ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން، އައްޑޫސިޓީގަައި ކުރިއަށް ގެންދާ ބިޔަބޮޑު މަޝްރޫއުތައް ފެނިފައި އިދިކޮޅުފަރާތްތަކުގެ މޭތައް ކަރަން ފަށައިފި ކަމަށް މަރަދޫދާއިރާގެ މަޖިލިސް މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވި 50 އަހަރުތެރޭގައި އައްޑޫގެ ތަރައްގީއަށް އެންމެބޮޑު ހޭދައެއްކުރަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ކަމަށެވެ. "ވޭތުވި ފަންސާ އަހަރުތެރޭ އައްޑޫގެ ތަރައްގީއަށް އެންމެބޮޑު ހޭދައެއް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި. އިދިކޮޅުފަރާތްތައް މިހާރު ވަރަށްބޮޑަށް މޭކަރަން ފަށައިފި ކުރިއަށްދާ ބޮޑު، ބިޔަ މަޝްރޫއުތައް ނިމެންދާ މަންޒަރު ލޮލަށް ފެންނަން ފަށާހިސާބަށް ދާން ފެށީމައި،" އޭނާ ވިދާޅުވެފައިވެއެވެ.

ރައިސް ސާލިހު މި މަޝްރޫއުތައް ކުރިއަށް ގެންދަވަނީ އިދިކޮޅު ފަރާތްތަކުގެތެރެއިން، ޚާއްސަކޮށް ރައީސް ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެދިރުން" އިން ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ. އިދިކޮޅުފަރާތްތަކުން ވަނީ ދަރަނިބޮޑުވާ ކަމަށް ބުނެ މަޝްރޫއުތައް ހުއްޓުވަން މަޖިލިސްތެރެއިންނާއި ބޭރުން ވެސް މަސައްކަތް ކޮށްފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "އިދިކޮޅުން ވަކިން ޚާއްސަކޮށް ފިކުރެެއްގެ ދިރުން އަދި ރައީސް މުހައްމަދު ނަޝީދު ދަރަނި ބޮޑުވަނީއޭ ކިޔާފަ މި މަޝްރޫއުތައް ހުއްޓުވޭތޯ މަޖިލިސްތެރެއިން އަދި ބޭރުންވެސް މަސައްކަތްކުރި. އެހެނަސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ މަޑުޖެހުމެއްނެތި މަޝްރޫއުތައް ކުރިއަށް ގެންދަވާފައި،" ޝަރީފް ވިދާޅުވެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. އޭގެއިތުރުން އެޕާޓީގެ ނާއިބު ރައީސް ވެސް ހުންނެވީ އެމަނިކުފާނު އަރިހުގައެވެ. އަދި ރައްިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލިސްގެ ބައެއް މެމްބަރުންވެސް ރައީސް ނަޝީދުގެ އަރިހުގައި އެބަތިއްބެވިއެވެ. އެހެންނަމަވެެސް އެބޭބުޅުންނަކީ ވެސް އިދިކޮޅު ފަރާތްތައް ކަމަށް ޝަރީފް ވަނީ ވިދާުވެފަައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީވަނީ ދެފަޅިވެފައެވެ. އެއީ ރައީސް ސާލިހުގެ ފަޅިއާއި ރައީސް ނަޝީދުގެ ފަޅިއެވެ.