މިއަދުގެ ހުކުރު ހުތުބާގައި، ނަސޭހަތްތެރިވެފައި ވަނީ ލައިލަތުލްގަދްރީގެ މާތްކަން ހަނދުމަކޮށްދީ އެރޭ ސަވާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. މިހާރު ގުނަމުން މިދާ ދުވަސްތަކަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ކަމަށާއި އެއީ މަތިވެރި ރޭތަކެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ، محمد صلى ﷲعليه وسلم، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިހްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވި ވާހަކައިން ހަނދާން ކޮށްދީފައިވެއެވެ. އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވައި ހިއްމަތް ކުރެއްވި ކަަމަށެވެ.

ޚުޠުބާގައި މިމަހުގެ ފަހު ދިހައިގެ ތެރޭގައި މާތްﷲ މަތިވެރިކުރައްވާ ގަދަރުވެރި ރެއެއްވާ ކަމަށް ނަބިއްޔާ ބަޔާންކުރައްވައިފައިވާ ކަމަށާއި އެ ރޭ ހޯދުމަށް، ފަހު ދިހައިގައި ގަދައަޅައި މަސައްކަތްކުރުމަށް ރަސޫލުﷲصلىﷲعليه وسلم އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ކިޔައިދިނެވެ. އެއީ ލައިލަތުލްގަދްރީގެ ނަމުން ނަންދެވިފައިވާ ބަރަކާތްތެރި ޝަރަފުވެރި ރޭ ކަމަށާއި އެރޭ ޝަރަފުވެރި ރެއަކަށްވީ، އެރޭގައި ކީރިތި ގުރުއާން ބާއްވަލައިލައްވާފައިވާތީ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ލައިލަތުލްގަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަށެވެ. އެެއީ 21، 23، 25, 27 އަދި 29 ވިލޭރޭން ރެެއެެއް ކަމަށާއި އެރޭގެ އަޅުކަން ކުރުމަކީ 30،000 ރޭގައި އަޅުކަން ކުރުމަށްވުރެ ސަވާބު މަތިވެރި ކަމެއް ކަމަށެވެ. 30،000 ދުވަހަކީ 83 އަހަރާއި ހަތަރު މަސް ދުވަހެވެ.

މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން ތިމަސްރަސްކަލާނގެ އެ ޤުރުއާން ބާއްވައިލެއްވީ ލައިލަތުލްގަދްރި ވިލޭރޭގައެވެ"

ލައިލަތުލް ގަދްރިވިލޭރޭގެ މާތްކަން ބަޔާންކޮށްދެއްވަމުން މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ލައިލަތުލްގަދްރި ވިލޭރޭ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."

މިއަދުގެ ޚުޠުބާގައި މިދުވަސްތަކުގެ ތެރެއިން އަންނަ އޮނަހިރިރޭތަކުގައި އަޅުކަން ކުރުމަށް ހަނދުމަކޮށްދީ އެރެއާ ބެހޭ ގޮތުން ކިޔައިދީ، އެރޭ ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލައި ނަސޭހަތްތެރިވެފައިވެއެވެ.