އެއްދުވަހަކު އަންޞާރުންގެ ތެރެއިން ބޭކަލަކު ވަރަށް މޮޅިވެރިކަމާ އެކު ފުން ނަޒަރަކުން، ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ މޫރިތި މޫނުފުޅަށް ބައްލަވަން ހުންނެވިއެވެ. ދެން ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ އަށް އެކަން ފާހަގަކުރެވިގެން އެބޭކަލަކާ ސުވާލު ކުރެއްވިއެވެ. “އޭ މަގޭ އަޚާއެވެ. ކަލޭގެފާނު މާ ހިތާމަވެރި ހާލުކޮޅެއްގައި ތިޔަ ހުންނެވީ ކޮންކަމަކާތޯއެވެ.؟”
ދެން އެބޭކަލަކު ދެންވިއެވެ. “ޔާ ރަސޫލުﷲ އެވެ. އަހުރެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ.” ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ ސުވާލުކުރެއްވިއެވެ. “އެއީ އަނެއްކާ ކޮންކަމެއްތޯއެވެ.” އެބޭކަލުން ދެންނެވިއެވެ. “ޔާ ރަސޫލުﷲ އެވެ. އަހުރެމެން ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު ކަލޭގެފާނުގެ އަރިހަށް އަންނަމުއެވެ. އަދި ކަލޭގެފާނާއި ބައްދަލުވެ ކަލޭގެފާނު އަރިހުގައި ވުމުގެ މަތިވެރި ނިޢުމަތް ލިބިގަންނަމުއެވެ. އެކަމުގެ ސަބަބުން އަހުރެމެންގެ ހިތްތަކަށް ބަޔާން ކުރަން ނޭނގޭ ފަދަ އުފާވެރިކަމެއް ލިއްބައިދެއެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން އަހުރެމެން ކަލޭގެފާނާއި ވަކިވާނެއެވެ. އެހެންކަމުން އަހުރެން ހިތާމަކުރަނީ ޖަންނަތުގައި ކަލޭގެފާނާއި ބައްދަލު ނުވެދާނެތީއެވެ. އެހެނީ ކަލޭގެފާނު ވާހުށީ ޖަންނަތުގެ އެންމެ މަތީ ދަރަޖައިގައެވެ. އަހުރެމެން ވާހުށި އެއަށްވުރެ ދަށު ދަރަޖައެއްގައެވެ.” އެހިނދު ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލުންނަށް ދެއްވާނެ ޖަވާބެއް އެނގިވަޑައި ނުގެން ހަނު ހުންނެވިއެވެ.
ދެން މާތްﷲ ސުބުޙަނަހޫ ވަތަޢާލާގެ އަމުރުފުޅަށް ޖިބްރީލް އަލައިހިއްސަލާމް ފައިބާ ވަޑައިގެން އަންނަނިވި އަޔާތް ބާވައިލެއްވިއެވެ. وَمَن يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَٰئِكَ رَفِيقًا މާނަ:- اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. ދެންފަހެ ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލުން ގެންނަވައި މިއަޔާތް ވިދާޅުވެ ދެއްވިއެވެ. އެހިނދު އެބޭކަލުންގެ މޫނުފުޅު އުޖާލާވެގެން ދިޔައެވެ.
އަދިވެސް އެއްދުވަހަކު ސަހާބީންގެ ބޭކަލަކު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އަރިހުގައި ދެންނެވިއެވެ. “ޔާ ރަސޫލުﷲ އެވެ. ޤިޔާމަތް ވާނީ ކޮންދުވަހަކުތޯއެވެ.؟” އެހިނދު ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލުންނާއި ސުވާލުކުރެއްވިއެވެ. “ކަލޭގެފާނު އެދުވަހަށްޓަކައި ތައްޔާރު ކުރީ ކޮންކަމެއްތޯއެވެ.؟” އެބޭކަލުން ދެންނެވިއެވެ. “ޔާ ރަސޫލުﷲ އެވެ. އަހުރެންނަށް މާގިނަ ނަމާދު ކުރެވިފައި ނުވެއެވެ. އަދި ރޯދައާއި ޒަކާތެއް ވެސް ނުވެއެވެ. އެކަމަކު އަހުރެން ހިތާއި ނަފްސުން، ކަލޭގެފާނާއި، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ އިންތިހާ ދަރަޖައަށް ލޯބިވަމުއެވެ.” އެހިނދު ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. “ހަމަ ކަށަވަރުން އެދުވަހުގައި ކަލޭގެފާނު ވާހުށީ ކަލޭގެފާނު ލޯބިކުރެއްވި ބަޔަކާ އެކުގައެވެ.”
އަދިވެސް އެއްދުވަހަކު ސަޙާބީއަކު ނަބީ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “ޔާ ރަސޫލުﷲ އެވެ. އަހަރެންގެ ފުރާނައާއި އަހަރެންގެ މުދަލާއި އާއިލާއަށްވުރެ ވެސް އަހުރެން ކަލޭގެފާނު ދެކެ މާލޯބިވެއެވެ. އަހުރެން ގޭގައި ހުންނަ ހިނދު، ކަލޭގެފާނު މަތިން ހަނދުމަވުމުން، އަރާމާއި އުފަލުން މަހުރޫމް ވެއެވެ. ކަލޭގެފާނު އަރިހަށް އައިސް، ކަލޭގެފާނުގެ މޫރިތި މޫނުފުޅު ފެނިއްޖެއުމަށް ދާނދެނެވެ. އެހެނަސް އަހުރެން ކަލޭގެފާނާއި ވަކިވާނެ ދުވަހެއް އަންނާނެކަން ޔަޤީނެވެ. އެޔަށްފަހު ކަލޭގެފާނު ވާހުށީ ޖަންނަތުގެ އެންމެ މަތީ މަޤާމުގައެވެ. އަހުރެން ހިތާމަކުރަނީ އަހުރެންނަށް ޖަންނަތަށް ވަދެވުނަސް ފަހަރުގައި އަހުރެންނަށް ކަލޭގެފާނު ނުފެނިދާނެއެވެ. އެކަމާ މެދު ވިސްނާލުމުން އަހުރެން ވަރަށް ކަންބޮޑުވެ މާޔޫސްވެއެވެ. ދެން ނަބީ ސައްލަﷲ އަލައިހި ވަސައްލަމަ، އިސްވެ ދިޔަ އާޔަތް ވިދާޅުވެ ދެއްވިއެވެ.
ނޯޓު:
ވިސްނާލަބަލާށެވެ. މިއީ މަރުވެ ދިޔުމަށްފަހުވެސް ސަޙަަބީން ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމައާއި އެކުގައި ވުމަށް ލޯބި ކުރެއްވި މިންވަރެވެ. އެހެނީ އަމިއްލަ ނަފްސާއި ދަރިންނާއި އަމިއްލަ އާއިލާއާއި މުދަލަށްވުރެ އެކަލޭގެފާނާއި، ﷲ ސުބުޙާނަހޫ ވަތަޢާލަަ ދެކެ ލޯބި ވެއްޖައުމަށް ދާންދެން އެމީހެއްގެ އީމާންތެރިކަން ފުރިހަމަ ނުވާނެކަން އެބޭކަލުން ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެހެނަސް އަހުރެމެންގެ ހާލަތުހުރީ ކިހިނެއްހެއްޔެވެ؟ ފާޅުގައި އެކަލޭގެފާނަށް ފުރައްސާރަ ކުރެވޭ ހިނދު އަހުރެމެން މިތިބެނީ "ބޮޑު މީހާ” ގެ ދިފާޢުގައެވެެ. އެއީ ނަބިއްޔާ ދެކެވާލޯތްބަށްވުުރެވެެސް މާލޯބިވާ މީހެކެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލަކޯ އަޅަމެންނީ އިބަ ﷲ އާއި ނަބިއްޔާ ދެކެ ލޯބިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި ނަބިއްޔުންނާއި ސިއްދީޤުންނާްއި އެކު ޖަންނަތުގައި އަހުރެމެން ލައްވާށިއެވެ. އާމީން حکایت صحابه (ބާބު: ސަޙަބީން ނަބިއްޔާ ދެކެ ލޯބިވާ ވަރު) ޝެއިޚް މުޙައްމަދު ޒަކަރިޔާ