މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ އެނބުރި ދަނޑަށް ނިކުމެވޭވަރު ވާނީ އަންނަ ސީޒަނުގައި ކަމަށް އެކްލަބުން ބުނެފިއެވެ.

މިސީޒަނުގައި އަޔަކްސް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ، މިސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންސް ލައިނުގައި މުހިއްމު ދައުރެއް އަދާ ކުރަމުން އަންނަ މާޓިނޭޒަށް އަނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔުރޮޕާ ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅެނިކޮށެވެ.

"މާޓިނޭޒްގެ ފައިތިލައިގެ ކަށިކޮޅުގައި ވަނީ ރެނދުއަޅާފައި. މިސީޒަނުގެ ބާކީ އޮތް އެއްވެސް މެޗެއްގައި އޭނާ ނުފެންނާނެ. އަނިޔާއިން ސަލާމަތްވެ މާޓިނޭޒް ކުރިއަށް އޮތް ސީޒަނަށް ފިޓްވާނެ" މެންޗެސްޓަރ ޔުނައިޓެޑުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މާޓިނޭޒަށް އަނިޔާވެ ސީޒަން ނިމިފައިވާއިރު ޑިފެންޑަރު ރަފޭލް ވަރާން އާއި ފޯވާޑް މާކަސް ރަޝްފާޑްވެސް ހުރީ އަނިޔާގައެވެ.