ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝާޒު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ. ޝާޒް ހުވާ ކުރެއްވުން އޮތީ މިއަދު ހެންދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

ޝާޒް އަށް ހުވާލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ. އަދި މަގާމުގެ ހުވާ ކުރުއްވުމަށްފަހު ޝާޒް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ޝާޒް އާއި އޭނާ ނިސްބަތްވާ އެމްޑީޕީއަށް މަރުހަބާ ވިދާޅުވެފައެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޝާޒްގެ އިތުރުން ވާދަކުރައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތި ލެއްވި ކުރިން އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް، އަދި އެމްއެންޕީގެ ފަރާތުން އަލީ އަރީފް އެވެ.

ޝާޒް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 1346 ވޯޓާ އެކު އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް 1226 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 122 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ވަނީ އެ މަގާމު ފުރުވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ، ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެންނެވެ.

ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ފާއިތުވި 14 އަހަރު އެ ގޮނޑި ފުރަމުން ދިޔައީ ޕީޕީއެމުންނެވެ. ނަމަވެސް ޝާޒް އެ އެ އިންތިހާބު ކާމިޔާބު ކުރުމާއެކު ޕީޕީއެމްއަށް އެ ގޮނޑި ވަނީ ގެއްލިފައެވެ.