ބޭނުންވާ ތަކެތި

  • 2 ޖޯޑުފުށް
  • 2/1 ޖޯޑު ހޫނުފެން
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • 4 ޖޯޑު ގަބުޅިހުނި
  • 200 ގްރާމް ހަކުރު
  • 2/1 ޖޯޑު ހުވަނދުމާ ފެން
  • 1 ސައިސަމުސާ މުގުރި ކާފޫރުތޮޅި
  • 1 ސައިސަމުސާ މުގުރި ފޮނިތޮށި

ތައްޔާރު ކުރާނެ ގޮތް:

ފެން ފޮދާއި، ތެޔޮ ފޮދު، ފުށްތެރެއަށް އަޅައިގެން މޮޑެލުމަށްފަހު، 25 ގުޅައަށް ބައި ކޮށްލާށެވެ. ގުޅަތައް ކުދި ރޮށި ހުންނަވަރަށް ދަމާފައި ބަހައްޓާށެވެ. އެއަށްފަހު، ގަބުޅިހުނި، ހަކުރު، ހުވަނދުމާފެން، ހިމުންކޮށްފައި ހުރި ފޮނިތޮށި، ކާފޫރުތޮޅި، ތެއްޔަކަށް އަޅައި އުނދުން މައްޗަށް އުދައި މަޑުގިނީގައި ބަހައްޓައިގެން ހަލަމުން ހަކުރުކޮޅު ވިރި ފެންފޮދު ހިކި، ތެލީގެ އަރިމަތިތަކުން ނެއްޓެން ފެށީމައި އުނދުންމަތިން ބާލައި ހިހޫކޮށްލަން ބަހައްޓާށެވެ.

ހިހޫވުމުން ކުރިން ދަމާފަހުރި ކޮންމެ ރޮށްޓަކަށް މޭޒުމަތީ ސަމުސަލެއްގެ ހުނިހަކުރު އަޅައި ރޮށީގެ މެދުން ފަތްޖެހުމަށް ފަހު، ރީތިގޮތަކަށް ތުން ބައްދައިލަށެވެ. ހުރިހާ އެއްޗަކަށް އަޅައިނިމުނީމައި ކުޑަ ތެޔޮފޮދެއްގައި ތެލުލާށެވެ. ނޫނީ އާވިންކައްކައިލާށެވެ.

(އިހުގައި މީހުން ހުނިހަކުރު ހެދުމަށް ދިއްގާފަތުގައި، ހުނިހަކުރު ފޮޅި އޮޅާފައި ފެނުކައްކައެވެ. މިއީ ވަރަށް މީރު ތެލާ ނުލައި ހުނިހަކުރު ކެވޭނެ ގޮތެކެވެ. ދިއްގާ ފަތުގައި ކުޑަކުޑަ ތެޔޮތިއްކެއް ހޭކުމަށްފަހު (ހުސްފެނުގައި މޮޑެފައި ފުށްގަނޑަކުން ރޮށިދަމާފައި އޭގެ ރޮށްޓެއް ފަތް މަތީގައި ބާއްވާށެވެ. އަދި އެއަށް ހުނިހަކުރު ކޮޅެއް އެޅުމަށްފަހު ފަތް މެދުން ލަންބާލާސެވެ. ފަތުގައި ބައެއް މީހުން އިލޮށިކޮޅެއް ޖަހައެވެ. އެހެން ނުހެދިޔަސް ފަތެއް ނުހުޅުވޭނެއެވެ. ދެން ތެއްޔަކަށް ހުނިހަކުރުފަތްތައް އަޅާށެވެ. އަދި ހުރިހާ ފަތްތައް އެޅުމަށްފަހު ކިރިޔާ އާވިން ކައްކާށެވެ. ދެން ނަގާފައި ފަތް ހުޅުވާލައިގެން ކާންވީއެވެ. މިއީ އަސްލު އެންމެ އިހުގެ އަދި އެންމެ މީރު އެއްވައްތަރު ކަމަށްވެއެވެ. އަދިވެސް އެތައް ގޮތަކަށް ހުނި ހަކުރު ތައްޔާރުކުރެއެވެ.)