ޔުއެފާ ޗެމްޕިއަންސް ލީގުގެ ފަހު ދެޖާގަ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި އިޓަލީގެ އިންޓަމިލާން ރޭ ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީ ސެމީފައިނަލުން ޖާގަ ހޯދީ ދެވަނަ ލެގުގައި ޖަރުމަނުގެ ވަރުގަދަ ބަޔާން މިޔުނިކާ ދެކޮޅަށް ރޭ ކުޅުނު ދެވަނަ ލެގް 1-1 އިން އެއްވަރުކޮށް ދެލެގުގެ އެގްރިގޭޓުން 4-1 އިން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަޔާން މިޔުނިކުން އަވަސް އެޓޭކިންގ ގޭމެއް ކުޅުނުއިރު ވިންގަރ ލެރޮއީ ސާނޭ އާއި ކޯޑީ ކޯމަން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނެވެ. އެކަމަކު އެންމެ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފުގައި ލިބުނީ ސިޓީއަށެވެ. ބަޔާންގެ އޭރިޔާގެ ތެރެއިން އުޕަމެކާނޯ އަތުގައި ޖެހުނު ކަމަށް ބަލައި ސިޓީއަށް ދިން ޕެނަލްޓީ ފޯވާޑް އާލިންގ ހާލަންޑް ފޮނުވާލުމުން ދިޔައީ ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި 57 ވަނަ މިނެޓުގައި ސިޓީއަށް ލީޑް ނަގައިދިނީ ހާލަންޑެވެ. ބަޔާނުން އެއްވަރު ކުރީ ސިޓީގެ ޑިފެންޑަރު އަކަންޖީ އަތުގައި ޖެހުނު ކަމަށް ބަލައި ރެފްރީ 80 ވަނަ މިނެޓުގައި ދިން ޕެނަލްޓީއިންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކެޕްޓަން ކިމިޗެވެ. މިލަނޑުގެ ދެމިނެޓެއްހައިއިރު ކުރިން ސިޓީ ކުޅުންތެރިން އަތުން ބައިކޮޅަށް ލަނޑެއް ނުވަނީވެސް ކިރިޔާއެވެ.

މިއީ ޗެމްޕިއަންސް ލީގް ސެމީފައިނަލުން ޖެހިޖެހިގެން ސިޓީއިން ޖާގަ ހޯދި ތިންވަނަ ސީޒަންކަން ފާހަގަ ކޮށްލެވެއެވެ.

ބަޔާންް އާއި ބާސެލޯނާއާއެކު އެއްގްރޫޕެއްގައި ހިމެނުނު އިންޓަމިލާން ސެމީފައިނަލުން ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗް 3-3 އިން އެއްވަރުވިނަމަވެސް ދެލެގުގެ އެގްރިގޭޓުން 5-3 އިން އިންޓައަށް ކުރި ލިބޭތީއެވެ.

ސެމީގައި ސިޓީ ބައްދަލު ކުރަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ. މިދިޔަ ސީޒަނުގައި ސެމީފައިނަލުން ސިޓީ ކެޓި ރެއާލް އަތުންނެވެ. ސެމީގައި އިންޓަ ނިކުންނާނީ ވާދަވެރި އޭސީ މިލާނާ ދެކޮޅަށެވެ.

ސެމީގެ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައި ވަނީ މެއި 8 އަދި 9 ގައެވެ. ދެވަނަ ލެގް ކުޅޭނީ މެއި 16 އަދި 17 ގައެވެ.