ކޮންމެ ކޯޗަކު ހުއްޓަން ބަޔާން މިޔުނިކް ވަރުގަދަ ވާނެކަމަށާއި، މިރޭވެސް ބަޔާނުން ބޭނުން ގޮތަކަށް ކުޅެންވީ ކަމަށާއި އެކަމަކު އޭނާގެ ހުރިހާވެސް ސަމާލުކަމެއް ހުރީ އަމިއްލަ ޓީމު ލައްވައި ކުޅުވާނެ ގޮތަކާމެދު ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
"ބަޔާންގެ ހުރިހާ ޑިޕާޓްމަންޓްތަކެއްވެސް ވަރަށް ވަރުގަދަ. ވަރަށް މޮޅެތި ކުޅުންތެރިން ތިބީ ކޮންމެ މަގާމަކަށް ކުޅެގެންވެސް. ނަގަލްސްމަން ނުވަތަ ޓުޗެލް ހުއްޓަސް މެޗް އުނދަގޫވާނެ. ޓުޗެލްއާއެކު ބަޔާން ކުޅޭނެ ގޮތް ފެނިއްޖެ. އެކަމަކު މިރޭ ތަފާތު ގޮތަކަށްވެސް ޓުޗެލް ކުޅުވަފާނެ. އެކަމަކު އަހަރެން ބުނަން އޮތީ ބަޔާން ކުޅޭނެ ގޮތަކަށް ބަޔާން ކުޅެންވީއޭ. އެކަމަށް އަހަރެންގެ ފަރުވާލެއް ނެތޭ. އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ އަހަރެންގެ އަމިއްލަ ޓީމަށޭ" ގާޑިއޯލާ ބުންޏެވެ.
މިރޭ އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކާ އަމިއްލަ ދަނޑުގައި ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ އިތުރަށް ބުނީ ކޮންމެ ސީޒަނަކުވެސް ސިޓީ ނިކުންނަނީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރަން ކަމަށާއި ވާދަކުރާ ކޮންމެ ސީޒަނުގެ ތަށި ހޯދުމަކީ މަޖުބޫރު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ގާޑިއޯލާ ދެއްކީ ބާސްކެޓް ބޯޅަ ތަރި މައިކަލް ޖޯޑަން އާއި މަޝްހޫރު ގޯލްފް ކުޅުންތެރިޔާ ޖެކް ނިކްލައުސްއަށެވެ.
"ތަށި ކާމިޔާބު ކުރަން ކޮންމެ ފަހަރަކުވެސް ނިކުންނަނީ. އޭގެ މާނައަކީ އަހަރެމެން ކޮންމެ ފަހަރަކު ތަށި ކާމިޔާބު ކުރާނެއެކޭ ނޫން. މިސާލަކަށް ބަލަމާ ޖެކް ނިކްލައުސް. ކިތައް މުބާރާތުގައި އޭނާ ވާދަކުރި؟ 120 މުބާރާތުގައި އޭނާ ވާދަކުރި. އެކަމަކު ކާމިޔާބު ކުރެވުނީ 18 މުބާރާތް" ގާޑިއޯލާ ބުންޏެވެ.
"ބަލަމާ މައިކަލް ޖޯޑަންއަށް، އެންމެ މޮޅު އެތުލެޓީށް. އެންބީއޭ (އެމެރިކާ/ ކެނަޑާ ބާސްކެޓް ލީގް) އޭނާއަށް ކާމިޔާބު ކުރެވުނީ 6 ފަހަރު. ކިތައް އަހަރު އޭނާ ކުޅުނު. 16 އަހަރު" ގާޑިއޯލާ ބުންޏެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗުގެ ގޮތުގައި ގިނަޔަކު ސިފަކުރާ އަދި ގިނަ ކޯޗުން ވަރަށް ބޮޑަށް ތައުރީފް ކުރާ ގާޑިއޯލާއަށް މިހާތަނަށް ޗެމްޕިއަންސް ކާމިޔާބު ކުރެވިފައި ވަނީ އެންމެ 2 ފަހަރުއެވެ. އެއީ 2009 އަދި 2011 ވަނަ އަހަރު ބާސެލޯނާއެކުއެވެ. އެއަށްފަހު ބަޔާން މިޔުނިކަށް ބަދަލުވެ އެކްލަބުގައި ހޭދަކުރި 3 ސީޒަނުގައިވެސް ކެޓީ ސެމީފައިނަލުންނެވެ. އެއަށްފަހު ސިޓީއަށް ބަދަލުވެ މިދިޔަ ހައެއްކަ އަހަރު ތެރޭގައި އެޓީމު ފައިނަލަށް 1 ފަހަރު ގެންގޮސްދިނެވެ. އެކަމަކު ފައިނަލުގައި ޗެލްސީ އަތުން ބަލިވީއެވެ.
ބަޔާން އާއި ސިޓީ ބައްދަލު ކުރާ ކުއާޓާފައިނަލް މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.