ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި އޭޕްރީލް 17 ވާ ބުރާސްފަތި ދުވަހުން ފެށިގެން (ބިންލައިނަރ) ޕްލާސްޓިކް ޑަސްޓްބިން ކޮތަޅު ވިއްކަން ފަށާނެ ކަމަށް ބުނެފިއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ ގުޅިގެން ވެމްކޯއިން ފޯރުކޮށްދޭން ޖެހޭ ކޮތަޅު އެކުންފުނިން ވިއްކަން ފަށާ ވާހަކަ އިއުލާން ކޮށްފައި މިވަނީ، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

ވިޔަފާރިތަކުން ދޫކުރާ ކޮތަޅުން ރުފިޔާ ނަގަން ލާޒިމެވެ. ނަމަވެސް ކުނި މެނޭޖް ކުރުމާ ގުޅޭ އިދާރާ އިން ފޯރުކޮށްދޭ ކޮތަޅުން ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ. އެހެނެއްކަމަކު ގާނޫނަކުން އަމަލު ކުރަން ފެށިއިރު ވެސް އެކަން އޮތީ ނުވެއެވެ.

ކަންތައް މިހިސާބަށް ގޮސް، އާންމު ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ކަންބޮޑުވުމަކަށް މިކަން ވެފައިވަނިކޮށް ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ވެމްކޯ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ބިންލައިނަރ ގަންނަން ލިބޭނެ ކަމަށް މިވަނީ ބުނެފައެވެ.

ވެމްކޯއިން ވަނީ ތިން ސައިޒެއްގެ ކޮތަޅެއް ވިއްކަން ވަނީ ނިންމާފައެވެ. އެއީ

  • 17"11 ގެ ކޮތަޅާއި
  • 27"18ގެ ކޮތަޅާއި
  • 36"48 ސައިޒުގެ ކޮތަޅެވެ.

މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދުކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެން ކޮތަޅުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ކޮތަޅު ހަމައެކަނި ކުނި އުކާލުމަށް ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ކޮތަޅު ވިއްކާ ކަމަށް އަންގާފައިވީ ނަމަވެސް ކޮތަޅު ވިއްކާ އަގު އާންމުކޮށްފައެއް ނުވެއެވެ.