މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، 114 ވޯޓުގެ ތަފާތަކުން އެމްޑީޕީ ކާމިޔާބުކޮށްފިއެވެ. ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން 1340 ވޯޓު ލިބިގެން ކާމިޔާބު ކޮށްފައި މިވަނީ ކެންޑިޑޭޓް އިބްރާހިމް ޝާޒެވެ. އިދިކޮޅު ޕާޓީ ޕީޕީއެމަށް ލިބުނީ 1226 ވޯޓެވެ.

ވޭތުވެދިޔަ ތިން ދައުރު ނިމިގެންދިޔަ 14 އަހަރުވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. އެ ގޮނޑި ހުސްވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ގޮނޑި ހުސްވީ ކެންސަރު ބަލީގައި ރިޒާ އަވަހާރަވުމުންނެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދުއާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލުގައިވެސް ވޯޓު ފޮށި ބެހެއްޓިއެވެ. ގުރައިދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުންވެސް ކުރި ހޯދީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒެވެ. އެއް ނަންބަރުވޯޓު ފޮށިން ކުރި ހޯދީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވުމާއެކު، މިހާތަނަށް ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒެވެ. ޝާޒުގެ ކާމިޔާބީ އަށް އެމްޑީޕީން ވަނީ ޝާޒްއަށް މަރުހަބާ ދަންނަވައިފައެވެ. އަދި މިކާމިޔާބީގެ އުފާފާޅު ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީން ވަނީ ދާއިރާގެ ޕާޓީގެ މެމްބަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މި އިންތިހާބުގައި ގުރައިދޫގެ ގޮނޑި ޝާޒް ކާމިޔާބު މިކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއާއި އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފާ ވާދަކުރައްވައިގެންނެވެ.