ފަރެސްމާތޮޑާއާއި ގުޅިފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ވެލި ބޭރުކުރާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އެދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ފުވައްމުލަކަށް ވެލި ގެންދިޔުމަށް ފަރެސްމާތޮޑާއާއި ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ނެގުމަށް އީޕީއޭއިން ހުއްދަދީފައި ނުވާއިރު، މިގޮތަށް ވެލިގެންދިޔުމަކީ ގަވާއިދާ ޚިލާފަށް ކުރަމުންދާ ކަމަކަށް ވުމުން ފަރެސްމާތޮޑާ ސަރަހައްދުން ކޮނެގެން ވެލިނަގާ ވެލި ބޭރުކުރުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ މެމްބަރު ހުސެއިން މަޖިލީހަށް ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގަވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެހިސާބުން މި މައްސަލަ މިހާރު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ހުސެއިން ބުނެފައިވަނީ ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީ ކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި، އެޕްރޮޖެކްޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުން ކުރުން އެންމެ ރަނގަޅުކަމަށް އީޕީއޭއިން އަންގާފައިވާ ކަމަށެވެ. މިހެން އަންގާފައިވަނިކޮށް ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ރަނގަޅުފެންވަރެއްގައި ހެދުމަށްޓަކައި އެއާޕޯޓު ޕްރޮޖެކްޓުގެ ތެރެއިން ގެންދިޔުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން އަދި އެމްޓީސީސީއާ ދެމެދު މަޝްވަރާކުރެވި، ވެލި ނުލިބުނުގެ ސަބަބުން އެމަސައްކަތް ނުފެއްޓުނު ކަމަށެވެ. ފަރެސްމާތޮޑާގެ ދެކުނުފަރާތް ހިއްކުމަށްޓަކައި ފަސް ނެގުމަށް ސާވޭގައި ހިމެނިފައިވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށެވެ.

އެހެން ނަމަވެސް ފަރެސް މާތޮޑާއާ ގުޅިފައިވާ ސަރަހައްދު ކޮނެގެން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކަށް ގެންދިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެކަމުގެ ސަބަބުން އެސަރަހައްދުގެ ވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މެމްބަރު ހުސެއިން ވަނީ ބުނެފައެވެ.