ހަލި ދަރުބާރުގެ އެކުވެރިންނަށް އަހަރެން މިކިޔައިދެނީ އަހަރެންގެ މުޅި ހަޔާތުގައިވެސް ކުރެވުނު އެންމެ ހިތި ތަޖުރިބާގެ ވާހަކައެވެ. އަހަރެންގެ އުމުރުން މިހާރު ސާޅީހާ ގާތްވެއްޖެއެވެ. އަހަރެންގެ ފަޅުވެ ވީރާނާވެފައިވާ ހަޔާތުގައި މިއަދު އުޖާލާކަމާއި އުންމީދުގެ އަލިކަން ހިފައިގެން އިން އަނބިމީހާ އަކީ ދުނިޔެމަތިން ފިރިހެނަކަށް ލިބޭނެ އެންމެ ބޮޑު ނަސީބެވެ. އަހަރެންގެ ހަޔާތަށް ވެރިވި ކަޅު އަނދިރިކަމުން އަހަރެން ސަލާމަތްކޮށްދީ މުޖުތަމައުގައި މީހުން ބަލައިގަންނަފަދަ މީހަކަށް ހެދީ އަނބިމީހާއެވެ.
ހަލި ދަރުބާރުގެ އެކުވެރިންނޭވެ. އަހަންނަކީ ހަތަރުކަށިމަތި މާލެއަށް އުފަން މަންމައަކާއި ބައްޕައެއްގެ ތިންދަރިންގެ ތެރެއިން ދޮށީ ފިރިހެންދަރިފުޅެކެވެ. ސުކޫލު ނިންމާފައި ބައްޕަގެ ވިޔަފާރީގެ ތެރެއަށް ވަނީ އާއިލާގެ ދޮށީ ފިރިހެންކުއްޖާ ކަމަށްވާތީއެވެ. އެއަހަރަކީ އަހަރެންގެ އަންހެންކޮއްކޮގެ އޯލެވެލް އަހަރެވެ. އޯލެވެލްއަށް ފިލާވާޅުދަސްކުރުމުގައި އޭނާއަށް އެހީވެދިނުމަށް އަހަންނަށް ވެސް ވަޒީފާއިން ބައްޕަ އޮތީ ހުއްދަދީފައެވެ. ކޮއްކޮ ތުންދަމާފައި ޝަކުވާ ކުރަމުން ދިޔައީ އޭނާއަށް ފިޒިކްސް އުނދަގޫވާތީވެ ޓިއުޝަން ޓީޗަރަކު ގެނައުމަށެވެ.ދުވަސްކޮޅަކީ އޯލެވެލް އިމްތިހާނަށް ދުރާލާ މީހުން ޓިއުޝަން ޓީޗަރުން ކުއްޔަށް ނެގުމުގެ ސަބަބުން ކިތަންމެ ބޮޑު އަގަކަށްވެސް ޓީޗަރަކު ލިބުން ދަތިވެފައިވާ ދުވަސްކޮޅެކެވެ.
ކޮއްކޮއަށް ޓިއުޝަން ޓީޗަރަކު ހޯދަން އުޅޭކަން އެނގިގެން ރައްޓެއްސަކު އޭނާގެ ތިމާގެ ކުއްޖަކާ އަހަންނާ ބައްދަލު ކުރުވިއެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ބުނަން ނޭނގޭ ގޮތަކަށް އަހަރެންގެ ހިތް ފުރަތަމަ ތެޅިލީ އެދުވަހު އެއަންހެންކުއްޖާއާ ހަތަރުކަޅި ހަމަކުރެވުނު ވަގުތެވެ. އަހަންނަކީ ލޯބީގެ ކުޅިވަރާ ވަރަށްދުރުގައި އުޅޭ މީހަކަށްވިޔަސް މިފަހަރު އެސިހުރުވެރި ކަޅީގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް ބެދި ހަފުސްވެއްޖެއެވެ.
ކޮއްކޮއަށް ފިޒިކްސްގެ އިތުރުން ކެމިސްޓްރީވެސް ކިޔަވައިދެމުން ދިޔައިރު އަހަންނާއި ކޮއްކޮގެ ޓިއުޝަންމިސްއާ ދެމީހުންގެ ކެމިސްޓަރީވެސް ދިޔައީ ދިމާވަމުން ގުޅެމުންނެވެ. އަހަރެންގެ މައިންބަފައިންނަށް އަހަރެންގެ ލޯބީގެ ކުޅިގަނޑުގެ ރޭކާ ލީ ވަރަށް ދުރަށް ކުޅިގަނޑުގައި އަހަރެން ގެނބި ހަސްފަސްވެފައި ވަނިކޮށްނެވެ.
ލޯބިވެރިޔާއާ ބައްދަލުކުރުމަށް ކޮންމެ ރެއަކުހެން 2000ރުފިޔާ 3000ރުފިޔާ ދީފައި ލަކްޒަރީ ހޮޓާތަކުގެކޮޓަރިތައް ކުއްޔަށް ހިފުމާއި އަގުބޮޑު މޮޅު ކެއުންތައް ކާންދިނުން އޮތީ އާދަވެފައވެ. ލޯބިވެރިޔާ ހިތްއުފާކޮށްދޭން ޖަވާހިރުގެ ގަހަނާސެޓެއް ގެނައުމާއި ލޯބިވެރިޔާއަށް މީރުވަސް ދުވާ ސެންޓާއި މޭކަޕުވެސް ގަނެދެމެވެ. ވަކި މިވެނި އެއްޗެކޭ ކިޔާނެ ކަމެއްނެތެވެ. ލޯބިވެރިޔާއަށް ޓިއުޝަން ދީގެން ލިބޭ ފަސްހާސް ކަމަށްވީއިރު އޭނާއަށް އެންމެ ހަފުތާއަކުވެސް އެއަށްވުރެ ގިނައިން ހޭދަވެއެވެ. މަންމައާއި ބައްޕަ އަށް އެކަން އެނގުނީ ބޭންކުން އާދަޔާ ހިލާފަށް އަހަރެން ލާރި ނަގާކަން އެނގުމުންނެވެ.
ކޮއްކޮއަށް އެއްވެސް އެއްޗެއް ނާންގަން އުޅުނަސް އޭނައަށްވެސް އެނގިއްޖެއެވެ. ގޭތެރޭގެ ހަމަޖެހުން ގެއްލިއްޖެއެވެ ބައްޕަ އެހާ ވަރަށް ރުޅިއައިސްފައި ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އަހަރެން ވަކިން ކޮޓަރިއަށް ގެންގޮސް ގޮނޑިއެއްގައި ބައިންދާފައި އަހަރެން ލާރި ނަގާފައި ހުރި އަދަދުތަކުގެ ރިސިޕްޓްތައް ދައްކައިފިއެވެ. އަހަރެން ވަރަށް ހަރުދަނާ ވެފައި އެއީ އަހަރެންގެ ވާން އުޅޭ އަނބިމީހާއޭ ބުނެފީމެވެ. އުމުރުގައިވެސް ބައްޕަގެ އަޑު އެވަރަށް ގަދަވި ފުރަތަމަ ފަހަރެވެ.
ރުޅިއައިސް ރޮވިފައި ހުރެ ބައްޕަ އަހަރެންގެ ދެއަތުގައި ހިފާފައި ދެން ކުރީ އާދޭހެވެ. އޭރުވެސް ވެގެން އުޅޭ ގޮތެއް އަހަންނަށް ރޭކާވެސް ނުލައެވެ. ބައްޕަ އެވަރަށް ހާސްވެ ކަންބޮޑުވެ ރޮއި ދެރަވަނީ ކީއްވެގެން ހެއްޔެވެ. އެއީ ހަމަ ފައިސާގެ މައްސަލަހެއްޔެވެ.
ނޫނެކެވެ، ހަލިދަރުބާރުގެ އެކުވެރިންނޭވެ. ވެގެން އުޅެނީ ކުޑަނޫން ކަމެއްކަން އެނގުނީ ބައްޕަގެ ފޯނަށް އައި މެސެޖެއް ދެއްކުމުންނެވެ. ބައްޕަ އިންތިޒާރު ކޮށްގެން އިނީ އެ މެސެޖެއް އަންނަން ދެނެވެ. އެއީ ފޮޓޯއެކެވެ. އެކަމަކު އަހަންނަށްޓަކައި އެއީ މަރުގެ ހަބަރެއްފަދައެވެ.
ހަލި ދަރުބާރުގެ އެކުވެރިންނޭވެ. އަހަރެންގެ ކޮއްކޮއަށް ޓިއުޝަން ދޭން ގެއަށް އައީ އެއްވެސް ހާލެއްގައި ޓީޗަރެއް ނޫނެވެ. އަހަރެންގެ އެކުވެރިޔާ އަހަރެންގެ އާއިލާގެ ތެރެއަށް ގެނެސް އެ ވައްދާފައި ހުރީ ވިހަގަދަ ނަގުލަންދާށްޓެވެ. އެހާ ބޮޑު ދޮގެއް ބަޔަކު ހަދާފާނެކަމަކަށް ހިތަކަށްވެސް ނުގެނެވޭނެއެވެ. ފައިސާއަށްޓަކައި މީހުން އެފަދަ ދަށުދަރަޖައަކަށް ވެއްޓިދާނެކަމަކަށް އަހަންނަށް ދެންވެސް ގަބޫލެއް ނުކުރެވުނެވެ.
އެންމެ ބޮޑަށް ހިތަށް އަސަރުކުރީ އަހަންނަށް އެ ނުރައްކާތެރި އަންހެނާދެކެ އިންތިހާއަށް ލޯބިވެވިފައި ވާތީއެވެ. އަދި އެލޯބީގާ ހައްދުހުދޫދުން ބޭރުވެވިފައިވާތީއެވެ. ފާފަ ދެގުނަ އިތުރުވާނެކަން އެނގިހުރެ އެވަރުގެ އަނިޔާއެއް އަހަންނަށް ދިނީތީ އަހަރެންގެ ހިތް ހަލާކުވިއެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނަށް އެނގޭހެއްޔެވެ. އަހަރެންގެ އެކުވެރިޔާ އަހަރެންގެ ތަންމައްޗަށް ގެނެސް ލައިދީ އަހަރެން ލައްވައި އެހުރިހާ ހުތުރު ކަންތައްތައް އެކުރުވީ އޭނާގެ ހަލާލު އަނބިމީހާއަށެވެ. އެއްބޭނުމަކީ ފައިސާކަމަށްވީހިނދު އަނެއް ބޭނުމަކީ ކުޑައިރުއްސުރެ ހުރިހާ ކަމެއްގައި އެކުވެރިޔާއަށްވުރެ އަހަރެން މޮޅުވެފައި ކާމިޔާބުވުމުގެ ހަސަދަ ފިލުވައިލުމެވެ. އަހަރެންގެ ހިތް ހަލާކުވިއެވެ. ދުނިޔެ އަނދިރިވިއެވެ. އަހަރެންގެ އަމިއްލަ ނަފުސުދެކެ ލަދުން އަހަރެން ކޮޓަރިންވެސް ނުކުތުން ހުއްޓާލީމެވެ.
ދެން ވީ އެންމެ ބިރުގަތް ކަންތަކެވެ. އަހަރެންގެ ސިކުނޑި އެއްގޯސްވީއެވެ. ބޭސް ކާން ޖެހޭ ބަލިމީހަކަށްވީއެވެ. މަންމައާއި ބައްޕަ އަހަރެންގެ ހަޔާތް އެގޮތަށް ބަރުބާދުވިޔަ ނުދިނުމަށް ކުރަމުން ދިޔަ ހިތްވަރުން އަހަންނަށްޓަކައި ގުރުބާންވާނެ އޯގާތެރިއަކު ލިބިއްޖެއެވެ. ނަފުސާނީ މައްސަލަތަކާބެހޭ ސީނިއާ ސައިކޭޓްރިސްޓް އަހަންނަށްޓަކައި ހުރިހާ ވަގުތެއް ހުސްކޮށްދިނެވެ. އަހަރެންގެ ހިތާއި ސިކުނޑި ދުނިޔެމަތިން ފޫހިވެފައިވުމުން އަނބުރާ ހާމަ ދުނިޔެއަށް ގެނެސް ލޯބިދެކެ އަލުން ލޯބި ވާން ދަސްކޮށްދިނެވެ.
ހަލި ދަރުބާރުގެ އެކުވެރިންނޭވެ. އަހަރެންގެ ނުހަނު ސީދާ ސާދާ ކުށެއްނެތް ހަޔާތުގައި ލައްގަނޑުތަކެއް ޖެއްސި މީހުންވީ ޖަލުގައޭ ބުނާތި އަޑުއަހަމެވެ. އެއްވެސް ފަރުވާލެއް ނެތެވެ. އެކަމަކު އަދިވެސް އަހަންނަށް ގަބޫލު ކުރަންޖެހޭތީ ގަބޫލުރިޔަސް ތިމާގެ ހަލާލު އަނބިމީހާ ފައިސާއަށްޓަކައި އަމިއްލައަތުން ގެނެސް ވިޔަފާރިމުދަލަކަށް ހަދައިގެން ވިއްކައި އޭގެ އަގުޖައްސައި އުޅޭ އެފަދަ މީހުން ހަމަ އުޅޭބާވައެވެ. ގަބޫލު ކުރަން ކިތަންމެ ދަތިވިޔަސް އެއީވެސް ދުނިޔޭގައި އުޅޭ ވައްތަރެކެވެ. އަހަންނަށް ލޯބީގެ ދަޅަ ދައްކައިގެން އަހަރެންގެ ކުށެއްނެތް ޒުވާން އުމުރު ފާފައިގެ ތެތްފޮށައަކަށް ހެދީ އަމިއްލަ އަނބިމީހާ ބޭނުންކޮށްގެންކަން ދޮގެއް ނުކުރެވޭނެއެވެ.