ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ޗެމްޕިއަން މަޝްހޫރު ރެއާލް މެޑްރިޑް އަތުން 4-2 އިން ޖިރޯނާ ރޭ މޮޅުވެއްޖެއެވެ.

ރެއާލްއާ ވާދަވެރި މަޝްހޫރު ބާސެލޯނާ ހިމެނޭ ކެޓަލޯނިއާ ސަރަހައްދަށް ނިސްބަތްވާ ޖިރޯނާގެ ތަރިޔަކަށް މިމެޗުގައިވީ ހަތަރު ލަނޑުވެސް ކާމިޔާބު ކޮށްދިން އާޖެންޓީނާގެ ފޯވާޑް ޓަޓީ ކަސްޓެއްލަނޮސް ،24، އެވެ. މިއީ 1947 ގެ ފަހުން ރެއާލް މެޑްރިޑް ކޮޅަށް އެއްމެޗެއްގައި ކުޅުންތެރިޔަކު ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ކަސްޓެއްލަނޮސް، ރެއާލް މެޑްރިޑް ކޮޅަށް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 12 ވަނަ މިނެޓުގައި އޭރިޔާ ތެރެއަށް ހުރަސް ކުރި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ކުރިން ރެއާލްގެ ރޮޑްރީގޯ އާއި ވަލްވާޑޭ ފޮނުވާލި ދެހަމަލާއެއް ޖިރޯނާގެ ކީޕަރު ދިފާއު ކުރިއެވެ. ކަސްޓެއްލަނޮސް ދެވަނަ ލަނޑު ޖެހީ ރެއާލްގެ ހާފުގެ ތެރެއިން މެދަކާ ހިސާބުން ލިބުނު ބޯޅައެއް، ޑިފެންޑަރު މިލިޓާއޯ އޭނާ ކައިރީ ވިއްދާފައި ހުއްޓައި އަރައި ކީޕަރު ތިބައުޓް ކޯޓުއާ ދެފައި ދެގޯޅިން ގޯލަށް ފޮނުވާލައިގެންނެވެ. ރެއާލްއިން ފަރަގު ކުޑަ ކުރީ 33 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ ކާމިޔާބު ކުރި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ކަސްޓެއްލަނޮސް ހެޓްރިކް ފުރިހަމަކޮށް ޖިރޯނާގެ ލީޑް ފުޅާ ކޮށްދިނެވެ. ކަސްޓެއްލަނޮސް ރެއާލް ކޮޅަށް ހަތަރުވަނަ ލަނޑު ޖެހީ 66 ވަނަ މިނެޓުގައި ބޮލުންނެވެ. މިހަތަރު ލަނޑުގައިވެސް ރެއާލްގެ ޑިފެންޑަރު މިލިޓާއޯއަށް ކަސްޓެއްލަނޮސް ހުއްޓުވުމުގައި އެއްވެސް ކަމެއް ނުކުރެވުނެވެ. ރެއާލްގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ލޫކަސް ވަޒްކުއޭޒްއެވެ.

މިނަތީޖާގެ ސަބަބުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށެވެ. ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ 76 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ އިތުރަށް އެއްމެޗް ކުޅެގެން 65 ޕޮއިންޓާއެކު ރެއާލް އޮތީ ދެވަނައިގައެވެ. މިހާރު ލީގް ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ބާކީ އޮތް 8 މެޗުން ބާސެލޯނާއަށް ބޭނުން ވަނީ 11 ޕޮއިންޓެވެ. ޖިރޯނާ 9 ވަނައިގައި އޮތީ 41 ޕޮއިންޓާއެކުއެވެ.

ޖިރޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://www.youtube.com/watch?v=C9GKcKwnF_U