ޔޫރަޕުގައި 701 ލަނޑު ޖަހައިގެން ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ދަމަހައްޓަމުން އައި ރެކޯޑް، ފްރާންސް ލީގުގައި ރޭ ނީސް ކޮޅަށް ލަނޑު ޖަހައިގެން ލިއޮނަލް މެސީ މުގުރާލައިފިއެވެ.

ޔޫރަޕުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެެކޯޑް މެސީ މުގުރާލީ މެޗުގެ 26 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މެސީއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕޯޗުގަލްގެ ވާތު ބެކް މެންޑެޒްއެވެ. މިމެޗުން ޕީއެސްޖީ 2-0 އިން މޮޅުވިއިރު އަނެއް ލަނޑު ޖަހައިދިނީ ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

މިމެޗުގައި މެސީ ޖެހި ލަނޑާއެކު ޔޫރަޕުގައި ޖެހި ލަނޑުގެ އަދަދު 702 އަށް އެރީއެވެ. ރޮނާލްޑޯ މިވަގުތު ޔޫރަޕުން ބޭރުގައި (ސައުދީ ލީގް) ކުޅެމުން އަންނައިރު ދެކުޅުންތެރިން މެދުގައިވާ ލަނޑުގެ ތަފާތު މެސީ ބޮޑު ތަނުން މަތިކުރާނެ ކަމަށް ބެލެވެއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ރޮނާލްޑޯގެ ރެކޯޑް މެސީ މުގުރާލީ ޔޫރަޕުގައި ރޮނާލްޑޯއަށް ވުރެ ސަތޭކައެއްހައި މެޗް މަދުން ކުޅެގެންނެވެ.

ރޭގެ މޮޅާއެކު ޕީއެސްޖީ ތާވަލުގެ ކުރީގައި އޮތީ 30 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި 63 ޕޮއިންޓާއެކު ލެންސް އޮތްއިރު 3 ވަނައިގައި މާސޭ އޮތީ 60 ޕޮއިންޓާއެކުއެވެ.