މާލޭ ސަރަހައްދުގައި ރޭގަނޑު ކުނި ނަގަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށް ވެމްކޯ އިން ބުނެފި އެވެ.
ސިޓީ ކައުންސިލް އާއި ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 15 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު 12:00 އިން ފެށިގެން ކަމަށެވެ. ނަމަވެސް ރޭގަނޑު 10:00 ގެ ކުރިން ކުނި ކޮތަޅު ނެރުމަށް އެ ކުންފުނިން އެދެ އެވެ.
"އަޅުގަނޑުމެން ޓާގެޓަކީ ފަތިސް ނަމާދަށް މާލޭ ރައްޔިތުން ހޭލަންވާއިރަށް މާލޭގެ މަގުތަކުގެ ހުރި ކުނި ނަގާ، ކުނި ކަހާފަ ބޭއްވުން. ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް ޔަގީންކަން އެބަ އޮތް،" އާދަމް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީ މުވައްޒަފުންނަށް ބުރަ މަސައްކަތެއް ކަމަށެވެ. ހާއްސަކޮށް ކޮންމެ ރެއަކު އެއް ގަޑިއަކަށް ނުނިދައި ހޭލާ ތިބެގެން ނުކުމެ މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ވެމްކޯއިން މީގެ ކުރިން ހަމަޖެއްސާފައި އޮތީ ގޭގެއިން އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި މެންދުރު 2:00އާ ދެމެދު ގޭގޭގެ ތިރިއަށް ބާލާފައި ބަހައްޓަން ޖެހޭ ގޮތަށެވެ.