ތާވަލުގެ ދެވަނައިގައި އޮތް ލެންސް 3-1 އިން ބަލިކޮށް ޕީއެސްޖީއިން ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ކައިރިއަށް މިރޭ ޖެހިލައިފިއެވެ.

ޕީއެސްޖީގެ މަޝްހޫރު ޑިފެންޑަރު އަޝްރަފް ހަކީމީއަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ 19 ވަނަ މިނެޓުގައި ސާލިސް އަބްދުލް ސަމަދަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ލެންސް ގޯލު ޕީއެސްޖީއިން ފޫއަޅުވާލީ ވިޓިންހާ ތަނަވަސްކޮށްދިން ފުރުސަތަކުން ކިލިއަން އެމްބައްޕޭއެވެ. މިބޯޅަ ގޯލަށް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުމަށްފަހުއެވެ. މިލަނޑު ޖެހުމަށް ކުޅުންގަނޑު އަތުރާލުމުގައި ލިއޮނަލް މެސީގެ ދައުރު ބޮޑެވެ.

ސަމަދަށް ރަތްކާޑް ދައްކާފައި ވަނީ ހަކީމީގެ ކަނާތު ހުޅުމައްޗަށް ކަހަލަ ގޮތަކަށް ފައިން އެރުމުންނެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑަކީ ވިޓިންހާ ލެންސްގެ ޑިއޭރިޔާ ބޭރުން އުއްޑައެއްހެން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ. ބޯޅަ ގޮސް ގޯލަށް ވަތްއިރު ލެންސްގެ ކީޕަރު ބޯޅައިގައި އަތްލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ހަމަލާގެ ބާރުކަމުން ބޯޅައިގައި އޭނާއަށް އަތްލެވޭ ގޮތެއް ނުވިއެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު އެމްބައްޕޭގެ ރީތި ޕާހަކުން ކާމިޔާބު ކުރީ މެސީއެވެ. މިއީ މިސީޒަނުގައި ލީގުގައި މެސީ ޖެހި 20 ވަނަ ލަނޑެވެ. ލެންސްގެ ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރެންކޮސްކީއެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ޕީއެސްޖީ އޮތީ 72 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލެންސް އޮތީ 63 ޕޮއިންޓެވެ. ލީގުގައި ދެޓީމަށްވެސް ބާކީ އޮތީ 7 މެޗްކަން ފާހަގަ ކޮށްލެވެއެވެ.