މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އަތުން 3-0 އިން ބަޔާން މިޔުނިކް ބަލިވި މެޗުގައި ޓީމް މޭޓް ލެރޮއީ ސާނޭ އަނގަ މަތީ ޖެހި މައްސަލައިގައި ބަޔާން މިޔުނިކުން ސާޑިއޯ މާނޭ 300،000 ލައްކަ ޑޮލަރުން (4.6 މިލިޔަން ރުފިޔާ) ޖޫރިމަނާ ކޮށްފިއެވެ.

މާނޭ ބޮޑު އަދަދަކުން ބަޔާން މިޔުނިކުން ޖޫރިމަނާ ކޮށްފައި މިވަނީ، އޭނާއަށް އަދަބު ދިނުމުގެ ގޮތުން މިދިޔަ ހަފްތާގައި ޖަރުމަނު ބުންޑަސް ލީގާގައި ހޮފެއިންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ބާކީ ކުރުމަށްފަހުއެވެ.

ޗެމްޕިއަންސް ލީގް ކުއާޓާފައިނަލް ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުރިއަށް އޮތް ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު ކޯޗް ތޯމަސް ޓުޗެލް މިހާރު ވަނީ ސްކޮޑުގައި މާނޭ ހިމަނާފައެވެ. ޓުޗެލް ބުނީ މާނޭ އާއި ސާނޭއާ ދެމެދު ޖެހުނު މައްސަލައިގެ އަސަރު ދެވަނަ ލެގަށް ކުރާނެ ކަމަށް އޭނާ ނުދޭ ކަމަށެވެ.

ބަޔާނުން މާނޭ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ގެނައީ އޭނާއަށް މުސާރައިގެ ގޮތުގައި އަހަރަކު 17 މިލިޔަން ޑޮލަރު ދޭގޮތަށެވެ. އެކަމަކު ޖަރުމަނުގެ ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ބަޔާނުން މާނޭ ވިއްކާލާނެއެވެ.