ކޮންމެ އަހަރެއްގެވެސް ވަޅު އީދު ދުވަހު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު އީދު އުފަލުގައި ބައިވެރިވެވަޑަިގެންފިއެވެ.

މިހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މަރުކަޒުގައި ތިއްބެވި ފަރާތްތަކާއި ބައްދަލުކުރައްވައި އެފަރާތްތަކާއެކު އީދުއުފަލުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން އީދު ހަދިޔާ ބަދަލުކުރުމާއި އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވާފައެވެ. މީގެ އިތުރުން އެ ފަރާތްތަކާއެކު އީދުގެ އެކި ކަހަލަ ކުޅިވަރުތަކުގައި ވެސް ފަސްޓްލޭޑީ ބައިވެރިވެވަޑައިގަތެވެ.

2000 ވަނައަހަރު މި ހަރަކާތް ކުރިއަށް ގެންދަން ފެށި ފަހުން މިއަދާ ހަމައަށްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް އީދުގައި ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮވިޑް-19ގެ ދުވަސްވަރުވެސް، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން ވަނީ، މިހަރަކާތް މެދުކަނޑާނުލައި ކުރިޔަށް ގެންގޮސްފައެވެ. 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރު މިހަރަކާތް ކުރިޔަށް ގެންދިޔައީ ވާޗުއަލް ކޮށެވެ. ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2019 ވަނަ އަހަރު ވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވިއެވެ. އަދި ޢަމަލީ ގޮތުން މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ ވަރޗުއަލްކޮށް މިހަރަކާތް ކުރިޔަށް ގެންދިޔައިރުވެސް އެކަމަނާ މިހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކާއި އެކު ޢީދުގެ އުފާ ހިއްސާކޮށް އެފަރާތްތަކަށް އީދު ހަދިޔާ ދިނުމުގެ ގޮތުން، 2000 ވަނަ އަހަރު ފެށުނު މި ޕްރޮޖެކްޓަކީ އެއްދުވަހަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް މެދުނުކެނޑި ކުރިއަށް ގެންދާތާ މިއީ 23 ވަަނަ އަހަރެވެ. އެހެންކަމުން ދެއަހަރު ފަހުން، ގަރލް ގައިޑް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ، ޢީދު ޕްރޮޖެކްޓްގެ ހަރަކާތުގެ ރިހިޔޫބީލް ފާހަގަ ކުރެވިގެންދާނެއެވެ.