މިސީޒަނުގައި ލިބެމުން އަންނަ ދަށް ނަތީޖާތަކުގެ ފުރިހަމަ ޒިއްމާ ނަގާކަމަށް ލިޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ ދެކޮޅަށް މިރޭ ނިކުތުމުގެ ކުރިން ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ މިސީޒަނުގައި ލިބެމުން ދަނީ "ކުނި" ނަތީޖާތަކެއް ކަމަށެވެ. "އަހަރެމެންގެ މިނަތީޖާތައް ސަޕޯޓަރުންނަށް ހައްގެއް ނޫން. މިއީ ސަޕޯޓަރުން އުއްމީދު ކުރިފަދަ ސީޒަނެއް ނޫން. އެކަމަކު ދުރު މުސްތަގުބަލަށް ބަލާއިރު މިނަތީޖާތައް ސަޕޯޓަރުން ހަނދާން ނެތޭނެ. މިދިޔަ ސީޒަނާއި އޭގެ ކުރީ ސީޒަންތަކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަން އަހަރެމެން ހަނދާން އެބަހުރި" ކްލޮޕް ބުންޏެވެ.

"ދަށް ނަތީޖާތަކުގެ %100 ޒިއްމާ އަހަރެން ނަގަން" ކްލޮޕް ބުންޏެވެ.

ލިވަޕޫލަށް މިސީޒަނުގައި އެއްވެސް ތައްޓެއް ކާމިޔާބު ކުރުރުމުގެ ފުރުސަތު ގެއްލިފައިވާއިރު، ކްލޮޕުގެ އަމާޒު މިހާރު ހުރީ ގަދަ ހަތަރަކުން ޖާގަ ހޯދުމަށެވެ. ލީގުގައި ބާކީ ލިވަޕޫލަށް 10 މެޗް އޮތްއިރު ތާވަލުގެ 8 ވަނައިގައި ލިވަޕޫލް އޮތީ 43 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް މިހާރުވެސް ގާތްގަނޑަކަށް ގަދަ ހަތަރެއް ވަނީ ޔަގީންވެފައެވެ. ލިވަޕޫލަށް މަސައްކަތް ކުރަން ޖެހިފައި އޮތީ 56 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ނިއުކާސަލް އާއި ހަތަރުވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް (56 ޕޮއިންޓް) އަތުލުމަށެވެ.

މިރޭ އަމިއްލަ ދަނޑުގައި އާސެނަލް އަތުން މޮޅު ނުވެވިއްޖެނަމަ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ލިވަޕޫލް ދެކެމުން އަންނަ އުއްމީދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެއެވެ. އަނެއްކޮޅުން ލިވަޕޫލް ބަލިކޮށް، ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑް ދަމަަހައްޓަން އާސެނަލްއަށްވެސް މެޗުގެ މުހިއްމުކަން ބޮޑެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 20:30 ގައެވެ.