ފަރެސްމާތޮޑާއިން ވެލި ބޭރުކުރާ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލިޔަސް މިއީ ކަންބޮޑުވުމެއް ނެތް ހަމަ އާދައިގެ މައްސަލައެއްގެ ގޮތުގައި ނިންމޭކަށް ނެތެވެ. ފަރެސްމާތޮޑާއަކީ ގިރުމުގެ މައްސަލަ ދިމާވާ ރަށަކަށް ވެފައި ރަށަށް އެއްވެސް ގެއްލުމެއް ނުވާނެއޭ ކިތަންމެ ބާރުލާފައި ބަޔަކު ބުނިކަމުގައި ވިޔަސް މިކަމުން ރަށަށް ގެއްލުން ނުވެނުދާނެއެވެ.
ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދު ކޮނެގެން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކަށް ގެންދިޔުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށާއި އަދި އެކަމުގެ ސަބަބުން އެސަރަހައްދުގެ ވެއްޓަށް ގެއްލުން ނުލިބި ނުދާނެކަމެއް ކަމަށް ބަޔާނެއް ނެރުމުން އެއީ ދިރާސާކޮށްގެން ކުރާ ކަމެކޭ ބުނާއިރު އެކުރި ދިރާސާ އޮތީ ކޮންތާކުތޯ ސުވާލު އުފެދެއެވެ. ރަށުތެރޭގައި ހުރި އެރަށުގެ އަމިއްލަ ކަންތަކަށް ވެލި ބޭނުން ނުކޮށް މާދުރުގައި އޮތް ރަށަކަށް ވެލި ގެންދިއުމުން އެޝަކުވާ ރަށު ރައްޔިތުން އުފުލުމަކީ އެމީހުންގެ ހައްގަކަށް އެދުންފަދަ ކަމެކެވެ.
ފަރެސްމާތޮޑާއަކީ އަބަދުވެސް ގިރުމުގެ މައްސަލަ ބޮޑު ރަށެކެވެ. އުދަ އެރުމުގެ ކަންބޮޑުވުން އޮތް ރަށެކެވެ. އަމިއްލަ ރަށަށް ކަންތައް ކުރަން ބޭނުންވާއިރު އަމިއްލަ ރަށުގެ ފަޅުން ވެލި ނަގައިގެން އެހެން ރަށަކަށް ގެންދިއުމަށް ނުރުހެވޭނެއެވެ. ހަމައެހެންމެ އެއްވެސް ދިރާސާއެއް ނުކޮށް އެއްވެސް ހުއްދައެއް ނެތި މިގޮތަށް ކަންތައް ކުރުމުން އެކަމާ ދެކޮޅަށް ސުވާލު އުފައްދައި ކަންވާގޮތް ބަލަން ބޭނުންވާނެއެވެ.
ކައުންސިލުން ކުރީ ދުވަހެެއްގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ބުނުން އެރަށުގެ އެހެން އާންމު ރައްޔިތުންވެސް ވަނީ ތަކުރާރުކޮށްފައެވެ. ރަށުގައި ހިންގާ ބައެއް މަޝްރޫތައް ވެސް ވެލި ލިބުމުގެ ދަތިކަން އޮތްވަރުން އެންމެ އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވެއެވެ. އޭގެ ތެރެއިން ރަށުރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމާއި ޝަކުވާއަކަށް ވެފައިވަނީ އަމިއްލަ ރަށުގައި (ފަރެސްމާތޮޑާގައި)ހަދަން އުޅޭ ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ވެލި ނުލިބި އެތަން ނުހެދި އޮތުމެވެ. އަދި ހަމަ ރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ކައުންސިލުން ބުނެފައިވާ ވާހަކައަކީ ރަށުމީހުންގެވެސް ބަހެވެ.
ރަށުގެ ބޭނުމަށް އެ ސަރަހައްދުތަކުން ވެލި ނުނެގޭ އިރު، އީޕީއޭގެ ހުއްދަވެސް ނެތި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ކޮނެގެން ޏ.ފުވައްމުލަކަށް ވެލި ގެންދއުމަކިީ މައްސަލައަކަށް ނުވާނެ ގޮތެއް ނެތް ކަމަށް ރަށުމީހުން ބުނެއެވެ. އެހެންނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުމާއެކު މައްސަލަ މިވަނީ ވޯޓުނެތްކަމަށް ބޭރުކޮށްފައެވެ. މަޖިލީހުން ބޭރުކުރިއަސް އަދި ބަލައިނުގަތަސް ރަށުގެ ވެއްޓަށް ގެއްލުން ނުވާ ކަމަކަށް ނުހެދޭނެކަމަށް ދެކޭ މީހުން ގިނައެވެ.