ބްރެޒިލް ގައުމީ ޓީމާއި ރެއާލްގެ ކުރީގެ މަޝްހޫރު ވާތު ބެކް މާސެލޯގެ ދަރިފުޅު އެންޒޯ އަލްވެސް ވިއެރާ، ބްރެޒިލަށް ފުރަގަސް ދިނުމަށްފަހު ސްޕެއިން ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

މިފަހުން ސްޕެއިނުން އެކުލަވާލި 15 އަހަރުން ދަށުގެ ޓީމުގެ ސްކޮޑުގައި އެންޒޯ ހިމަނެމުން މާސެލޯ ވަނީ މިއީ ލިބުނު ޝަރަފެއް ކަމުގައި ބުނެފައެވެ. ސްޕެއިނުގެ 15 އަހަރުން ދަށުގެ ޓީމު ތައްޔާރު ވަމުން އަންނަނީ މިމަހުގެ ފަހު ކޮޅު ސްޕެއިނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕައިނޭޓާ ސްޕަރ ކަޕަށެވެ. މިމުބާރާތުގައ ސްޕެއިނުގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތް ވާދަކުރާނެއެވެ.

ބައްޕަ މާސެލޯއާ ހިލާފަށް ފޯވާޑަކަށް ކުޅެމުން އަންނަ އެންޒޯ އުފަންވެ އުޅެ ބޮޑުވީ ސްޕެއިނުގައެވެ. މާސެލޯ މިވަގުތު ބްރެޒިލްގެ ފުލުމިނޭސްއަށް ކުޅެމުން ދިޔަނަމަވެސް މީގެ ހަތަރު މަހެއްހައި ދުވަސް ކުރިން ރެއާލް މެޑްރިޑުގެ ޔޫތު އެކަޑަމީއާ ގުޅި އެންޒޯ އަންނީ އެއެކަޑީމީގައި ތަމްރީންތައް ހަދަމުންނެވެ.

އެންޒޯ މިވަގުތު ސްޕެއިން ގައުމީ ޓީމު އިހްތިޔާރު ކުރިނަމަވެސް، ސީނިއަރ ލެވެލްގައި ބްރެޒިލް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.