އުމުރުން 43 އަހަރުގެ ކަރީނާގެ ބަޔާނުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އެންމެ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ހާއްސަކޮށް އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓާއި ތައުލީމާއި ޖިންސުގެ ހަމަހަމަކަމަށް ސަމާލުކަން ދޭނެކަމަށް ބުނެ ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރެއްވުމަށް ކަރިނާގެ އަޑާއި ނުފޫޒުގެ ބޭނުން ހިފާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ކަޕޫރު ޚާން އެ މަގާމަށް އައްޔަން ކުރުމާއެކު ޔުނިސެފް އިންޑިއާ އިން ވަނީ ޔޫތު އެޑްވޮކޭޓްސްގެ އިފްތިތާހީ ކޮހޯޓް ތައާރަފުކޮށްފައެވެ. މި ޒުވާނުންގެ ލީޑަރުން މޫސުމަށް އަންނަ ބަދަލުތަކާއި ނަފްސާނީ ދުޅަހެޔޮކަމާއި ސްޓެމް އެޑިއުކޭޝަން ފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވައި، ހެޔޮ ބަދަލުތަކަށް ޒުވާނުންގެ އަޑު ތައް ބާރުވެރި ކުރުވުމަށް ޔުނިސެފުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވާނެއެވެ.

ޔުނިސެފްގެ އިންޑިއާ ރެޕްރެޒެންޓޭޓިވް ސިންތިއާ މެކްކެފްރީ ވަނީ ކަޕޫރު ޚާން އެ މަގާމަށް އައްޔަން ކުރެއްވުމަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވައި، ގައުމީ އަދި ބައިނަލްއަގްވާމީ ކެމްޕެއިންތަކުގައި ކަޕޫރު ޚާން ކޮށްދެއްވާފައިވާ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޔުނިސެފްގެ އާއިލާއަށް އަލަށް ތައާރަފްކުރެއްވި ޒުވާނުންނަށް މަރުހަބާ ދަންނަވައި، ކުޑަކުދިންގެ ހައްގުތައް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.