ނޯވޭގެ ނުރައްކާތެރި ފޯވާޑް އާލިންގ ހާލަންޑުގެ ދެލަނޑާއި ޑިފެންޑަރު ޖޯން ސްޓޯންސްގެ ލަނޑުން 3-1 އިން ލެސްޓަރ ސިޓީ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ 3 ޕޮއިންޓް ކައިރިއަށް މެންޗެސްޓަރ ސިޓީ މިރޭ ޖެހިލައިފިއެވެ.
މިމެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ސިޓީއިން ވަނީ ދެލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގައި ސްޓޯންސް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 13 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ސިޓީގެ ލީޑް ހާލަންޑް ފުޅާކޮށްދިނީ 25 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައެވެ. މިލަނޑާއެކު މިސީޒަނުގައި ޕްރިމިއަރ ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު 32 އަށް އެރީއެވެ. މިއާއެކު އެއްސީޒަނެއްގައި 32 ލަނޑު ޖަހައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހް ހަދާފައިވާ ރެކޯޑާ (ޕްރިމިއަރ ލީގުގައި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް) އެއްވަރުވީއެވެ. ލީގުގައި ސިޓީއަށް ބާކީ 8 މެޗް އޮތުމާއެކު ސަލާހުގެ ރެކޯޑް ހާލަންޑް މުގުރާލާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މިހަފްތާގައި ޗެމްޕިއަންސް ލީގް ކުއާޓާފައިނަލް ދެވަނަ ލެގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އޮތުމާއެކު ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ދެވަނަ ހާފުގައި ހާލަންޑަށް ކުޅުމުގެ ފުރުސަތު ނުދީ އޭނާގެ ބަދަލުގައި އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ކުޅެން އަރުވާފައެވެ.
މިމެޗުގައި ލެސްޓަރ ސިޓީގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 75 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ކެލެޗީ ނަޗޯއެވެ.
މިމޮޅާއެކު ތާވަލުގެ 2 ވަނައިގައި ސިޓީ އޮތީ 70 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އާސެނަލް އޮތީ 73 ޕޮއިންޓާއެކުއެވެ. ލީގުގައި ސިޓީއަށް ކުރިއަށް އޮތީ މިމަހުގެ 27 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.